މުއިއްޒު ކުޅޭ ޑްރާމާ ސީރީސް: ޝަހީދުއަލީ އެޕިސޯޑް

ބުމަމަތީ ކުރަގަނޑެއް ހުރުމަކީ ތަގުވާވެރިކަމުގެ ސިއްކައެއް ނޫން

މުއިއްޒު ކުޅޭ ޑްރާމާ ސީރީސް: ޝަހީދުއަލީ އެޕިސޯޑް

ހައްގަކީ މުއިއްޒާއި މުއިއްޒުގެ ސަރުކާރެއް ނޫނެވެ. ނިއްކުރިން ނައްޓާ ބުމަމަތީ ކުރަގަނޑެއް ހުރުމަކީ ތަގުވާވެރިކަމުގެ ސިއްކައެއް ނޫނެވެ. ނަމާދަށް އަރާ ފޮޓޯނަގައިގެން އެ ފޮޓޯތައް މީޑިއާގައި ދައުރު ކުރުވުމަކީ އަޅުވެރިއެއްކަން ރަމްޒު ކޮށްދޭ ކަމެއް ވެސް ނޫނެވެެ. 

ހެއްދެވިހާ ދޮގެއް ހަދަމުން ހިތް ނޭދޭ ގޮތަށް އެހެން މީހުން ދައްކާ ކޮންމެ ވާހަކައަކީ ދޮގެއް ކަމަށް ސިފަ ކުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އެންމެނަކު ދައްކާނީކީ ތިމާ ބޭނުންވާ ވާހަކައެއް ނޫނެވެ. ފަތުރާނީކީ ވެސް ތިމާ ބޭނުންވާ ހަބަރެއް، ތިމާ ބޭނުންވާހާ ގޮތަކަށް ނޫނެވެ. މާތްވެގެންވާ އިސްލާމް ދީނާއި ގައުމީ ބަތޮލުންނަކީ މުއިއްޒުގެ ސިޔާސީ އައްޑަނައަކަށް ހަދައިގެން ދީނުގެ ކަރާމާތް ނަގާލަން އަބަދު ނޫޅޭށެވެ. ގައުމީ ބަތަލުންގެ ގުރުބާނީން ސިޔާސީ ފައިދާ ނަގަން ނޫޅޭށެވެ.

ނުސީދާ އިބާރާތްތަކުން އޮފުދާރު ކޮށްގެން ވަޒަން ހަމަކޮށް ޅެމުގެ ޑޮކްޓަރު އަތުރާލަދޭ ބަސްތަކެއް ދުލުކުރިން ކިޔާލުމަކީ މުއިއްޒުގެ އިމާނާ އަގީދާ ނޫންކަން އޮޅޭހާ މީހުން ގަމާރެއް ނޫނެވެ. ފިލްމުތަކުގައި ނުބައިބައި ކުޅޭ މީހުންނަކީ އެ މީހުންގެ ހަގީގީ ދިރިއުޅުމާއި ތޮބީއަތުގައި އެވަރުގެ ނުބައި ނުލަފާ މީހުންނެއް ނޫނެވެ. ފިލްމުތަކުގެ ސްޓޯރީއަށް އެ މީހުން ކުރަނީ އެކްޓެވެ. މުއިއްޒު ވެސް ކުރަނީ ހަރުކަށި ގައުމިއްޔަތުގެ އެކްޓެވެ.

މިއަދުވެސް މުއިއްޒު ކުޅުނީ މުއިއްޒު ކުޅެމުންދާ ޑްރާމާ ސީރީސް "ރައީސް މުއިއްޒު"ގެ އެޕިސޯޑެކެވެ. ޝަހީދުންގެ ދުވަހާ ގުޅުވައިގެން ގައުމާ މުހާތަބު ކުރުމުގެ ނަމުގައި އެ ކުޅުނީ އަލިރަސްގެފާނު އެޕިސޯޑެވެ. އާދަން ނަސީރު ޑައިރެކްޓްކުރި އަލިރަސްގެފާނު އެޕިސޯޑުގައި އަލިރަސްގެފާނު ހެދިގެން ޖެއްސި އެކްޓުން މުޅި އެޕިސޯޑްވީ ފްލޮޕެވެ.       

ހައްދުފަހަނައެޅި ގައުމިއްޔަތު ބޮލަށްލައިގެން އަލިރަސްގެފާނު ހެދުނަކަސް ބަޔަކަށް ކަހެރުވަކެކޭވެސް ހީވާނެހެއްޔެވެ. ދޮގާ މަކަރާ ހީލަތުން ވެރިކަން ހޯދައިގެން ދޮގު ނުފަތުރާށޭ މުއިއްޒު ބުނަނީ މުއިއްޒަށްވުރެ މޮޅަށް ދޮގުހަދައިގެން އެހެން މީހަކު ވެރިކަން ޖަހައިގެންފާނެ ކަމަށް ގަންނަ ބިރަކުންނެވެ. ދޮގުހެދުމަށް އެނދުކެނޑިފައިވާ މުއިއްޒަށް ހީވާނީ އެހެން އެންމެންވެސް ހަދާނީ ދޮގުކަމަށެވެ. 

ގައުމާއި އެއްކޮޅަށް ހަބަރުތައް ގެނެސްދިނުމަކީ މުއިއްޒު އަޅާހާ ބަތަކަށް ނޫސްވެރިން ރިހައެޅުމޭ ހީވަނީތާއެވެ. އަލިރަސްގެފާނުގެ ޖިހާދު މީޑިއާތަކާއި ވެސް މުހާތަބުކުރާ ކަމަށާއި، ގައުމާއި އެއްކޮޅަށް ހަބަރުތައް ފެތުރުމަށް ނަސޭހަތްތެރިވާ ކަމަށާއި ދޮގު ހަބަރު ނުފަތުރަން އިންޒާރުދޭ ކަމަށް ބުނެ އެކްޓް ޖެއްސިޔަސް ތިޔައީ މާކުރިން ދިވެހިން ބަލާ ފޫހިވެފައިވާ ޑްރަމާއެކެވެ. 

ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމުގެ ވާހަކައާއި ދިވެހިންގެ ސަލާމަތް ދިވެހިން އަމިއްލައަށް ހޯދުމުގެ ވާހަކައަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އަވައްޓެރި އިންޑިއާ އާއި އަމިއްލައަށް ޖެހިގަނެ ރާއްޖެ ނުރައްކަލަށް ވައްޓާލާ ވަދެވުނު ވަލުން ނުނިކުމެވިގެން ދިވެހިންނަށް މުއިއްޒު ދޭންއުޅޭ ކެހީގެ މަތިއެޅުމެކެވެ. އަދުގެ ސިޔާސީ ފަރާތްތަކަށް މުއިއްޒު ދިން މެސެޖަކީ މުއިއްޒު ވެއްޓޭ ކޮންމެ ނުރައްކަލަކަށް ރާއްޖެ ވައްޓާލާނެ ކަމުގެ މެސެޖެވެ. މުއިއްޒަށް ނެތް ވެރިކަމެއް އެހެން މީހަކު ކުރަން ރާއްޖެ ސަލާމަތްކަން މަތީ ނުބާއްވާނެ ކަމަށް ދިން މެސެޖެވެ. 

ދީނަކީ ގައުމަކީ ނަސްރަކީ ހައްގަކީ ހަމައެކަނި މުއިއްޒު ކަމުގައި ދިވެހީންނަށް ދައްކަން ކުޅޭ "ރައީސް މުއިއްޒު" ޑްރާމާ ސިލްސިލާގެ މިއަދުގެ އެޕިސޯޑްގައި ހައްދުފަހަނައެޅި ގައުމިއްޔަތުގެ ނަމުގައި ފުރައްސާރަކޮށް ހުރުމަތް ކަނޑާލީ އަލިރަސްގެފާނުގެ ޖިހާދުގެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދައި، ރާއްޖެއަކީ ބޭރުގެ އަސްކަރިއްޔާގެ ބާރު ނެތް ގައުމަކަށް މި ސަރުކާރުން ރާއްޖެ ހަދާނަމޭ ކިޔައިގެން އަދިވެސް އެ އުޅެނީ ރައްޔިތުން ނުރައްކަލަށް ވައްޓާލާށެވެ.