ގޯތާބޭ ދިޔަމަގުން ދިޔުމުގެ ކުރީން މުއިއްޒު އަވަހަށްފައިބާ!
ހިންގަން ނޭނގި ބޮއްސުންލީމާ ކުރީ ސަރުކާރޭ ކިޔަސް ހައްލެއް ނުވާނެ.
މުއިއްޒު ވެރިކަމަށް އެރީ ދޮގު ވައުދުތައް މަތިމައްޗަށް ވަމުންނެވެ. ދިވެހިރައްޔިތުން ގޮވައިގެން މުއިއްޒު ނުދާހިސާބެއް ނެތެވެ. އެމްޑީޕީ ވެރިކަމުގައި ގައުމު އޮތީ ދަރުވާލާ ދަރަނިން ބޯހިކެން ނެތްވަރު ކޮށްލާފައި ކަމަށް މުއިއްޒު ބުންޏެވެ. ކިތަންމެ ބޮޑަށް ގައުމު ދަރުވާލައިފައި އޮތަސް ގައުމުނަގާ ކޮޅަށް ޖެހުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. ހިތިބޭހެއް ބޯން ރައްޔިތުންނަށް ނުޖައްސާނެ ކަމަށް މުއިއްޒު ބުންޏެވެ.
ލިބިލިބި އޮތް ހިދުމަތެއް ހުއްޓާ ނުލާނެ ކަމަށް މުއިއްޒު ބުންޏެވެ. ދޭހިދުމަތެއްގެ އަގު ބޮޑު ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ވަޒީފާގައި ހުރި މީހަކު ވަކި ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ސަރުކާރުގެ މަތި ބަރުނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. ދީފައިވާ ގޯއްޗެއް ފްލެޓެއް ވަކި ނުކުރާނެ ކަމަށް މުއިއްޒު ބުންޏެވެ. މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުތެރޭގައި އަގުދީ ނިންމާނެ ކަމަށް މުއިއްޒު ބުންޏެވެ. އާސަންދައިގެ ހިދުމަތް ފުޅާކޮށް ބެންކޮކާއި ދުބާއީން ބޭސްކުރެވޭނެ ގޮތް ހަދާނެ ކަމަށް މުއިއްޒު ބުންޏެވެ. ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓާނެކަމަށް ބުންޏެވެ. ކަރަންޓާ ފެން ރަގަޅު ފެންވަރުގައި އަގުހެޔޮކޮށް ހުރިހާ ރައްޔިތުންނަށް މެދުނުކެނޑި ލިބިދޭނެ ކަމަށް މުއިއްޒު ބުންޏެވެ. ދައުލަތުގެ އިސްރާފް ނައްތާލާ ދަރަނިތައް ފިލުވާ ގައުމީ ރިޒާވް ބަރާކޮށްލާނެ ކަމަށް މުއިއްޒު ބުންޏެވެ. މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއް ނެތެވެ.
މުއިއްޒަށް ވެރިކަން ލިބުމުން ހީވީ ބޮކަށް ރަންފުށް މައްޗަށް އެރުނު ހެންނެވެ. ހެދޭ ނުހެދޭ ނޭނގި ފަތުއަޑުކިޔާފާ ސިޔާސީ މަގާމުތައް އުފައްދާ މީހުނަށް ބަލައިގެން އަތްގުޅި ނުކާވަރުގެ މުސާރަ ދޭންފެށިއެވެ. ކެބިނެޓް ވަޒީރުންނާއި އެނޫން ވަޒީރުންގެ އަދަދު ސުމާރެއް ނެތެވެ. ސްޓޭޓް މިނިސްޓރުންނާއި ނައިބުންނާއި އެކި ނަންނަމުގައި އުފެއްދި ސިޔާސީ މަގާމުތަކާއި މީހުން އޮއިކުންޏަށެވެ. ކުންފުނިތަކާއި ބޯޑުތައް އެވަރެވެ. ޑުޕްލިކޭޓް ކުންފުނިތައް އެވަރެވެ.
ވެރިކަމުގެ ޝާނާއި ޝައުކަތަށްޓަކާ އެތައް މިލިޔަން ރުފިޔާއެއް ހަރަދުކޮށްގެން މުލިއާގެ މަރާމާތުކޮށްފިއެވެ. އެތައް މިލިޔަން ޑޮލަރު ހޭދަކޮށްގެން އައުވާނުނަށް އަގުބޮޑު ކާރުތަކެއް ހޯދައިފިއެވެ. ރަސްމީ ފާލަމަށް އެތައް މިލިޔަނެކެވެ. ޑްރޯން ގަތުމަށް އެތައް މިލިޔަނެކެވެ. ދެ ދުވަހުން އެއްދުވަހު ހަވާ އަރުވަން އެތައް މިލިޔަނެކެވެ. މަވެތިކަން ދައްކަން ފައުޖު ހަދާފައި ރާއްޖޭން ބޭރަށް ދިޔުމަށް މިލިޔަނުން ހަރަދު ކުރަނީއެވެ. އީދު ފާހަގަކުރުމުގެ ނަމުގައި ބިލިޔަނުން އިސްރާފެވެ. ހީވާނީ ދުވާލަކު މަލްޓި މިލިޔަނުން ސަރުކާރަށް ޑޮލަރު ވައްނަ ގައުމެއް ހެންނެވެ.
ރަސްމާލެ ހިއްކާ ކަނޑުއަޑީގައި ޓަނަލް އަޅާ ދުބާއީ ލަދުގަންނަވާލާ ވަރަށް ދިވެހީންގެ ރާއްޖެ ކުރިއަރުވާލާނެ ކަމުގެ އުންމީދުގައި ދިވެހިން ތިބީ ދަތް ދިލުވައިގެންނެވެ. ކޮންމެ ދެފައި ދެގޯޅިއެއްގައި އެއަރޕޯޓެވެ. ގުއިފުނަދޫގައި މެރީނާ މޯލާއި މިނީ ރޭލެވެ. ދެ އަހަރުނުވާ ސީޕްލޭން ޓަރމިނަލް ކައިރި ރަށަކަށް ބަދަލުކޮށް ލަނީއެވެ. ޖައްވީ އުޅަނދާއި ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ ވާހަކަ ނޫން ހުރިހާ ވާހަކައެއް މުއިއްޒު ވަނީ ދައްކާފައެވެ. ހަމަތެދެކެވެ. މުއިއްޒު ދިވެހި ރައްޔިތުން ޅޮސް އުދޯއްޔަށްލީ ތިޔަހެންނަކުން ނޫނެވެ. އެހެނެއް ކަމަކު ވެރިކަމަށް 7 މަސްނުވެ މުއިއްޒު ކީހާޅެން ފަރިއްސަށް ވެއްޖެއެވެ. ރައްޔިތުން ހާލުގައި ޖެހުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ރައްޔިތުން ހިތިބޭސް ބޯން ޖައްސަނީއެވެ.
ދިވެހިންނަށް ރަން އިލޮށިން ކަދުރު ކާންދޭން އުޅުނު އެއްކަލަ މުއިއްޒު ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ކާޑާއި ކަރަންޓާއި ފެނާއި ތެލުން ދޭ ސަބްސިޑީ ކަނޑާލަނީއެވެ. އޭރުން ކަރަންޓް ބިލާ ފެން ބިލު ބޮޑުވެ މިހާރަށްވުރެ ތިންގުނަ އިތުރަށް ފައިސާ ދައްކަން ޖެހެނީއެވެ. ތެލުގެ އަގު ބޮޑުވެ ދުއްވާ އެއްޗެތި ނުދުއްވާ ބާއްވަން ޖެހެނީއެވެ. ރައްޔިތު މީހާއަށް އާސަންދައަކީ އަގުދީގެން ނޫނީ ނުލިބޭ އެއްޗަކަށް ވަނީއެވެ. މުއައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލަނީއެވެ. ހުޅުމާލެ ބްރިޖް ހުރަސްކުރާ ކޮންމެ ހުރަސް ކުރުމަކުން އަގު ނަގަނީއެވެ. އިންފްލޭޝަން މަތިވެ މުދަލުގެ އަގު ބޮޑުވެ އަތްނުފޯރާ ހިސާބަށް ދަނީއެވެ.
ކަންކަން ރަނގަޅަށް ރާވާ ހިންގަން ނޭނގި ކަންކަން ބޮއްސުން ދިޔައިމާ ކުރީ ސަރުކާރޭ ކިޔަސް މައްސަލަ ހައްލެއް ނުވެއެވެ. ހައްތަހާ ވަނީ ބަރަހަނާއެވެ. ކިތަންމެ ވަރަކަށް އޮޅުވާލިޔަސް މިހާރު ވެރިކަމުގައި އޮތީ އެމްޑީޕީއެއް ނޫނެވެ. މުއިއްޒު ވެރިކަމާ ހަވާލުވީ އެމްޑީޕީއަށް ވެރިކަން ނުވެގެން ވެރިކަމާ ހަވާލުވެ ދޭށޭ ކިޔާ ފަހަތުން ހިނގާ ރޮއި އާދޭސް ކޮށްގެނެއް ނޫނެވެ. މިހާރަކު އެމްޑީޕީއެކޭ ކުރީ ސަރުކާރެކޭ ކިޔާނެ ކަމެއްނެތެވެ. ކަންކަން ގޯހުން ގޯހަށް ދިޔުމުން ކުރީގެ ސަރުކާރޭ ކިޔައިގެން ރާގުރާގަށް ރައްޔިތުންގެ ބޮލަށް ޗިޕް ޖަހަން އުޅުނަސް އޮތް މައްސަލަތައް ހައްލެއް ނުވާނެއެވެ. ދުވަހެއް ދުވަހަކަށް ވާނީ ގޯހެވެ. ގައުމު ހަމަ މަގަށް އެޅުވުމުގެ ރޭވުންތެރިކަމެއް ހުނަރެއް މުއިއްޒުގެ ނެތެވެ.
މަސްވެރިންނަށް ފައިސާ ނުލިބި މަގުމަތިވަނީއެވެ. މުއައްޒަފުންނަށް ވަޒީފާ ގެއްލި އާމްދަނީ ހުއްޓެނީއެވެ. ތެޔޮ ނުލިބިގެން އިންޖީނުގެތައް ހުއްޓި ކަނު އަދިރިވަނީއެވެ. އެއްގަމާ ކަނޑާ ވައިގާ ދުއްވާ އުޅަނދުތައް ހުއްޓި ޕާރކް ކުރަން ޖެހެނީއެވެ. މުއިއްޒުމެން އެބުނާ ހިތިބޭހެއް ބޮއެގެން ހަނާވުމުގެ ކުރިން ރައްޔިތުން ނިކުމެ ގޯތާބޭ ދިޔަމަގުން ދުއްވާލުމުގެ ކުރީން އަވަހަށް ފައިބާށެވެ.