މަޖިލީހުގެ އިތުބާރުނެތް ރައީސް ރިޔާސަތު އެބިއުޒްކުރުން މެކުހަށް
އޮތް ބޮޑުބާރާއި މުރައިދޫ ގަނޑުވަރު ގެއްލެން ރުހެވޭނީ ކިހިނެއް
ރައްޔިތުންގެ މަޖިލިހުގެ ދައުރު އިތުރު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި އެމްޑީޕީ މެންބަރުން މަޖިލީހުގެ ފްލޯރގައި މިއަދުގެ ތަކުރާރުކޮށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގައި ހުރި މުހިންމު މައްސަލަތައް ނުނިންމާ މަޖިލިސް ޗުއްޓިއަށް ނުދިއުމަށް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރިޔާސަތަށް ހުށަހެޅުއްވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ އިތުބާރު ނެތް ރައީސް އެކަމަށް ދެއްވަނީ ބީރު ކަންފަތެވެ.
މަޖިލިސް ކުރިއަށް ދިޔަނުދިނުމަށާއި ހުށަހެޅިފައި ހުރި ކަންކަން ނުނިންމުގެ ބަހަނާއަކަށް ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ދައުރު އިތުރު ކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށެވެ. ރިޔާސަތުގެ ތެދުވެރިކަމެއް އިހުލާސްތެރި ނިޔަތެއް ނެތެވެ. މުހިންމު އެތައް ކަމެއް ނިންމަން މަޖުބޫރުވެފައި އޮތް އިރުވެސް އިތުބާރުނެތް ރައީސް އެ ވިދާޅުވަނީ މަޖިލީހުގެ ދައރު ދަންމާ ލެވޭނީ ރިޔާސަތުން އެދިގެން ކަމަށެވެ.
ބޮޑެތި މުހިންމު ކަންކަން ހުއްޓާ އެކަންކަން ނުކޮށް މަޖިލިސް ޗުއްޓިއަށް ދިޔުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގެން އިންނެވި ވަރު އެކަމުން ސާފެވެ. މަޖިލިސް ގައި މަރު ތަޅު އަޅުއްވައިގެން އުޅުއްވީ ކޮން ބޭފުޅެއް ކީއްވެ ކަންވެން ވެސް ރައްޔިތުންނަށް ސާފެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓާނުލާ ކުރިއަށް ގެންގޮސްފިނަމަ ރިޔާސަތުގެ ގޮނޑި ރައީސް ނަޝީދަށް ގެއްލޭނެކަން އެނގި ވަޑައި ގަންނަވާތީ މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތެވެ.
މަޖިލީހުގެ ދާއިމީ ކޮމެޓީތައް އަލުން ތަރުތީބު ކުރެވޭއިރު ކޮމެޓީތަކުގެ މުގައްރިރު ކަމުގައި ކުރިން ތިއްބެވި ރައީސް ނަޝީދުގެ ވަފާތެރިންނަށް ކޮމެޓީތަކުގެ މުގައްރިރުކަން ގެއްލޭނެއެވެ. އިމްތިޔާޒް ފަހުމީއާއި ހަސަންލަތީފާއި ހަސަން އަފީފާއި އިލްޔާސް ލަބީބް ފަދަ ކުރިން މުގައްރިރުކަމުގައި ތިއްބެވި ބޭފުޅުންނަށް މަގާމް ގެއްލުމަކީ ރައީސް ނަޝީދަށް ކެތްކުރެއްވޭނެ ކަމެއް ނޫނެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ ދެވަޒީރުންނަށް މަޖިލީހުގެ އިތުބާރު އޮތްކަމަށް ފާސްވެގެން ދާތަން ފެނުމަކީ ރައީސް ނަޝީދަށް ހަޖަމް ކުރެއްވޭނެ ކަމެއް ނޫނެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް މަޖިލީހުގެ އިތުބާރު ކަށަވަރު ވުމަކީ ވާދަވެރިން އެދޭނެ ގޮތެއް ނޫނެވެ.
މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް މަޖިލީހުގެ އިތުބާރު ގެއްލި ބޮޑު އަގުލަބިއްޔަތަކުން އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމަކީ ކެނެރީ ލެހިނގާ ކޮންމެ މީހެއްގެލޮލުން ލޭކަރުނަ ފާއްދާލާނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅަން ކެނެރީ ކިޗަން ކެބިނެޓަށް އޮތް ފުރުސަތު ގެއްލިގެން ހިނގައްޖެ ކަމަށް ގަބޫލު ކުރެވުމަކީ ރައީސް ނަޝީދުގެ ސިޔާސީ ހަކަތަ ހުސްވުމުގެ އަލާމާތެކެވެ.
މަޖިލީހުގެ އިތުބާރު ގެއްލިފައި އޮތް ރައީސަކަށްވެ ހުރެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓަށްނާހާ ކުރެއްވެން އޮތް ލަހެއް ކުރައްވާނެއެވެ. ޒާތްޒާތުގެ ހަމަ އަޅުއްވައިގެން މަޖިލިސް ކުރިއަށް ދިޔަ ނުދެއްވަން އެ ކުރައްވަނީ އެ މަސައްކަތެވެ. މަޖިލީހުގެ ރައީސްކަން ގެއްލި ލިބި ވަޑައި ގަންނަވާ މުސާރައާއި ބޮޑު އިނާޔަތާއި އޮތް ބޮޑުބާރާއި މުރައިދޫ ގަނޑުވަރު ގެއްލެން ރުހެވޭނީ ކިހިނެއް ހެއްޔެވެ. ނުރުހެވޭނެއެވެ. ވެވެން އޮތްގޮތަކުން މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ރައީސް ނަޝީދުގެ އަމިއްލަ އެދުމުން ފޯވެފައިވާ ހީލަތްތެރި އެޖެންޑާއެވެ.
ދައުރު ދަންމާލުމަށް މެންބަރުން އެދުމުން ރިޔާސަތަށް އޮންނާނީ މެންބަރުން ދެކޭގޮތް ބެލުމެވެ. އެއްވެސް ވަރަކަށް މަޖިލިސް ކުރިއަށް ގެންދިޔުމުގެ ނިޔަތް އޮތް ނަމަ މެންބަރުން އެދުމުން ރިޔާސަތުން ހުށަހަޅައިގެންވެސް ދައުރު ދަންމާލާ ހުށަހެޅިފައި ހުރި މުހިންމު ކަންކަން ނިންމީހެވެ. އެހެނަސް މަޖިލީހުގެ އިތުބާރުނެތް ރައީސް ރިޔާސަތު އެބިއުޒް ކުރުން އެހުރީ މެކުހުގައެވެ.