ޔާމީނަށް ޖަލުގޮޅި ކަށަވަރުކޮށްދީ ޕީއެންސީ ހަމައިސްކޮޅަށް ދެމިލާނެ!
ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރަކީ ޔާމީން. މުއިއްޒެއް ނޫން
ޕީޕީއެމް- ޕީއެންސީ ބައިބައި ކުރާނީ އެހެން ބައެއް ނޫނެވެ. އެމީހުން ބައިބައިވަނީ އަމިއްލައަށެވެ. ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ބައިބައިވުން ނެތްކަން ދައްކަން ކިތަންމެ ވަރަށް އުޅުނަސް އެކަން ނިކަން ރަނގަޅަށް ފެންނަން އެބަ ހުއްޓެވެ. ދިވެހިންނަކީ އަދުރޭމެން ހީކުރާ ކަހަލަ ވާނުވާ ނޭނގޭ މޮޔައިންނެއް ނޫނެވެ.
ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމުން ޕީޕީއެމް - ޕީއެންސީ އަކީ އެއްބައެއް ކަމަށް ދައްކަން އަދުރޭމެން އުޅުނަސް އެކަން އޮތީ އެހެން ނޫންކަން އެނގެއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަން ދޮންކުރަމުން އައިއިރު ކަންކަން ހިނގިގޮތާއި އިންތިހާބު ތެރޭގައި ކަންކަން ވީގޮތާއި އިންތިހާބަށްފަހު ކަންކަން ވަމުން ދާގޮތުން ޕީޕީއެމް - ޕީއެންސީ ބައިބައިވަމުންދާ މިންވަރު ވަޒަން ކޮށްލެވޭނެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓަކީ ޔާމީނުގެ މިލްކެކެވެ. ޔާމީނު އަތުން ޓިކެޓް އަތުލައިގަންނަން މުއިއްޒު އުޅުއްވާ ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅާކޮމެޓީގައި މައްސަލަ ފައިލްކޮށް މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުމުގެ ތުހުމަތުގައި މީސްމީހުން ޕާޓީން ވަކިކުރާ ހިސާބަށް ދުއްވާލިއެވެ. މުއިއްޒުގެ ގާއިމް މަގާމު މާލެސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒު އެހުރީ އެކަމުގެ ދިރިހުރި މިސާލެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގިތިބެ އެހެން މީހަކަށް ޓިކެޓް ނުދީ ހިފަހައްޓަ ހިފަހައްޓާ އޮއްވާ މުއިއްޒު ޓިކެޓް ހޯދީ ޕާޓީ ބަދަލުކޮށްގެން ހިންގި އެތެޜޭގެ ހިމޭން ބަގާވާތަކުންނެވެ. ޔާމީނު ސިފަކުރާ ޒާތުގެ މިނިކާ ބާޒަކަށް ލީޑަރޝިޕް ދިނުމަށްވުރެ ޔާމީނަށް މުހިންމުވީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. ޔާމީނު ބަންދުގައި ހުރި ހުރުމުގެ ފައިދާ ނަގައިގެން ޔާމީނުގެ ބޮޑު ފޮޓޯގަނޑެއްގެ ނިވަލުގައި ހުރެގެން މުއިއްޒު ވެރިކަމަށް އިންތިހާބުވީ ރިޔާސަތުން ޕީޕީއެމް ބާކީކޮށްގެންނެވެ.
ރާއްޖޭގެ އިންތިހާބީ ރައީސާއި ނައިބު ރައީސަކީ ޕީޕީއެމް ބައެއް ނޫނެވެ. ދެން ރާއްޖޭގެ ވެރިކަން އޮންނާނީ ޕީއެންސީގައެވެ. ޕްރޮގްރެސިވް ކޯލިޝަނަކީ ޔާމީނަށް ވެރިކަން ހޯދާދޭން މަސައްކަތްކުރި ކޯލިޝަނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރަކީ ޔާމީނެވެ. މުއިއްޒެއް ނޫނެވެ.
ރާއްޖޭގެ ރިޔާސަތަށް ރައްޔިތުން ޕީއެންސީ ހޮވުމުން ޕީއެންސީގެ ރައީސްކަމަށް މުއިއްޒު އިސްކޮށްފިއެވެ. ވެރިކަމަށް ތާއީދު ހޯދަން ޕީޕީއެމްގެ ބޭނުން ކިތަންމެ ބޮޑަށް ހިފިޔަސް ވެރިކަމުގެ ރިޔާސަތުގައި ޕީޕީއެމްގެ ހިއްސާއެއް ނެތެވެ. ޕީޕީއެމްގެ ރައީސް ބުނާހާ ގޮތަކަށް ރައީސް ކަމުގައި ހުރެ މުއިއްޒު ކަންތައް ކުރާކަށް ވެސް ނުޖެހެއެވެ.
ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމައްޗަށް ނުނިކުތުމަށް މުއިއްޒު އެދުނުތާ ހިދުކޮޅެއްގެ ތެރޭގައި ޔާމީނު ބުނެގެން ޔާމީނު ދޫކޮށްލަން ގޮވާލާ މަގުމައްޗަށް މީހުން ނެރުނީ ބައިބައިވުމުގެ ކަންފުޅެއްވެސް ނެތީމާ ހެއްޔެވެ. ޕީޕީއެމް އޮފީހުގައި ޔާމީނު ބޭއްވި ސިޔާސީ އެއްވުމުގައި ޕްރޮގްރެސިވް ކޯލީޝަންގެ އިސް މީހުން ނެތީ އިއްތިފާގަކުން ނޫނެވެ. ޔާމީނު ބަންދުގައި ހުރެ ސިޔާސީ މަސައްކަތް ނުކުރުމަށް ސަރުކާރުން އެންގުމުން އެކަމާ ކޯލީޝަނުން ދެކޮޅު ނުހެދީ ގައިމު ބައިބައިވުމެއް ހުރެގެންތާއެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑު މުއިއްޒުގެ ވެރިކަމުގައި ހޯދާދިނުމަށާއި ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ޔާމީނު މުހުލަތު ދިނުމުން މުއިއްޒު ފޭލިކޮށްލަން ޔާމީނު ބޭނުން ވާވަރު ސާފެވެ. މުއިއްޒު ރައީސްކަމުގެ ހުވާކޮށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމުން އައު ސަރުކާރުގައި ރެނދުލާ ދިމަދިމާ އާއްމުންގެ ލޯތަކަށް ވެސް ފެންނަން ފަށާނެއެވެ. މަޖިލިސް އިންތިހާބުގެ ޕްރައިމަރީތަކާ ހަމައިން ދެޕަޓީން މަށަށް މަށަށް ގޮވާތަން ބަލަން ތިބޭނަމެވެ. މަޖިލިސް އިންތިހާބު ނިމިގެން ދާއިރު ޕްރޮރެސިވް ކޯލިޝަން ރޫޅި ޔާމީނާއެކު ޕީޕީއެމް ކުޑަވެ ބާކީވެ ދާނެއެވެ. މުއިއްޒު ހުވާކުރުމަށް ފަހު މަޖިލީހުގެ އިންތިހާބުގެ ކަންކަން ދާގޮތަކުން ޔާމީނަށް އަނެއްކާވެސް ޖަލުގޮޅި ކަށަވަރުވެ ޕީއެންސީ ހަމަ އިސްކޮޅަށް ދެމިލާ އާނދޮގޭ ބުނާ އަޑު އިވުން ދާދި ކައިރިވެއްޖެއެވެ.