އެސްޓީއޯ އަށުވަންނަ: އެސްޓީއޯ އަކީ ރާއްޖޭގެ ހިތް

އެސްޓީއޯ ބާޒާރު ލީޑް ކުރުމަކީ އަތްފޯރާ ފަށުގައި އަގުތައް ހިފެހެއްޓުމަށް ކޮންމެހެން ލާޒިމުކަމެއް.

އެސްޓީއޯ އަށުވަންނަ: އެސްޓީއޯ އަކީ ރާއްޖޭގެ ހިތް

އެސްޓީއޯ އަކީ ދިވެހި ރައްޔިތުންގެ ފުޑް ސެކިއުރިޓީގެ ޒިންމާ އުފުލާ ކުންފުންޏެވެ. ދިވެހި ރައްޔިތުން ތެލަށް ނުޖެހޭނެހެން ބޭނުންވާ ތެޔޮ ގެނެސް ފައްލަވަކޮށް ފޯރުކޮށްް ދެނީ އެސްޓީއޯއިންނެވެ. ބޭރުން އެތެރެ ކުރާ ކާޑާއި ތެލަށް ބަރޯސާވެފައިވާ ދިވެހި ރާއްޖެ ބަޑަށް ޖެހުނަ ނުދީ ނަގަހައްޓާ ދެމެހެއްޓުމުގައި އެސްޓީއޯއަކީ ދިވެހިރާއްޖޭގެ ހިތެވެ. 

އެސްޓީއޯ އުފެދުނީއްސުރެ ދިވެހިން ކާޑު ނުލިބިގެން ހައިހޫނުކަން ތަހައްމަލު ކުރާކަށް ނުޖެހެއެވެ. ތެޔޮ ހުސްވެގެން ދަތުރު ފަތުރު ހުއްޓާލާ ކަނު އަނދިރީގައި ތިބޭކަށް ނުޖެހެވެ. ކާޑާ ތެލުގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ މުދަލެއް އެސްޓީއޯއިން ޔަގީން ކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

އިތުބަރާ ޔަގީން ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 58 އަހަރު އެސްޓީއޯއަށް ވީއެވެ. މި އަދަކީ އެސްޓީއޯއަށް 58 އަހަރު ފުރުނު ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް އެސްޓީއޯގެ އެހާރާއި މިހާރުގެ ހުރިހާ ހުރިހާ މުއައްޒަފުންނަށް ފޮނުވަމެވެ. ހާއްސަކޮށް އެސްޓީއޯގެ މިހާރުގެ ހީވާގި ހިންގުންތެރި އެމްޑީ ހުސައިން އަމްރު ރަޝާދަށް ސާބަހާ އައްސަރިބަސް ރައްދު ކުރަމެވެ.

އެސްޓީއޯއަކީ ދިވެހި ދައުލަތުގެ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. ޒިންމާދާރު އެސްޓީއޯ ގައުމުގައި އަދާ ކުރަމުންދާ ދައުރަށް މިއަދު މަތިމަތިން ނަމަވެސް ބަލާލުމަކީ ލިބޭ އުފަލެކެވެ. ދައުލަތުގެ ކުންފުންޏެއްގެ އުމުރުން 58 އަހަރު ފުރުމަކީ ކުޑަކަމެއް ނޫން ވީމައެވެ. ދުވަހެއް ދުވަހަކަށް ބޮޑުވަމުން ކުރިއަރަމުން ބަނގުރޫޓްު ނުވެ ދެމި އޮތީމައެވެ. 

ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ބޮޑުވެ ތެޔޮ ލިބުން ދަތިވެގެން ދިޔަ އެއްވެސް ދަނޑިވަޅެއްގައި ރާއްޖެ ތެލަށް ޖެހިގެން ކަނު އަނދިރީގައި ރައްޔިތުން ތިބޭކަށް އެސްޓީއޯ އުފެދުނީއްސުރެ ނުޖެހެއެވެ.

ތެޔޮ ނުލިބިގެން އޮޑި ދޯނި ފަހަރުގެ ދަތުރު ފަތުރު ހުއްޓާލާކަށް ނުޖެހެއެވެ. ކުރިމަތިވާ ގޮންޖެހުން ތަކާއެކު ވެސް ރައްޔިތުންގެ އަތް ފޯރާފަށުގައި ތެލުގެ އަގު ހިފަހައްޓައިގެން ތެޔޮ ފޯރުކޮށް ދިނުމުގައި އެސްޓީއޯ ފޭލް ވެފައެއް ނެތެވެ.

އެސްޓީއޯގެ ތާރީހުގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކޮށް ދިނުމުގައި އެސްޓީއޯއިން ހިނދު ކޮޅަކަށް ވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. ކާޑުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮ އަގުގައި ރައްޔިތު މީހާ ހުރި ހިސާބަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ރައްޔިތުން ބަނޑުހައި ހޫނު ކަމުގައި ތިބެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން އެސްޓީއޯއިން ރައްޔިތުންނަށް ލިބިދީފައި ވެއެވެ.

ކާޑުގެ ބާވަތްތައް ނޫން ނަމަވެސް އާއްމުކޮށް ކެއުންބުއިމަށް ބޭނުން ކުރާ ފިޔާ، އަލުވި، ބިސް ފަދަ މުހިންމު ބާވަތް ތަކުގެ ބާޒާރު އޮންނަ ގޮތް ދުވަހުން ދުވަހަށް ބަލާ ރައްޔިތުންނަށް ލުއިފަސޭހަކޮށް ލިބޭނެ ގޮތް އެސްޓީއޯއިން ހަދާދެއެވެ.

ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލާއި އެއްވަރަށް ރައްޔިތުންނަށް ބޭނުންވާ ބާވަތް ތަކަށް ނުޖެހި އެ ތަކެތި ރާއްޖެއިން ލިބެން ހުންނާނެ ފަހި މަގު އެސްޓީއޯއިން އޮތީ ފަހިކޮށްފައެވެ. އިމާރާތް ކުރުމަށް ބޭނުންވާ ދަގަނޑާއި ހިލަޔާއި ހިލަވެއްޔާއި ސިމެންތިއާއި ލަކުޑިއަށް ދާންދެން ލިބޭނެ އިންތިޒާމް އޮތީ ހަމަޖައްސާފައެވެ. ގެވެހި ސާމަނާއި ހާޑްވެއަރއާއި އިލެކްޓްރިކާއި އިލެކްޓްރޯނިކްސް އިން ފެށިގެން އެންމެނަށް އެސްޓީއޯގައި ޗޮއިސް އެބައޮތެވެ.

އެސްޓީއޯއިން ވިޔާފާރި ފުޅާކޮށް ހުރިހާ ބާވަތެއްގެ ވިޔާފާރި ކުރުމަކީ އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި އުފުލިގެން ދިޔަ ނުދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބާޒާރުގެ އަގު އަތްފޯރާފަށުގައި ބޭއްވުމަށް އާއްމު މުދާ ވިއްކުމުގެ ބާޒާރުގައި ލީޑް ކުރުމަކީ ބޮޑު ފައިދާ ހޯދުމަށް ވުރެ ބަޒާރުގެ އަގު ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓުމަށް ކޮންމެހެން ލާޒިމުކަމެކެވެ.