ދަޅުމަހު އިންޑަސްޓްރީ މޫނުއަޅާ އެވިއްކާލީ މަސްދަޅު ފޯމިއުލާ!

1970ގެ އަހަރުތަކުންސުރެ ދަޅުގައި މަސް ބަންދުކޮށްގެން ބޭރު ކުރުމަކީ ކުރެވެމުންއައި ފައިދާހުރި މަސައްކަތެކެވެ. ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަސްދަޅަކީ އަގުހުރި ޕްރޮޑަކްޓެކެވެ. އެކަމަކު ރާއްޖޭގައި ދަޅުގައި މަސް ބަންދު ކުރުމުގެ ސިނާއަތް ވެސް މުއިއްޒު ސަރުކާރުން އެ ފުޑާލީއެވެ.
އެއްބަހެވެ. ކިތަންމެ ކުރިން ފެށިފައިވާ އިންޑަސްޓްރީއެއް ނަމަވެސް ކޮރަޕްޝަނާއި ފަސާދައާއިހުރެ ދަޅުމަހުގެ އިންޑަސްޓްރީން ލިބެންވާ ނަފާ ދިވެހި ދައުލަތަކަށް އެންމެ އެދެވޭ ގޮތަކަށް ނުކުރެއެވެ. އެހެނެއް ކަމަކު ދަޅުމަހުގެ ފައިދާ ނަހަމަ ގޮތުގައިވިޔަސް ދިވެހިންގެ ކޮންމެވެސް ބަޔަކަށް އަބަދުވެސް ކުރިއެވެ.
މިފަހަރު މުއިއްޒު މިހެދި އެއްޗަކުން މަސްދަޅުގެ މަންފާ ދައުލަތަށް ނުކުރާތާ ދިވެއްސަކަށްވެސް ނުކުރާގޮތްވީއެވެ. ރާއްޖޭން ބާނަ ބާނައިގެން ގެންގޮސް ދުނިޔޭގެ އެންމެ ބޮޑު އަބާދީގެތެރެއަށް ރޯމަސް އަޅަމުން ގެންދަންވީ ޔޯލައެވެ. ދިވެހި މަސްވެރިންނަށް ހައްގު މިންވަރަކީ ބާނަ ބާނާފައި ނުއަގުގައި މަސް ރޮލަށް ވިއްކުމެވެ.
މިވީ ގޮތުން ސަރުކާރަށް ކުރަންޖެހޭހާ ވެސް ކަމަކީ މަސްވެރިން ބާނާ މަސްކޮޅު ޗައިނާއަށް ގެންގޮސް ދިނުމުން ދޭ ފައިސާކޮޅު ޖީބަށް ޖަހާލުމެވެ. ދަޅުގައި މަސް ބަންދުކޮށްގެން ދިވެހި ރާއްޖޭގެ ދަޅުމަހުގެ ގޮތުގައި ދުނިޔޭގެ ބާޒަރުގައި މަސްދަޅު ވިއްކުމަކީ ޗައިނާ މީހުންނަށް އޮތް ކަމެކެވެ.
ފެލިވަރާއި ކުއްޑޫއާއި ދެންވެސް ހުރިއްޔާ ހުރި ކޭނިންގ ފެކްޓަރީއަކާއި ސްޓޯރޭޖެއް ބަންދުކޮށްލަނީއެވެ. އައިސީޔޫގައި އޮތް ދަޅުގައި މަސް ބަންދު ކުރުމުގެ ސިނާއަތުގައި ފްރީ ޓްރޭޑްގެ ނަމުގައި މޫނުއަޅާ ނިންމާލީއެވެ. ނުވިތާކަށް ދަޅުގައި މަސްބަންދުކުރާ އަމިއްލަ ވިޔަފާރިވެރިންނަށްވެސް މަސްނުލިބިގެން ޖެހޭނީ ފެކްޓަރީ ބަންދުކޮށްލާށެވެ.
ޗައިނާއިން ދިވެހި ދަޅުމަސް އުފައްދަންފެށުމުން އަމިއްލަ ފަރާތްތަކާއި ސަރުކާރުން ދަޅުގައި މަސް ބަންދު ކުރިޔަސް ދުނިޔޭގެ ބަޒާރުގައި ޗައިނާ އާއި ވާދައެއް ނުކުރެވޭނެއެވެ. ދިވެހި ބްރޭންޑްގެ މަސްދަޅު ޗައިނާއިން ވިއްކަން ފެށުމުން ޗައިނާއާ ދިވެހިން ވާދަކުރާނީ ކިހިނެއް ހެއްޔެވެ. ދިވެހިންގެ ލޭނާރުގެ އަހާ ލަގަން އެއްކޮށް ވިއްކާލައިގެން ތިބެ ބާރަށް އަތްޖަހާށެވެ.
ޗައިނާގެ ބޯޓުތަކުން ދާއަޅައިގެން ކަޅުބިލަ މަސްކޮޅު ކަހާލައިގެން ޗައިނާގައި ދިވެހި މަސްދަޅު އުފައްދާ ވިއްކަން ފެށީމާ ބާނަ ބާނައިގެން ޗައިނާއަކަށް މަހެއްވެސް ނުފޮނުވޭނެއެވެ. ބާނަ ބާނައިގެން ކިރަކިރާ ތިއްބާ މުއިއްޒު އެ ވިއްކާލީ ދިވެހި މަސްދަޅު ފޯމިއުލާއެވެ.