ހުޅުމާލެ ހޮސްޕިޓަލްގައި އެސްޓީއޯއިން 5 ތިއޭޓަރ

ހުޅުމާލެ ހޮސްޕިޓަލްގައި އެސްޓީއޯއިން 5 ތިއޭޓަރ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. މީގެ 19 އަހަރު ކުރިން ހިދުމަތްދޭން ފެށި ހުޅުމާލޭ ހޮސްޕިޓަލަށް އެކަށީގެންވާ ފުރިހަމަ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.

އެހެންނަމަވެސް މި ހޮސްޕިޓަލްގައި މެންޓަލް ހެލްތްގެ ހިދުމަތާއި، ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ހާއްސަ ފަރުވާ ދިނުމަށް ވަކި ހާއްސަ ސެންޓަރއެއް މިހާރުވަނީ ގާއިމްކުރެވިފައެވެ. ކެންސަރުބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި އާ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލްގައި ހިދުމަތްދެމުން ދަނީ އެންމެ އޮޕަރޭޝަން ތިއޭޓަރަކުންނެވެ. އެހެން ކަމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ބައެއް އޮޕޮރޭޝަންތައް ކުރުމުގައި ގިނަ ގޮންޖެހުން ތަކެއް ކުރިމަތިވެފައިވެއެވެ. މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ހިދުމަތްދޭން ހުޅުމާލޭ ހޮސްޕިޓަލްގައި ހުރީ އެންމެ 17 އައިސީޔޫ އެނދެވެ. އެހެން ކަމުން އޮޕަރޭޝަން ތިއޭޓަރުގެ ދަތިކަން ފިލުވާލުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ ހައްލު ހޯދުމުގެ އަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ ތަރައްޤީ ކުރުމުގެ މަޝްރޫޢު އެސްޓީއޯއާއި އެވަނީ ހަވާލު ކުރެވިފައެވެ. މަޝްރޫޢުގެ އެއްބަސްވުމުގައި އެސްޓީއޯއިން އެ ހޮސްޕިޓަލާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދުއެވެ.

އަލަށް ޤާއިމްކުރެވިގެން މިދާ އޮޕޮރޭޝަން ތިއޭޓަރ ޕްރޮޖެކްޓްގައި 5 އޮޕޮރޭޝަން ތިއޭޓަރެއް ހިމެނޭނެއެވެ. އެގޮތުން ކަށީގެ، ލޮލުގެ، އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އާންމު ސާޖަރީތައް ހިމެނޭނެއެވެ. މިއާއެކު ހުޅުމާލެ ހޮސްޕިޓަލްގައި ދެމުންދާ ހިދުމަތްތަކަށް ބޮޑު ކުރިއެރުން ތަކެއް ލިބިގެންދާނެއެވެ.

އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެން ދާނެއެވެ. މި މަޝްރޫއާއެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމް ކުރެވިގެން ދާނެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމް ކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯއިން ކުރިޔަށް ގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެވެ.