ފަށާއިރު ހައްތަހާވެސް ފޮޅި!

ނުނެގެހެއްޓިއްޖެ ކޮންމެ މީޑިއާއެއް އޭގެ ޒާތުގައި ނެތިގެން ދާނެ

ފަށާއިރު ހައްތަހާވެސް ފޮޅި!

ނޫސްވެރިކަމުގެ ހައްގު ކަށަވަރު ކުރުމުގައި ހުރިހާ ނޫސްތަކާއި ނޫސްވެރިން ޖުމްލަކޮށް ގިނަ ކަންކަމުގައި އެކައްޗެއް ކިޔައެވެ. ނޫސްވެރިކަން ކުރަނިކޮށް ނޫސްވެރިން ހައްޔަރު ކުރުމަކީ ހުރިހާ ނޫސްތަކާއި ނޫސްވެރިން ދެކޮޅުހަދާ ކަމެކެވެ. އެއްވެސް ފަރާތަކުން ނޫސްވެރިކަމުގެ މަސްދަރު ހާމަ ކުރުވަން އުޅޭ އުޅުމާ އެއްބަސްވާ ނޫހެއް ނޫސްވެރިއެއް އުޅޭހެނެއް ހިޔެއް ނުވެއެވެ. ނޫސްވެރިންނަށް ޖިސްމާނީ ހާނީއްކަ ކުރުމާ ދެކޮޅެވެ. މައުލުމާތު ހޯދާލިބި ގަތުމަށް ހުރަސްއެޅުމާ ވެސް ދެކޮޅެވެ. ރެގިއުލޭޓަރީ ބޮޑީއަކުން އެއްވެސް މީޑިއާއެއް ބޭން ކުރުމަކީ ގަބޫލުކުރެވޭ ކަމެއްނޫނެވެ. މި ނޫނަސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކުރުމަކީ މުޅި މީޑިއާއިން ދެކޮޅުހަދާ ކަންކަމެވެ.  

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ވާހަކަ ދައްކާއިރު ނުދައްކާ ވާހަކައެއް އޮވެއެވެ. ނަން ހިނގާ ބޮޑެތި މީޑިއާތަކުން ވެސް އަލަށް ފަށައިގަންނަ އެކިވަރުގެ މީޑިއާތަކަށް ކުޑައިމީސް ކުރާކުރުމުގެ ވާހަކައެވެ. އެތައް ބައިވަރު ނޫސްތައް ނެރެ ނޫސްވެރިކަން ފްލަޑްކުރާ ކަމަށްވެ އަލަށް ފަށައިގަންނަ ކޮންމެ މީޑިއާއަކީ ފޮޅިއެއްގެ ގޮތުގައި ބައެއް ނޫސްވެރިން ވެސް ސިފަކުރެއެވެ. 

އެއްވެސް ނޫހަކީ އުފެދޭ ދުވަހު ލައްކައިން މިލިޔަނުން ފޮލޯވަރުން ތިބޭ ބައެއް ނޫނެވެ. މީޑިއާއެއްގެ ކިއުންތެރިންނާއި ބެލުންތެރިން އިތުރުވަނީ ގިނަ ދުވަސްވުމާއި ގެނެސްދޭ ކޮންޓެންޓްގެ މަގުބޫލުކަމުގެ މައްޗަށެވެ. ގިނަދުވަސް ވުމަކުންވެސް ރަނގަޅު ކޮންޓެންޓާ ނުލާ އެކަމެއް ނުވެއެވެ.

ރާއްޖޭގައި ކިތަންމެ ބައިވަރު މީޑިއާއެއް ވުޖޫދުވެފައި އޮތަސް ދެމެހެއްޓެނި ގޮތެއްގައި ނުނެގެހެއްޓިއްޖެ ކޮންމެ މީޑިއާއެއް އޭގެ ޒާތުގައި ނެތިގެން ދާނެއެވެ. އެކަމަކާ ބަޔަކު މޭކަރާ ހަޖަމު ނުވެގެން އުޅޭކަށް ނުޖެހެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އޮންނަނީ ވަކިވަކި މީޑިއާތަކަކަށް އެކަންޏެއް ނޫނެވެ.

ގާނޫނީ ހަމަތަކުގެ މަތިން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް މީޑިއާއަކީ މީޑިއާއެއް ނޫންކަމަށް ބެލުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ. މަޝްހޫރު ބޮޑެތި ބްރޭންޑްތައް ވެސް އެހިސާބަށް ދަނީ ފަށާއިރަކު ނޫނެވެ. ވަކި މަސްލަހަތެއްގައި ވަކި ނަޒަރިއްޔާއެއްގައި ހިންގަން ފަށާ މީޑިއާތައް އެގޮތުގައި އޮތުމަކީ މާސް މީޑިއާގެ ދުޅަހެޔޮކަން އިތުރުވާ ކަމެކެވެ. މީޑިއާ ކޮމިއުނިޓީ ބޮޑުވާ ކަމެކެވެ. އެކަމާ ވާންޖެހޭނީ އުފަލެވެ. 

ހަވީރާއި އާފަތިހާ އެކަނި ރާއްޖޭގެ މީޑިއާ މޮނަޕޮލައިޒްކޮށްގެން ވަކިބައެއްގެ މިލްކެއްގެ ގޮތުގައި އޮތް އޮތުން މިހާރު މިއޮތީ ނިމިފައެވެ. ނޫސްވެރިކަން ކުރުމަކީ ވަކި ބަޔަކަށް އެކަނި ހުއްޓި ތަޅުލެވިފައިވާ ހައްގެއް ނޫނެވެ. މީޑިއާގެ މިނިވަން ކަމުގެ ހައްގުގެ ވާހަކަ ދައްކާއިރު ގާނޫނީ ހަތަކުގެ މަތިން ރަޖިސްޓްރީކޮށްގެން ހިންގާ "ތޮޅިއަކަސް ފޮޅިއަކަސް" އެ ހައްގުން މަހުރޫމެއް ނުކުރެވޭނެއެވެ. 

މީޑިއާއެއް މީޑިއާއަކަށް ވަނީ ވަކިވަރަކަށް ދުވަސްވުމަކުން ނުވަތަ ވަކިބަޔަކު ހިންގަން ތިބެގެނެއްނޫނެވެ. ކިތަންމެ ހަގަސްް ކިތަންމެ ދޮއްޓަސް ކޮންމެ މީޑިއާއަކީ މީޑީއާއެކެވެ. ފޮޅިއެއް ނޫނެވެ.