ބީއެމްއެލް ވެސް ބިގްވިން ނަމުގައި ހިންގަނީ ސްކޭމެއް؟

ލިންކް ފޮނުވައިގެން ސްކޭމް ހިންގުމެކޭ އިނާމު ހުށަހަޅައިގެން ޑޮލަރު ބޭރުކުރުމެކޭ އޮތީ ކޮންތަފާތެއް

ބީއެމްއެލް ވެސް ބިގްވިން ނަމުގައި ހިންގަނީ ސްކޭމެއް؟

ޑޮލަރު މާރުކުރުމާއި އެހެނިހެން ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވާން ޖެހެއެވެ. ސްކޭމުން ތަތްތެޅިފައިވާ މިކަހަލަ ތަނެއްގައި އެކަމަށް އިތުރަށް ސަމާލުވާންޖެހެއެވެ. ޑޮލަރު މާރުކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކުރާއިރު ރާއްޖޭގައި ބޭރުފައިސާ ހިފެހެއްޓުމަށް ބީއެމްއެލުން ކުރާކަމެއް ނެތެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވެސް ހިއްވަރު ދެނީ ރާއްޖޭން ޑޮލަރު ގިނަ އަދަދަކަށް ބޭރުކުރުމަށެވެ. 

އެންމެން އެންމެނަށް ހުއްޓާނުލާ ދައްކަނީ ރާއްޖޭގައި ޑޮލަރު މަދު ވާހަކައެވެ. ޑޮލަރުގެ ކަޅު ބާޒާރު އޮތް ވާހަކައެވެ. ބޭންކު ރޭޓުން ޑޮލަރު ގަންނަން ނުލިބޭ ވާހަކައެވެ. ބޭންކަށް ޖަމާކޮށްފައި ހުންނަ އަމިއްލަ ޑޮލަރުކޮޅު ވެސް ބޭނުންވުމުން ބޭނުންވާ ވަރަށް ބޭންކުން ދޫނުކުރާ ވާހަކައެވެ. 

ރާއްޖޭގައި އުޅޭ ބޭރު މީހުން ކޮންމެ ދުވަހަކު އެތައް ލައްކަ ޑޮލަރެއް ރާއްޖޭން ބޭރު ކުރާކުރުމުގެ ކަންބޮޑުވުން ނިހާޔަތަށް ބޮޑެވެ. ބޭރުކުރާވަރާ ގާތަށް ވެސް ބޭރު ފައިސާ ރާއްޖެއަށް ނުވެއްދޭ ވާހަކައަކީ ވިޔަފާރިވެރިންނާއި ސިޔާސީ މީހުން އަބަދުމެ ދައްކާ ވާހަކައެކެވެ. 

ލިންކް ފޮނުވައިގެން ސްކޭމްތައް ހިންގާ މީހުންނެކޭ އިސްތިހާރުކޮށް އިނާމު ހުށަހަޅައިގެން ރާއްޖޭން ޑޮލަރު ބޭރުކުރުވުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޑޮލަރު ބޭރުކުރާ މީހުންގެ ތެރެއިން ކަނޑައެޅޭ ފަސް ފަރާތަކަށް ކޮންމެ ހަފްތާއަކު އިނާމުދީގެން ހިންގާ "ބިގް ވިން" އަކީ ވަކިން ކުޑަ ސްކޭމެއް ނޫނެވެ. 

ހަފްތާއަކު ފަސް ފަރާތަށް ކޮންމެ ފަރާތަކަށް 5000 ރުފިޔާ ދޭގޮތަށް ސްކޭމެއް ހިންގާނީ ގައިމު ފައިދާފަށެއް ކޮންމެ ޓްރާންސެކްޝަނަކުން ވާތީތާއެވެ.

ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމުގެ ކުޑަވެސް ނިޔަތެއް އޮތްނަމަ ގައުމީ ބޭންކުން އެޒާތުގެ ސްކޭމެއް ނުހިންގާނެއެވެ. ބީއެމްއެލް ނޫން އެހެން ބޭންކަކުން ބޭރު ފައިސާ ބޭރުކުރިޔަ ނުދިނުމުގެ ނިޔަތުގައި ކުރާކަމެއް ނަމަވެސް އެއްޔަކީ ގައުމީ ބޭންކުން ކުރާކަށް ތާހިރު ކަމެއް ނޫނެވެ.