މުއިއްޒު ބޮލަށް ދައުލަތްޖެހީ ކުރީ ސަރުކާރަކުންނޫން!

ގައުމު ބަނގުރޫޓުނުކޮށް މެނޭޖްކުރުމުގެ ގާބިލުކަން އެމްޑީޕީ ސަރުކާރުގައި އޮތް

މުއިއްޒު ބޮލަށް ދައުލަތްޖެހީ ކުރީ ސަރުކާރަކުންނޫން!

އެެއްވެރިކަމުން އަނެއް ވެރިކަމަށް ދަރަނި ވާރުތަނުވެ ސާފު ފައިދާގައި ވެރިކަމެއް ރާއްޖޭގައި ބަދަލުވީ ކޮން އިރަކުހެއްޔެވެ. ރައީސް ނާސިރުގެ ވެރިކަންނިމި ރައީސް މައުމޫނު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރުވެސް ރާއްޖޭގައި ދަރަނި އޮތެވެ. ލޯނާއި ބަޖެޓް ސަޕޯޓާއި ޓީ ބިލާއި ޓީ ބޮންޑުން އަރައިގެން ވެރިކަމެއް ދިވެހިން ނުދެކެއެވެ.

ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން އުޅުނު އިރު އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީވެސް ދަރަނީގެ ވާހަކައެވެ. ރައީސް ނަޝީދު ވެރިކަން ވައްޓާލުމުގެ އެއް ސަބަބަކަށް ދަރަނިވުމެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަމުގައިވެސް ގައުމުގެ ދަރަނީ ވީ އިތުރެވެ. ރައީސް ޔާމީނު ވެރިކަން ކުރެއްވީ ދުނިޔޭގެ އިގްތިސާދު ފަހުގެ ތާރީހުގައި އެންމެ ފަހި ދުވަސްވަރުއެވެ. ރައީސް ޔާމީނު ވެރިކަން ނިމުނު އިރުވެސް އަތްގުޅި ނުކާވަރުގެ ބޮޑު ދަރަންޏެއް އޮތެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ވާރުތަކުރި ދައުލަތުގެ ދަރަނިތައް އޮއްވާ ދުނިޔެއާ ކުރިމަތިލީ ކޮވިޑް19ގެ އާލަމީ ވަބާއެވެ. މުޅި ދުނިޔޭގެ އިގްތިސާދު ހުއްޓި ރައްޔިތުންގެ ފުރަނަ ސަލާމަތް ކުރަންޖެހޭ ކަމެއް ނޫނީ މުޅިދުނިޔޭގައި އެއްވެސް ބަޔަކު ނުކުރެއެވެ. ދެއަހަރު ވަންދެން ދުނިޠެގެ އެކްސްޕޯޓް އިންޕޯޓް ހުއްޓިފައެވެ. އެއްތަނުން އަނެއްތަނަށް މީހުން ދަތުރު ފަތުރުކޮށެއް ނޫޅެއެވެ. 

ރާއްޖޭގެ މައިގަނޑަ އިގްތިސާދަކީ ފަތުރުވެރިކަމެވެ. ދެން އޮތީ މަސްވެރި ކަމެވެ. ފަތުރުވެރިންނަކަށް ނާދެވެއެވެ. ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ކޮވިޑްގެ ވަބާގައި އާމްދަނީ ނުލިބެ ރައްޔިތުން ބަނޑަށް ނުޖައްސާ އާއްމު ހާލަތުގައި ރާއްޖޭ ބޭއްވޭތޯ ގަދައަޅާ ކުރި މަސައްކަތުން ރައްޔިތުންނަށް ބަނޑުހައި ހޫނުކަމެއް ތަހައްމަލު ކުރާކަށް ނުޖެހުނެވެ. ސަރުކާރު މުއައްޒަފުން ގޭގައި ބައިތއްބައިގެން މުސާރަދިނެވެ. ސަރުކާރުގެ އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަތްކެއް ނުކުރެއެވެ. އާއްމުންގެ އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓުމުން އެމީހުނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ. 

ކޮވިޑްގައި މަރުވަ މީހުންގެ އަދަދު މަދުކުރުމަށް ސިއްހީ ދައިރާއަށް އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރިއެވެ. ސިއްހީ އެހީތެރިންނާއި ބަލިމީހުން އެކަހެރިކޮށް ހިދުމަތް ދިނުމަށް އެތައް މިލިޔަން ހޭދަން ކުރުން ޖެހުނެވެ. އެއްވެސް އާމްދަނީއެއް ނުލިބި ރައްޔިތުން ކޮވިޑްގެ ވަބާއިން އަރައިގަތުމަށް ކުރެވުނު ކަންކަމަކީ ނުކުރާ ކަންކަމެއް ނޫނެވެ. ނުހިނގާ ހަރަދެއް ނޫނެވެ. ގިނަބަޔަކަށް ކޮވިޑްގެ ދަތިކަން އިހުސާސް ނުވީ ރޭވުންތެރިކަމާއި އެކު ތަރުތީބަކުން ސަރުކާރަކުން ރަނގަޅަށް ކަންތައް ތަކެއް ކުރުމުގެ ނަތީޖާއެވެ. މުޅި ދުނިޔޭގައި އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރި ފަސް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިޔައީ ވެރިއެއްގެ ހުޝިޔާރު ކަމުންނެވެ. އެހެނެއް ކަމަކު ޝުކުރުވެރި ނުވަތާ އެކަން ހަނދާން ހުރި ކަމަކަށްވެސް މިހަރަކު ނުވެއެވެ. 

ނުލިބޭ ލާރީގައި ދެއަހަރު ވަންދެން ދައުލަތެއް ހިންގަން ޖެހުމުން ދަރަނި ނުނަގާ ދައުލަތް މެނޭޖުކުރެވޭ ވަރުގެ އުފެއްދުންތެރިކަމެއް އޮތް ގައުމަކަށް ރާއްޖެނުވެއެވެ. ކޮވިޑާއެކު ރައްޔިތުންގެ ޑީމާންޑްތަކަށް ކޭޓަރ ކުރުމަށް ދަރނި ނުނަގާ ހިންގޭވަރުގެ ދައުލަތަކަށް ދިވެހި ދައުލަތް ނުވެއެވެ. ގައުމު ބަނގުރޫޓުނުކޮށް ދަރަނި މެނޭޖްކޮށް ދަރަނި އަދާކުރުމުގެ ގާބިލުކަން އެމްޑީޕީ ސަރުކާރުގައި އޮތެވެ. ގައުމު މެނޭޖު ނުކުރެވިގެން މުއިއްޒު ބޮލަށް ދައުލަތް ޖަހާފައި އެމްޑީޕީއެއް ނުދެއެވެ. 

މާކަންވާމީހަކަށް ހެދިގެން ރޮއި އާދޭސްކޮށް ދެފައިތަޅާ ދެއްކި ދޮގު ހުވަފެންތަކުގައި ރައްޔިތުންގެ ބަޔަކު ޖެހި މުއިއްޒަށް ވެރިކަން ދިނީއެވެ. ވެރިކަން ލިބުމުން ދުނިޔެ ރަންވެގެން ތެޅެގަތީ ދޮން ހަސަނަށް އަމާފެނިގެން އުޅުނު ހެންނެވެ. ގައުމު އޮތް ހާލަތެއް ބޯމަތީގައި އޮތް ދަރަންޏެއްގެ މަތިން ހަނދާނެއް ނެތެވެ. އެންމެ އެހީތެރި ގައުމާ ޖެހިފިތި ބާރުވެގަތީއެވެ. ބަޔަކު އެއްޗެއް ދޭނަމޭ ބުނާއިރަށް އެއީ ޖީުގައި އޮތް އެއްޗެއް ކަމަށް ބަލައިގެން ހުރިއްޔާ ހުރި އެއްޗެއް ތަޅާ ބުރުއްސާލީއެވެ. އެންމެ ފަހުން މާ ކަނޑުގައި ދިޔަތައް ހަލާ ދެކޮޅުން ރާޅު އަރުވަން ފެށީއެވެ. ރޯމާދުވާލު މުއިއްޒު ބޮލާފޮށާއެޅި ބަރަހަނަވަނީއެވެ. މަތްކަލާކޯއެވެ. ކުރީ ސަރުކާރޭ ނުކިޔާ ދެންވެސް އަވަަހަށް ފައިބާށެވެ.