މުޅި ސަރުކާރު އޮތީ މުއިއްޒުވެފަ!
ސަރުކާރު އިސް މަގާމުތަކުގައި މަދުން ނޫނީ ތިބީ އަނދޮޅުން
އިންޑިއާ ސިފައިން ބޭލުމުގެ ވާހަކައަކީ ވޯޓު ހޯދަން ދެއްކި ވާހަކައެއް ނޫންކަމަށް ޑރ. މުއިއްޒު ބުނީމާ އެކަން ގަބޫލު ކުރާނެ މީހަކު އެބަހުރިބާވައެވެ. ރިޔާސީ އިންތިހާބުގެ ކެންޕޭނުގައި މުއިއްޒު ބުނަމުން ދިޔައީ ހާސްހާހުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ވާހަކައެވެ. ވެރިކަމަށް އިސްވެ މިހާދުވަސް ވީއިރު ތިބީ ކިތައް އިންޑިއާ ސިފައިންކަމެއް މުއިއްޒަކަށް ނޭނގެއެވެ. އެކަމަކު ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިންނޭ ބުނީވެސް މުއިއްޒު އޮފީހުންނެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެ ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާކަމަށް އެންމެ ބަރަށް ގޮވަމުން ދިޔަ އެކަކީ ވެސް ޑރ. މުއިއްޒެވެ. އިންޑިއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރުމަށް މުއިއްޒަށް ރައްޔިތުން ވޯޓުދިނުމަށް ރައްޔިތުންގެ ދެފައިގައި ހިފާ ބޮސްދީ އާދޭސްކުރީ ވެސް މުއިއްޒެވެ. ވެރިކަން ލިބުމާއެކު އިންޑިއާ ސިފައިން ވަގުތުން ބަލާނެ ކަމަށް ވައުދުވީ ވެސް މުއިއްޒެވެ. އެއްޔަކީ ވޯޓު ހޯދާކަށް ދެއްކި ވާހަކައެއް ނޫނޯލައެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކީ ވޯޓު ހޯދަން ކަމަށް ވާނީ ކިހާވަރަކަށް އެވާހަކަ ދެއްކުނީމާ ހެއްޔެވެ. އެންމެ ރަނގަޅެވެ. ގަބޫލު ކޮށްފާނަމެވެ. އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކީ ވޯޓު ހޯދާކަށް ނޫނެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މުއިއްޒަށް ވޯޓުދިނީ މުއިއްޒު ރީތިކަމުންނެވެ. ހުންނަލެއް ލޯބި ކަމުންނެވެ. މުއިއްޒުވަރުގެ އެހެން މީހަކު ނެތިގެންނެވެ.
އެހެން ވީއިރު ގައިމުވެސް ތިމާގެ ފޮޓޮއަށްވުރެ ބޮޑުކޮށް ރައީސް ޔާމީނުގެ ފޮޓޯ ބޭނުން ކޮށްގެން ރިޔާސީ ކެންޕޭނުގައި ސަހުސު އޮޅުވާލީމު ނޫން ހެއްޔެވެ. ކެންޕޭނު ކޮންމެ ބައްދަލުވުމެއްގައި އެންމެ ކުރީ ސަފުގެ މެދުގައި ހުސްގޮނޑިއެއް ބަހައްޓާ އެ ގޮނޑީގައި "ރައީސް ޔާމީން" ޖަހައިގެން އުޅުނީވެސް ވޯޓު ހޯދާކަށް ނޫންދޯއެވެ.
ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ޔާމީނު މިނިވަން ކުރާނެ ކަމަށް ބުނެ ދެބަހުން އެއްބަހުގައި ރައީސް ޔާމީނޭ ހަރާން ހުކުމޭ ގޮވަމުން މުޅި ރާއްޖޭގައި ދުވީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ.
ކަރުން ލޭލަންދެން ޗާގޯހޭ ކަނޑޭ ގޮވަމުން ފަޔަށް ހިނިއަރައިގެން އުޅުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ވެރިކަން ލިބުނު ފަހުން އެ ވާހަކައިން ނަންވެސް ނުގަންނަނީ އެހެންވެގެންތާއެވެ. މިހާތަނަށް އެކަމާ މަޝްވަރާ ކުރަން ބޭރަށް ކުރި ދަތުރެއް ކުރިކަމެއް ނެތެވެ. އެކަމަކު މުހިންމުވީ އަންހެނުންނަށް ވީވައުދު ފުއްދަން ތުރުކީ ސްޕަރސްޓާރާއި ބައްދަލު ކުރަން ސަރުކާރުގެ ހަރަދުގައި ރަސްމީ ދަތުރެއް ހަދައިގެން ތުރުކީއަށް ދިއުމެވެ.
ރައީސް ސޯލިހު ސަރުކާރުން ދޫކުރާ ގޯއްޗެެއް ފްލެޓެއް ލިބުނު އެއްވެސް މީހަކު އަތުން އަތުނުލާނެ ކަމަށާއި ގޯއްޗާއި ފްލެޓް ދޭން ކަނޑައަޅާފައިވާ މީހަކަށް އެތަންތަން ނުލިބޭނެ ގޮތެއް ނުހަދާނެ ކަމަށް ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ދިވެހި ސިފައިންނާ ފުލުހުންގެ މުސާރަ ދެގުނަ ކުރާނެ ކަމަށް ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާނުލާ ކޮށް ނިންމާ ދޭނެކަމަށް ރަށްރަށު ރައްޔިތުން ގާތުގައި ބުނީވެސް ވޯޓު ހޯދާކަށް ނޫން ދޯއެވެ. ޖަޕާނު މަހެއް ވިހާ މިސާލުގައި ރައްޔިތުންގެ ކުރިމަތީގައި މަތިމައްޗަށް ހޮޅި ވައުދުވީ ވޯޓު ހޯދާކަށް ނޫންދޯއެވެ.
އޭ މިހިރަ ރައީސޫއެވެ. ތިބާ ވެރިކަމުގެ ފުރަތަމަ ދުވަހުވެސް ތިބާ ފޭލިވެއްޖެއެވެ. އެ ދުވަހު މިނިވަން ކުރާނެ ކަމަށް ބުނި ރައީސް ޔާމީން އެހުންނެވީ އަދިވެސް ބަންދުގައެވެ. އެސާހިތުން ބާލަން ބުނި އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ވަގުތުން ވަގުތައް އަތުލަން ބުނި ކަނޑު އޮތީ އޮތް ތާނގައެވެ. ފަށާ ނުނިމިހުރި މަސައްކަތްތައް ނިންމުމަށްވުރެ އިސްކުރީ ފުށިދިއްގަރުފަޅު ހިއްކުމެވެ. ގާބިލު ފެންވަރުހުރި މީހަކު ނޫނީ ނުލާނެކަމަށް ބުނިނެވެ. ތިން ހަތްދުވަސް ވީއިރު ކުރި ގިނަ ކަންކަން ދެވަނަ ފަހަރަށް ކުރަންޖެހި މުޅި ސަރުކާރު އޮތީ މުއިއްޒުވެފައެވެ.