ވަކިފިކުރެއްނެތި ގައުމު ސަލާމަތްކުރަން ފުޅާގައުމީ ހަރަކާތެއް!

ގައުމުދެކެ ލޯބިވާ ގައުމަށް ހެވެއްއެދޭ ހަމައެކަކުވެސް މުއިއްޒާއި އެކުގައި މިހާރަކު ނުހުންނާނެއެވެ. ކަމެއް ރަނގަޅުކުރަން އިސްލާހުކުރަން އުޅޭ މީހަކު މުއިއްޒު ހެދިހާ އެއްޗެއް ހެދިގެނެއް ނުހުންނާނާނެއެވެ. ކުޑަވެސް ރަނގަޅުކުރުމުގެ ނިޔަތެއް މުއިއްޒުގެ ކިބައިގައި ހުރިނަމަ އަމަލުން އެކަން ފެނުނީހެވެ.
ދަރނީގެ ހާލަތު ބޮޑުވެ ގައުމު އިނދަޖެހޭ އިރުވެސް އިސްރާފު ކުރުން ހުއްޓައެއް ނުލައެވެ. ހިންގުމުގެ ހަރަދު ކުޑަ ތަންކޮޅެއްވެސް ކުޑައެއް ނުކުރެއެވެ. ވުޒާރާތައް މަދުކޮށް އިދާރާތައް ހިންގުމުގެ ހަރަދު ތަންފުކެއްވެސް ކުޑައެއް ނުކުރެއެވެ. ސަރުކާރުގެ ކުންފުނިތަކުން ކުރާ އިސްރާފް ކުޑަ ނުކުރާތާ ހިންގުމުގެ ހަރަދު އެހާބޮޑެވެ.
ދަރަނި އަދާކުރަންވެސް ދަރަނި ނަގައިގެންވެސް ދަރަނި އަދާނުކުރެވޭ ގައުމު ދަނީ އިނދަޖެހެމުންނެވެ. ދަރަނިވެރިކަން ބޮޑުވެ ދަރަންޏެއް ދޭނެބަޔަކު ނެތް ހިސާބަށް ހިނގައްޖެއެވެ. ދާއިމީގޮތަކަށް ރާއްޖޭން ބައެއް ބޭރު ބަޔަކަށް ވިއްކަނުލާ ސަލަމަތް ވަވަރަށް ވުރެވެސް ރާއްޖެވަނީ ހާލުގައި ޖެހިފައެވެ. ޖެހިފައިވާ ހާލަތުގައިވެސް ހަރަދުކުޑައެއް ނުކުރެއެވެ. ސަރުކާރުގެ މަތި ބަރުކަމަކަށް އެއްބަހެއް ނުވެއެވެ.
ސަރުކާރުގައި މަގާމުތައް އުފައްދާފައިުރީ ކުރަންހުރި ކަންކަމަށް ބަލައިގެނެއް ނޫނެވެ. ވަޒީފާއަށް މީހުން ހޯދުމުގެ ބަދަލުގައި މީހުނަށް މުސާރަ ދޭން މަގާމް ދެނީއެވެ. ކިތަންމެ ވަރެއްވެގެން ދިޔަސް ވެރިކަމުގައި ދެމިހުރުމަށްޓަކައި ރައްޓެހިންނަ ވާގިވެރިންނަށް ދައުލަތް ދަވާލާ ދިނުމެއް ނުހުއްޓައެވެ. އެކަން އޮތީ މެކުހުގައެވެ.
އެތައް ހާސްބަޔަކަށް މުސާރަ ދިނުމުގެ އިތުރަށް ސަރުކާރުގެ މަސައްކަތްތައް ދެނީވެސް ކޮރަޕްޝަނާއި ފަސާދައިގެ އިތުރަށް ނުހަނު ބޮޑަށް އިސްރާފު ވާގޮތަށެވެ. ކުރިން ބިޑްކޮށްގެން ވަކި ހަމަޔަކުން ދައުލަތުގެ މަސައްކަތްތައް ދެމުން ދިޔައިރުވެސް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުން އޮތެވެ. ވަޒީރުންނަށް ފެންނަ ގޮތަކަށް ފެންނަ ބަޔަކަށް މަސައްކަތްތައް ދޭން ފެށުމުން ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުން މައްޗަށް އަރައިގެންދާނެވަރު ހިތައް އަރުވާލާށެވެ. މިހުރިއްޔަކީ މާލީހާލަތު ގޯހުން ގޯހަށްގޮސްފައިވާ ގައުމެއްގައި ސަރުކާރަކުން ކުރާކަށް ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ.
ހަރަދު ކުދަކުރުމުގެ ނަމުގައި ކުރަން އެނގޭހާވެސް ކަމަކީ އާސަންދަ ހަނިކޮށްލުމާއި އާއްމު ރައްޔިތުންގެ ދިރިއުޅުން ލުއިކޮށްދޭން ދެވޭ ސަބްސިޑީތައް ކެނޑުމެވެ. އަސާސީ ހިދުމަތުގެ އަގު ބޮޑުކުރުމެވެ. ރައްޔިތުންނަށް ހިތިބޭސް ބޯންޖެއްސުމެވެ.
ގައުމުގެ މާލީހާލަތު ހަމަޔަކަށް އަޅުވާ ރައްޔިތުންނަށް ހިތިބޭސް ބޯން ނުޖައްސާ ދަރަނިތަކުން އަރައިގަނެ ގައުމު ސަލަމަތްކުރުމުގެ ގައުމީ ހަރަކާތެއް ފަށަން މިހާރު މަޖުބޫރެވެ. ސިޔާސީ ވަކި ފިކުރަކަށް ބެލުމެއްނެތި ގައުމުގައި ތިބި ކުރިގެ ވެރިންނާއި މާލީ ތަޖުރިބާކާރުންނާއި ފައިސާވެރިންނާއި އިލްމީ ހުނަރުވެރި ޒުވާނުންނާއި އިޖުތިމާއީ ހަރަކާތްތެރިން ޝާމިލްވާ ފުޅާ ހަރަކާތެއް އަމަލީގޮތުން ފަށަން އެބަޖެހެއެވެ.
ގޮތްދޫ ނުކުރުމާ މަވެތިކަމުގައި ވެރިކަން ދެމެހެއްޓުމަށް ފައިވިއްދާފައިހުރެ ބަދުނާމްކުރުމާއި ޖަދަލުކުރުމާއި އިލްޒާމް އެޅުވުމުން އެއްފަރާތްވެ ގައުމީ ހަރަކާތަކަށް ރައީސުލްޖުމްހޫރިއްޔާ އިސްނަގަން އެބަޖެހެއެވެ. ފުޅާދާއިރާއެއްގައި ގައުމީ ފެންވަރުގައި މަޝްވަރާކޮށް ގާނޫނޫ އަސާސީއާއި ގާނޫނުތަކަށް ބަދަލު ގެނެސްގެންވެސް ގައުމު ހަމަމަގަށް އަޅުވަން އެބަޖެހެއެވެ.
ޖަޒްބާތުގައި ވަކިމީހަކު ވެރިކަމުގައި ބެހެޢްޓުމަށް ނުވަތަ ބޭލުމަށް އަމާޒު ނުހިފާ ގައުމަށް ހަމަޖެހުން އަންނާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަންޖެހިއްޖެއެވެ. އާއްމުކޮށް މުޅިރައްޔިތަށް ތަކުލީފަކަށް ވާގޮތަށް ހުރި ކަންކަން ލުއިކޮށް ބަދަލުކޮށް ގައުމު ދަރަނިވެރިކަމުން އަރައިގަނެވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. މުޅިގައުމުގެ ހައްގުގައެވެ. ވެރިކަން ކުރެވޭނީވެސް ގައުމު ގައުމެއްގެ ގޮތުގައި އޮވެގެންނެވެ.