15000މީހުނަށް ވަޒީފާ ދީގެން ޓްރާންސްޕޭރެންސީ ރަތަށް
މަޖިލީހުގެ އިތުބާރު ނެތް ރައީސްގެ ފަތިފުށް ޓްރާންސް ޕޭރެންޓް ކޮށްލަބަލަ!
ކޮންމެ ރިޔާސީ އިންތިހާބެއް ބޯމަތި ވާއިރަށް މާ ދެފުށް ފެންނަ ބަޔަކު ފެން މަތިވާނެއެވެ. ނެރޭ ރިޕޯޓްގެ ޓްރާންސް ޕޭރެންޓްކަމުން އިދިކޮޅު ޕާޓީއެކޭ ތަފާތެއް ނުހުންނަ ވަރުގެ ރިޕޯޓް ނެރެ ހާމަ ކުރާނެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޓްރާންސްޕޭރެންޓް ކަމުން އޮންނަ ސަރުކާރަކަށް ކުރެވޭ ހެޔޮ އެއްކަމެއް ނޯވެއެވެ. ބައިނަލް އަގްވާމީ ޖަމާއަތްތަކުން ފައިސާ ހޯދަން އުޅުނަސް ތިޔައީ ބޮޑުވަރެވެ. ޓްރާންސްޕޭރެންސީން ކުރާ ވިޔާފާރީގެ ބަޔެއްގެ ގޮތުގައި ނެރޭ ސިޔާސީ ރިޕޯޓްތައް އޮންނަނީ ހަދާފައެވެ.
ފާއިތުވި ދެ އަހަރު ސަރުކާރު ކުންފުނިތަކުން 15،000 ވަޒީފާ އުފެއްދައިގެން ކަން ބޮޑުވެގެން އުޅޭނެ ކަމެއް ނެތެވެ. އުފެއްދި ވަޒީފާ ތަކުގެ މުސާރަ ލިބެނީ ދިވެހި ރައްޔިތުންނަށެވެ. ވަޒީފާ ނެތި ރަށްރަށުގައި ތިބި އާއްމު ފަރުދުންނަށެވެ. ވަޒީފާތަކުގެ ސަބަބުން ފޯރުން ތެރިކަން އިތުރުވެގެން ދަނީ ދިވެހި ރައްޔިތުންގެއެވެ. މި ސަރުކާރު ވެރިކަމަށް އައީ ވީހާވެސް ގިނަ ރައްޔިތުންނަށް ވަޒީފާ ހޯދަދޭށެވެ.
އާނއެކެވެ. ސަރުކާރު ކުންފުނިތަކުން 2019 އިން ފެށިގެން 2021 ގެ ނިޔަލަށް އުފެއްދީ 10،000 ވަޒީފާއެވެ. އެއީ އޭރު ބޭނުންވާ ވަރެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ގާއިމުކޮށް ތަރައްގީ ކުރެވުނު އަސާސީ ހިދުމަތްތައް އެއްފަހާރާ އިތުރުވެގެން ދިޔުމުން މި އަހަރު އެ އަދަދު 25،000 އަށް އިތުރުވެގެން ދިޔުމަކީ ސިއްސައިގެން ދާވަރުގެ ކަމެއް ނޫނެވެ.
ކުރާނެ މަސައްކަތެއް ނެތް އެންމެ ވަޒީފާއެއް ވެސް ސަރުކާރު ކުންފުނި ތަކަކުން ވޭތުވެ ދިޔަ ދެ އަހަރު ތެރެއަކު ނުއުފައްދައެވެ. ލޮލަށް މިރުސް އެޅިފައި ނެތިއްޔާ ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރެވެމުންދާ ކަންކަން ފެންނާނެއެވެ. ފެނަކާއި ސްޓެލްކޯއިން ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް ދެވޭ ހިދުމަތުގެ ފެންވަރު އެތައް ގުނައަކަށް މަތިކޮށްފިއެވެ. ނަރުދަމާ ނިޒާމު އެތައް ރަށެއްގައި ގާއިމުކޮށް އެކަން ތަރުތީބުން ބަލަހައްޓަން ފެށިއްޖެއެވެ. ސާފު ފެނުގެ ނިޒާމު ކަންކޮޅުތަކުގައި މަތީ ފެންވަރެއްގައި ގާއިމުކޮށް އެ ހިދުމަތްތައް އެހެރަ ދަނީ ދެމުންނެވެ. އެހުރިހާ ކަމަކަށް މުއައްޒަފުން ނުހޯދާ އެ ހުރިހާ ކަމެއް ކޮށްދެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ހެއްޔެވެ.
އެމްޓީސީސީ މެދުވެރިކޮށް ދަތުރު ފަތުރުން ރަށްތަކާ އަތޮޅުތައް ހައި ސްޕީޑްގައި އެހެރަ އަންނަނީ ގުޅެމުންނެވެ. ބަސް ޑްރައިވަރުންނާއި ލޯންޗް ޑްރައިވަރުންނާއި އޮޕަރޭޝަން ސްޓާފުން ގިނަ އަދަދަކަށް ހޯދިއެވެ. އަދިވެސް ހޯދަން ޖެހެއެވެ. އަނެއްކޮޅުން ވައިގެ ބަނދަރުތައް އިތުރުވެ އެތަންތަން އެހެރަ ހިނގަނީއެވެ. ސަރުކާރުގެ ކުންފުނި ތަކުން އެތައް ސަތޭކަ މަސައްކަތެއް އަތުފަތު ނޭޅި ރާއްޖޭގެ އެތަން މިތާ ކުރަމުން ދާތަނެއް ނުފެނޭހެއްޔެވެ.
ކުރިން ނެތް އެތައް ކަމެއް ފެށި ކުރިން ކުރަން ނުޖެހޭ އެތައް މަސައްކަތެއް ރާއްޖޭގެ ކަންކޮޅުތަކުގައި ކުރަމުން ދިޔުމަށް އިންސާނީ ވަސީލަތަށް ވުރެ މުހިންމު އެހެން އެއްޗެއް ނުއޮންނާނެއެވެ. އަސާސީ ހިދުމަތުގެ އެންމެހާ ކަންކަން ނުހުއްޓި ފެންވަރު ހުރި ގޮތެއްގައި ތަރުތީބުން ކުރެވޭނީ މީހުނަށް ވަޒީފާ ދީގެނެވެ. ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބުމާ ދެކޮޅު ހަދާ ޒަތްޒާތަށް ރިޕޯޓް ނެރުނަކަސް އެކަމެއް ނުހުއްޓުވޭނެއެވެ.
ރައްޔިތުން ވެރިކަމަށް ބަޔަކު ގެންނަނީ އެ މީހުންގެ މުހުތާދުތައް ފުއްދުމަށެވެ. ދިވެހި ރައްޔިތުން ބޭނުމީ އެ މީހުން ރަށުގައި ތިބެގެން އަދާކުރާނެ ވަޒީފާ ރަށުގައި އުފެދުމަށެވެ. އަސާސީ ކަންކަމާ ގުޅުން ހުރި ހުރިހާ ހިދުމަތެއް އެއްފަހަރާ ހުރިހާ ރަށެއްގައި ފެށިގެން ކުރިއަށް ދާން ފެށުމުން ވަޒީފާ އުފައްދަން މަޖުބޫރެވެ. އެކަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ނޭނގުމަކީ ވަޒީފާ އުފައްދަން ނުޖެހޭ ސަބަބެއް ނޫނެވެ.
ބުނަން ހެއްޔެވެ. ރައްޔިތުންގެ ފޯރުންތެރިކަން އިތުރުކޮށް ބޭނުންތައް ފުއްދުމުގެ ބޭނުމުގައި ނޫނީ ރައްޔިތުން ވޯޓު ދީގެން ވެރިކަމަކަށް މީހަކު ނުހޮވައެވެ. މަޖިލީހަށް މެންބަރަކުވެސް ނުހޮވައެވެ. ކައުންސިލަރަކު ވެސް ނުހޮވައެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ލިބި އާމްދަނީ ހޯދުމަށް މަގުފަހިވީ ވަރަކަށް އޮންނަ ސަރުކަރާކަށް ރައްޔިތުންގެ ތާއީދު އިތުރު ވަމުން ދާނެއެވެ.
ސިޔާސީ ވާދަވެރިން ސަރުކާރާ ދެކޮޅަށް ދައްކާ ކަހަލަ ވާހަކަ ޓްރާންސްޕޭރެންސީ މޯލްޑިވްސް ދެއްކީމާ އަންނަނީ ހިންޏެވެ. ގެއްލެނީ އިތުބާރެވެ. ހެޔޮ ނިޔަތުގައި ކުރެވޭ ކަންކަން ނަމަ ނަފްރަތު އުފެދުމަށް ޖާގައެއްް ނުދޭނެވެ. ތިޔަހެން ނެރެލާ ސިޔާސީ ރިޕޯޓަކުން ރައްޔިތުންނަށް ހައްގު ކަށަވަރުކޮށެއް ނުދެވޭނެއެވެ.
ހިތްވަރެއް ހުރިއްޔާ ޝަރުއީ ހުކުމާ ދެކޮޅަށް ޕީޕީއެމުން ޖަހަމުންދާ ސަކަރާތާއި ހިއުމަން ރައިޓްސް ކޮމިޝަން ހައިޖެކްކުރި ކުރުން ކުށްވެރިކޮށްލަ ބަލާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ރައީސްގެ ފަތިފުށް ޓްރާންސް ޕޭރެންޓް ކޮށްލަބަލާށެވެ. ނުކެރޭނެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފޮރުވިފައިވާ ސިއްރު އެޖެންޑާއެއް ހާސިލުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ތެރެއިން މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް ހޯދައިގެން ރާއްޖޭގެ ސްކޫލުތަކުގައި ކުދިން ބޮލަށް ޖަހަންއުޅޭ ޗިޕްގެ ވާހަކަ އަމިއްލައަށް ޓްރަންސްޕޭރެންޓް ކޮށްލިއްޔާ މާތާހިރުވާނެއެވެ.