ވަގުފާރީގެދޮރު ސަރުކާރުން ހުޅުވާލުން

ގައުމީ ސަލާމަތަށް ނުރައްކަލަށްވުރެ ގޭންގްތައް ރުއްސުން މުހިއްމުވީތަ!

ވަގުފާރީގެދޮރު ސަރުކާރުން ހުޅުވާލުން

ގަވައިދާ އެއްގޮތަށާއި ގަވައިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅިންގެ އަދަދު އެނގޭ މީހަކު ނޫޅެއެވެ. އެކަން ބެލެހެއްޓުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތަށް ރާއްޖޭގައި ބަންގާޅިން އުޅޭ ކަމަށް ގަބޫލުކުރެވެއެވެ. ލަންކާގައި ތަމަޅައިން ގަދަކުރިހެން ރާއްޖޭގައި ބަންގާޅިން އެދަނީ ގަދަކުރަމުންނެވެ. އެހެން ނޫނީ ބަރުމާގައި ރޮހިންޔާ މީހުންނަށް ވީހެން ރާއްޖޭގައި ބަންގާޅީންނަށް ވާނެ ދުވަހެއްވެސް އަތުވެދާނެއެވެ. 

ގޭގޭގައި ގެންގުޅޭ ނޯކަރުން ފެށިގެން ބަންގާޅީން ނޫލޭ ދާއިރާއެއް ރާއްޖޭގައި ނެތެވެ. ކަންމަތީ ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރެންޓަށް ދާންދެން ކޮންޓްރޯލު ކުރަނީ ބަންގާޅީންނެވެ. މަސްވެރިކަމާ ދަނޑުވެރިކަމާއި އިމާރާތް ކުރުމުގައި ވެސް ބަންގާޅީންނެވެ.

ހަށިވިއްކުމާއި ޑްރަގާއި އެހެނިހެން ބޮޑެތި ބޮޑެތި ޖަރީމާ ހިންގުމުގައި ބަންގާޅިން އުޅެނީ އަތް އަނބުރާލާފައެވެ. ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމާއި އެނޫންވެސް އާމްދަނީއެއް ލިބެންނާ ލިބޭހާ ކަމެއްގައި ބަންގާޅީން އުޅެނީ ލަވަ ކިޔާލާފައެވެ. ވޯކްޕާމިޓެއް ވިސާއެއް ޕާސްޕޯޓެއް އެއީ އޮންނަ އެއްޗެއް ކަމެއް އޭގެ ގިނަ މީހުންނަކަށް ނޭގެއެވެ.

ބަނގަލާދޭހުން މީހުން ރާއްޖެއަށް އެތެރެ ކުރުމަށް ކޯޓާ ދޫކުރުން 2019 ވަނަ އަހަރުން ފެށިގެން ރައިސް ސޯލިހުގެ ވެރިކަމުގައި ވަނީ ހުއްޓާލާފައެވެ. ހަމަ އެޔާއެކު ގަވައިދާ ހިލާފަށް އުޅޭ ބަންގާޅީންގެ ގިނަ ބަޔަކު ވަނީ ގަވައިދަށް ފައްތާފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ އަނބުރާ ގައުމަށްވެސް ފޮނުވާލާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އުޅޭ ބަންގާޅީންގެ އަދަދު އިންތިހާއަށް ގިނައެވެ. ގަވައިދަށް ފެތިގެންވެސް ދޮޅުލައްކައެއްހާ މީހުން ރާއްޖޭގައި އުޅޭކަމަށްވެއެވެ. ގަވައިދާ ހިލާފަށް އުޅޭ މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. 

ޕާސްޕޯޓެއް ވިސާއެއް ވޯކްޕާމިޓެއް ނެތި އުޅޭ މީހުނާ މެދު ގާނޫނީ ގޮތުން ފިޔަވަޅެއްއަޅާ އެ މީހުނަށް ފާރަވެރިވެވޭ ވަރުގެ ސަރުކާރެއް ނެތެވެ. އެއްވެސް ބަޔަކަށް އެކަމަކީ ބޮޑުވެގެން އުޅޭ ކަމެއް ހެނެއްވެސް ހީނުވއެވެ.

ކޮންމެ ދުވަހަކު ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ދައުރުވާ ޑޮލަރުގެ ބޮޑުބައެއް އެމީހުން ރާއްޖޭން ބޭރުކުރެއެވެ. ކަޅުބާޒާރުގައި ޑޮލަރު ވިއްކުމަކީ އެ މީހުންގެ ފުޅާ ވިޔަފާރިއެކެވެ. ރާއްޖޭގެ ކުށުގެ ވެށީގައި ބަންގާޅުންގެ ދައުރު ފުޅަލެވެ. ކުރުކޮށް ބުނަންޏާ ބަންގާޅުންގެ ބާރު ނެތް ވަކި ދިމާލެއް ރާއްޖޭގައި ނެތެވެ. 

ރާއްޖޭގައި ސޭފްޓީ އެންޑް ރެސްކިއު އޮޕަރޭޝަންގައި އިންޑިއާގެ ސިފައިން ކޮޅެއް އެއްބަސްވުމެއްގެ ދަށުން ތިބެގެން ހިފިނުހުރެގެން ބަޔަކު ވެރިކަން ހޯދިއިރު ރާއްޖޭގެ ހުރިހާ ތަނެއްގައި ވަކި ހިއްޕާލާފައި ތިބި ބަންގާޅީންނާ މެދު ކަން ބޮޑެއް ނުވެއެވެ. މުއިއްޒުގެ ވެރިކަމަށް މަހެއްވީ ދުވަހު އަނެއްކާވެސް ރާއްޖެއަށް ބަންގާޅުން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ހުޅުވާލައިފިއެވެ. ވެރިކަމުގެ ކިހާ ބޮޑު ވައުދެއް ކަމެއް ނޭގެއެވެ. 

އެއް ގައުމަކުން އެންމެ ގިނައިން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރެއް އޮވެއެވެ. އެ މިންވަރު ފަހަނައަޅާ ގޮސް ހައްދުންނައްޓާފައި އޮތް ބަނގަލާދޭހުން މީހުން އެތެރެ ކުރަން ކޯޓާ ދޫކުރަން ވަޒީރުންގެ މަޖިލީހުން މިއަދު އެ ނިންމީ ފިކުރެއް ހިޔާލެއް ނެތިއެވެ. ބަނގުލާދޭހުން މީހުން އެތެރެކުރަން ހުޅުވާލުމުން ވަގުފާރިއަށް ސަރުކާރުގައި ފުރުސަތު އޮތްވަރު ކިތަންމެ ރަނގަޅަކަށް ވެސް ސާފުވެއެވެ. 

ވާނީ އެހެންތާއެވެ. ގޭންގު ތަކުން އޮޕަރޭޓްކުރާ ވެރިކަމެއްގައި ވަގުފާރިއަކީ ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. އެތައް މިލިޔަން ރުފިޔާ ލިބޭ ގައިރު ގާނޫނީ އެ ވިޔަފާރިއަށް އެކަހަލަ ސަރުކާރެއް ފިސާރި ފަރިތަވާނެއެވެ. ވަގުފާރި ކުރުމުގެ ރެކޯޑް އޮތް މީހެކާ ކޯޓާ ކަންކަން ކުރުން ރަސްމީގޮތުން ހަވާލު ކުރުމުން ވާނީ ކުރިން ނުވެ އޮތް ހުރިހާ ގޮތެކެވެ. އިތުރު ތަފްސީލަކަށް ނުދިޔައަސް އެހާވަރުން ކަންވާނެ ގޮތް ހިތައް އަރުވާލާށެވެ.