ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެ!
ދަރަނި މައްސަލައަކަށް ވާނީ ގަވައިދުން ނުދެއްކޭ ނަމަ!
ފަހަކަށް އައިސް ދައުލަތުގެ ކުންފުނިތަކުގެ ތަސައްވަރު ކިލަނބު ކުރުމަށް ރޭވިގެން ބޮޑެތި ޖަރީމާ ބަޔަކު އެބަ ހިންގައެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކު އިތުބާރު ކަނޑުވާލަން ހިންގަނީ އެއްކަމެއް ދެކަމެއް ނޫނެވެ.
ވެރިކަން ހޯދުމަށްޓަކާ ސަރުކާރު ބަދުނާމު ކުރަން އިދިކޮޅުން ހިންގާ އެންމެ ނުރައްކާތެރި އެއް ކަމަކީ ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލުމެވެ. ކުންފުނިތަކާ މެދު އާއްމު ރައްޔިތުން ދެކޭ ގޮތް ހުތުރު ކޮށްލުމެވެ. ކުންފުނި ތަކާއެކު މުއާމަލާތު ކުރާ ފަރާތްތައް ބިރު ގަންނަވާ ކުރެވޭ މުއާމަލާތްތައް ހުއްޓުވުމެވެ. މިކަމުގައި އެސްޓީއޯއެއް ފެނަކައެއް ސްޓެލްކޯއެއް އެމްޓީސީސީއެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ކުންފުނި ތަކަށް މި ވައިރަސް އެބަ އަރުވައެވެ.
ކުންފުންޏެއްގެ މާލީ ރިޕޯޓަކުން ކޮންމެ ބަލި ދިމާލެއްގައި ހިފާ ދަމާ ބޮޑު ކުރުމަކީ އެކަން ކުރާ މީހުންގެ އާދައެވެ. ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމާއި ފައިދާގެ ވާހަކައެއް އެމީހުން ނުދައްކާނެއެވެ. އެންމެ ބޮޑަށް ދައްކާނީ ދަރަންޏާއި ހަރަދުގެ ވާހަކައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާރގެ ރިޕޯޓް އެސް ޓީއޯއިން ނެރުނު އިރު އެ ކުންފުންޏަށް ކުރީ ކުއާޓަރއަށް ވުރެ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައި ވާކަމީ ހަގީގަތެކެވެ. ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދިއެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް އޮތީ ބަދަލު ކޮށްފައެވެ. މުޅި ކުންފުނީގެ ސާފު ފައިދާއަށް 13 ޕަސެންޓްގެ ކުރިއެރުމެއް ނުލިބޭ ކަމަކަށް ވެސް ނުހެދޭނެއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތް 458 މިލިއަން ރުފިޔާގެ ބަދަލުގައި 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ 515 މިލިއަން ރުފިޔާއަށް ބަދަލު ވެގެން ގޮސްފައި އޮތް އޮތުމަކީ ތެދު ހަގީގަތެވެ.
އެހެން ނަމަވެސް ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ މަސްލަހަތު ނަގަހައްޓާ ނޫސްތަކުން އެސްޓީއޯގެ އިމޭޖު ހުތުރު ކޮށްލަން ދައްކާފައި އޮތީ އެހެން މަންޒަރެކެވެ. ދަރަނީގެ ވާހަކައެވެ. ތެދެކެވެ. ވިޔާފަރިކުރާ އެހެން ކޮންމެ ބަޔެކޭ އެއްގޮތަށް އެސްޓިއޯގައި ވެސް ދަރަނި ހުންނާނެއެވެ. ދަރަނި ނަގަން ވެސް ނަގާނެއެވެ. ދުނިޔޭގެ ހާލަތަށް ބަލާ ދަރަނި ނަގަން ވެސް ޖެހެއެވެ.
ދަރަންޏާ އަރަންޏަކީ މި ޒަމާނުގެ ވިޔަފާރީގެ މައިގަނޑު އެއް ބަހާއެވެ. ވިޔަފާރިއެއް ދަރަންޏާ ނުލާ ހިންގުމަކީ މި ޒަމާނުގެ ވިޔަފާރި މާހައުލުގައި މުސްތަހީލު ކަމެކެވެ. ދަރަންޏަކީ ގަވައިދުން ދައްކަމުން ދާނަމަ މައްސަލައެއް ގޮތުގައި ފާހަގަ ކުރާ ކަމެއް ނޫނެވެ. ދަރަނި މައްސަލަ އަކަށް ވަނީ ހަމަޖެހިފައި އޮންނަ އުސޫލުން ނުދެއްކޭ ނަމައެވެ. އެސްޓީއޯއަށް ދަރަނި ނުދެއްކިގެން ނޫޅެއެވެ.
ވިޔަފާރީގެ މާހައުލުގައި އަންނަ ލޮޅުންތައް ފޫބެއްދުމަށް ދަރަނި ނެގުމަކީ އެ ވިޔާފާރިއެއް ދަމަހައްޓާ ނެގެ ހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަފާވެރި ކުންފުންޏެއް ގޮތުގައި ކުންފުންޏެއް ދެމި އޮންނަނީ ދަރަންޏާވެސް އެކުގައެވެ.
ވަރަށް މަދުން ނޫނީ ބޮޑެތި ކޮންމެ ވިޔާފާރި އެއްގައި ވެސް ދަރަނި އޮންނާނެއެވެ. ލޯނާއި އެހެނިހެން ގޮތް ގޮތުން ހުންނަ ދަރަންޏެވެ. ވިޔާފާރީގެ މުއާމަލާތު ހިންގާ ކޮންމެ ދެ ބައެއްގެ ދެމެދުގައި ލޭންދޭނު އޮތުމަކީ ވެސް ވިޔާފާރި ދުޅަހެޔޮވެ އިތުބާރު އުފެދޭ ކަމެއް ކަމަށް ބެލެވެއެވެ. ލޯނާއި ލޭންދޭނަކީ ދެމެހެއްޓެނިވި ވިޔާފާރީގެ މުއާމަލާތް ތަކުގައި މިޒަމާނުގައި މުހުންމު ބަހާއެކެވެ.
އިތުބާރު ގެއްލުވާލުމަށް ވާހަކަ ދައްކާ މީހުން ދައްކާނީ އަދާކުރަންޖެހޭ ދަރަނީގެ ވާހަކައެވެ. ވަރަށް ބާރަށެވެ. ގަވައިދުން ކާމިޔާބު ކަމާއެކު ދަރަނި އަދާ ކުރަމުންދާ ވާހަކައެއް އެމީހުން ނުދައްކައެވެ. ލިބެން ޖެހޭ ނުލިބި ހުންނަ ފައިސާގެ ވާހަކައެއް ވެސް ނުދައްކައެވެ.
ސިޔާސީ ބޭނުމުގައި ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލަން މަސައްކަތްކުރާ މީހުނަށް ނޭނގޭ ކަމެއް އެބަ އޮތެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ދައުލަތުގެ ވިޔާފާރި ކުންފުނިތައް އޮންނާނެކަމެވެ. އެ ބަޔަކު ވެރިކަމަށް އަޔަސް ކުންފުނިތަކުގެ އިތުބާރު ނަގާލުމުން ގެއްލުނު އިތުބާރު އަނބުރާ ހޯދާ ނުދެވޭނެ ކަމެވެ. ވެރިކަމުގެ މަސްތުގައި ވެސް ކުރަންވާނީ ކުރާވަރުގެ ކަންކަމެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެއެވެ.