ފާމަސީތައް ހުއްޓެނީ! ލާރިކޮޅު ކޮބާ!
ބޭސް ފިހާރަތަކަށް އާސަންދައިން ދައްކަންޖެހި ނުދައްކާ އެތައް ސަތޭކަ މިލިޔަން ރުފިޔާ
މުޅި ރާއްޖޭގެ އެތަން މިތާނގައި އެއް އަޑަކުން ގޮވަމުން ދަނީ ލާރިކޮޅު ކޮބައިހެއްޔެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބިގެން މީހުންގަނޑު ރޮއި ހޭރެނީއެވެ. ސަރުކާރުން ފައިސާ ނުދީގެން ދަރާވިކި އެތައް ހާސް ބަޔަކު ހަފުސްވަނީއެވެ. ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބިގެން އުޅެނީ ހަމައެކަނި މަސްވެރިންނެއް ނޫނެވެ.
މަސައްކަތެއް ކުރުވާފައި ފައިސާއެއް ދެނީއެއް ނޫނެވެ. ހޯދާ ހިދުމަތަކަށް އަގުދައްކަނީއެއް ނޫނެވެ. ސިވިލްސާވިސް މުއައްޒަފުން މުޅި ދުވަހު މަސައްކަތުގައި ގާނުވާފައި އިތުރުގަޑިއެއް ދެނީއެއް ނޫނެވެ. މުއިއްޒުގެ އައުވާނުން ބައިއަޅައިގެން ދައުލަތް ދަވާލާ ނޮޅާކާއިރު ސަރުކާރުން މީހަކަށް ދޭންޖެހޭ އެއްޗެއް މުއިއްޒަށް ބައިނޭޅޭ ގޮތަށް ދިނުމަކީ އޮންނަކަމެއް ނޫންނެވެ.
މަސްވެރިން ނިކުމެ މުޒާހަރާ ކުރާހެން އެހެން މީހުންވެސް މުޒާހަރާ ކުރާ ހިސާބަށް ވަނީ ގޮސްފައެވެ. މާކަންކަން ވާކަމަށް ހެދެން ވެގެން ސަރުކާރުން ހިލޭ ބޭސްފަރުވާ ކޮށްދިނުމުގެ ނަމުގައި އެހެން ބައެއްގެ ޖީބު ކަނޑާ ހުސްކޮށްފިއެވެ. އެ މީހުންނަށް ހަމަ ނޭވާލެވެން ނެތެވެ. އިންޑިއާ ލަންކާ ހޮސްޕިޓަލްތަކާއި ލެބޯޓަރީތަކަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ ވާހަކަ ބާއްވާފައި ރާއްޖޭގެ ކަންމަތީ ބޭސް ފިހާރަތަކަށް އެކަނި ބަލާލިޔަސް ފިތް ކަނޑައިގެން ދާހާވެއެވެ.
އާސަންދަ ހިދުމަތްދޭ އަމިއްލަ ބޭސް ފިހާރަތަކަށް އާސަންދައިން ދައްކަންޖެހި ނުދައްކާ އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް އެބައޮތެވެ. އާސަންދަ ލިބޭ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާއި ލެބޯޓަރީތަކުން އާސަންދަ ހަދާދީފައި އޮންނަނީ ފަހަށް ރައްކާކުރެވޭ އިންވެސްޓްމަންޓަކަށެވެ. ބަލިމީހާގެ އަތުން އާސަންދައާއި އެއްވަރުގެ އަގެއް ދޭ ހިދުމަތަށް ވަގުތުން ނަގާތީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކިތަންމެ ރަނގަޅަކަށްވެސް އެމީހުން ހަމަޖައްސައެވެ. ކިތަންމެ ލަހުން ފައިސާ ލިބުނަސް ހޮސްޕީޓަލްތަކާއި ކުލިނިކްތަކަށް މާބޮޑު މައްސަލައަކަށް ނުވެއެވެ.
އާސަންދަ ލިބޭ ހޮސްޕިޓަލްތަކާއި ކުލިނިކްތަކާއި ލެބޯޓަރީތަކަށް މާބޮޑު މައްސަލައަކަށް ނުވިޔަސް ހޮސްޕިޓަލަކާއި ކުލިނިކަކާ ގުޅުމެއްނެތް ފާމަސީތަކަށް އެކަމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.
ހަމަތެދެކެވެ. އާސަންދައިން އެންމެ ލާރިއެއް ނުދޭތާ ހަމަސް ދުވަސްވީ އެތައް ފާމަސީއެއް އެބަހުއްޓެވެ. ދަރަންޏަށް އާސަންދައަށް ބޭސް ދޫކޮށްކޮށް ކުދި ބޭސް ފިހާރަތަކުގެ ވަތްގަނޑު ހުސްވެ އަލުން ބޭސް ގަނެވޭނެ ފަދަ ނެތިފައި އެތިބީ އެތައް ބޭސް ފިހާރައެކެވެ. އެހެން ނަމަވެސް ސަރުކާރުން އަޅާކަހާނުލައެވެ.
ކްލިނިކެއް ނުވަތަ ހޮސްޕީޓަލަކާ ގުޅިފައިނެތް އެއްވެސް ބޭސް ފިހާރައެއްގެ މުއައްޒަފުންނަށް މަހުން މަހަށް މުސާރައެއް މިހާރު ނުދެވެއެވެ. ހުސްވާ ބޭހަށް ބޭހެއް ނުގަނެވެއެވެ. ތަނުގެ ކުއްޔެއް ނުދެއްކެއެވެ. އެންމެ ފަހުން ދަރާ ބޯހިކެން ނެތިގެން ބޭސް ފިހާރައިގައި ތަޅުއަޅުވަން ޖެހިފައިވަނީ އެއް ތަނެއް ދެ ތަނެއް ނޫނެވެ. ސަރުކާރުން ކުދި ވިޔަފާރިތައް ދަރަނިވެރި ކުރުވާ ބަނގުރޫޓްކޮށް އިނދަޖައްސާލަނީއެވެ.
ބަނގުރޫޓް ވެގެން ބޭސް ފިހާރައިގައި ތަޅުއަޅުވާލުމަކުން ނިމެނީއެއް ނޫނެވެ. އާސަންދައިން ލިބެންޖެހޭ ފައިސާއިން ހަތަރުއަނާއެއްހާ ހިސާބުވެސް ނުދޭތާ މީރާގެ ޒާތްޒާތުގެ ޓެކްސްތަކާއި ޖުރިމަނާތައް ފަހާ ދުވަންފަށައެވެ. އާސަންދައިން ފައިސާ ނުދީގެން ދަރަނިވެރިވެ ކޯޓަށް ދަމަން ފަށައެވެ. އެންމެ ފަހުން ގޭންގްތަކުގެ ޝިކާރައަކަށް ބޭސްފިހާރަ ހިންގި ރައްޔިތުމީހާ ވެގެންދެއެވެ. ސަރުކާރަށް ވަރިހަމަތާއެވެ.