ޝަހީދުވި ބޮސްނިއާ މުސްލިމުންގައިގާ މުއިއްޒު ޖެހީ ކޮޅުފައިން

މުއިއްޒަށް މިހާތަނަށް ދިމާވިހާ އިސްލާމީ ޓެސްޓަކުން ވަނީ ފޭލިވެފަ

ޝަހީދުވި ބޮސްނިއާ މުސްލިމުންގައިގާ މުއިއްޒު ޖެހީ ކޮޅުފައިން

ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 1995 ވަނައަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު 8،372 މުސްލިމުން މަރާލާފައިވެއެވެ. އަނިޔާވެރި ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާ ހިންގީ ބޮސްނިއާ ސާބަށް ނިސްބަތްވާ ހަތިޔާރު އެޅި ގްރޫޕަކުންނެވެ. 1992 ވަނަ އަހަރުއްސުރެ ފެށިގެން ހިނގަމުންއައި ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި އެއްދުވަހު ހިންގާލި ލާއިންސާނީ އަމަލެކެވެ. 

ބޮސްނިއާ ހަނގުރާމައަކީ ފަހަކަށްއައިސް ދުނިޔޭގައި އެތައް ހާސް މުސްލިމުން ޝަހީދުކޮށްލި ޝައިތާނީ ޖަރީމާއެކެވެ. ދިވެހިން އެކަން ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. އެދުވަސްވަރު މުޅި ރާއްޖެއޮތީ ބޮސްނިއާ މުސްލިމުންނާއެކުގައެވެ. ދިވެހިން ކައިބޮއެ އުޅުނީވެސް ބޮސްނިއާގެ މުސްލިމުންނަށް ދެވެން އޮތް އެއްޗެއް ދިނުމަށްފަހުއެވެ. ބޮސްނިއާއަށް އެހީވުމަށް ފައިސާ ހޯދަން މަހަށް ފަރަށް ދިޔުމާއި ފަންޑުފޮށިތައް ބަހައްޓައިގެން ފައިސާގެ އެހީވުމަކީ މެދުނުކެނޑި އެތައް ފަހަރެއްގެ މަތީން ކުރަމުން އައިކަންކަމެވެ. ކުޑައެއް ބޮޑެއް މޮޅެއް ދެރައެއް ބެލުމެއް ނެތިއެވެ. ހިތު ލޯބިންނެވެ. އެކަމުގައި އެންމެ އިސްކޮށް ހުންނެވީ އޭރުގެ ރައީސް މައުމޫނެވެ.

ރައްޔިތުންގެ ވިންދާ ސަރުކާރުގެ ވިންދު އޮތީ އެއްގޮތަކަށެވެ. ދުނިޔޭގެ ފެންވަރުގައި ރާއްޖޭން ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށެއް ނުލައެވެ. ބަޔަކު ފިއްތަފާނެ ފިއްތުމަކަށް ހަދާފާނެ މޫނަކަށް ސަރުކާރަކުން ނުބަލައެވެ. މިއަދު އެހިއްވަރާ ފަންވަރު ރާއްޖެއަކުނެތެވެ. ދިނާއި ގައުމުގެ އަނދުން އަޅައިގެން ވެރިކަމަށް އައި މުއިއްޒުވެސް މިވީ އަގުޅިނެތް ކަންނޭލަކަށެވެ. އަނގަ ފިނދަކަށެވެ. 

ދީނާއި މުސްލިމުންނަށް ނަސްރުދޭން ކުރަންޖެހޭ ކަމެއްކުރުމަށް ފަސްނުޖެހޭން ވައުދުވެގެން ވެރިކަމަށް އައި މުއިއްޒަށް މިހާތަނަށް ދިމާވިހާ އިސްލާމީ ޓެސްޓަކުން ވަނީ ފޭލިވެފައެވެ. ވެރިކަމަށް މިއުޅެނީ ރަނގަޅަށް ހަމަސް ނުފެރެއެވެ. ނުވަމަހާ ދިހަދުވަސް ނުވަނީސް ބައިގެން ނުދާ ވަރެއްނޫނެވެ. 

ގުޖުރާތުގައި 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގައި މަރުވި 790 މުސްލިމުންގެ މަރުގެ ޒިންމާ އިންޑީއާގެ މިހާރުގެ ބޮޑުވަޒީރު މޯދީގެ ބޮލުގައި އަޅުވަމުން މުއިއްޒު ވެރިކަމަށް އައީ އިންޑިއާ ކުށްވެރި ކުރަމުންނެވެ. ވެރިކަމަށް އަރާ އިންޑިއާ އާއި ގާތްކަން ކަނޑާ އިސްލާމް ދީނަކީ ނަފްސާނީ ބައްޔެކަމަށް ބުނެ ޔޫގޫރުގެ މުސްލިމުންނަށް އަނިޔާވެރިވެ ރޯދަ ހިފުން މަނާކުރާ ޗައިނާގެ އުނގަށް ވެއްޓިގަތީއެވެ. ޔޫގޫރުގެ މުސްލިމުން ތިބީ އިންތިހާ ދަރަޖައިގެ ވޭނާ އަނިޔާގައި ދުނިޔަށް އެ މީހުންގެ ހާލު ހާމަ ނުކުރެވޭ ވަރަށް ބާކީކޮށް އެކަހެރިކޮށްފައެވެ. ފައިސާއާއި ބާރަށްޓަކާ މުއިއްޒަށް ޗައިނާއަށް ޗުއްޕުވެސް ބުނާނެ ހިތްވަރެއް ނެތެވެ.

ފަލަސްތީނުގައި އިސްރޭލުން ހިންގާ ގަތުލު އާއްމު ކުށްވެރި ކުރަނީ ނަމެއްގައެވެ. އަނގައިން ބުނަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ އެކުގައި ތިބިކަމަށެވެ. ރާއްޖޭގައި އިޒްރޭލުގެ މަސްލަހަތު ހުރި ވިޔަފާރިތައް ކުރުން ހުއްޓުވުމުގެ ހިތްވަރެއް ނެތެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރަން ރައްޔިތުން ގޮވާ މަޖިލީހުން ފާސްކޮށް ގަރާރު ފޮނުވުމުން ވެސް އިޒްރޭލު ޕާސްޕޯޓް މަނައެއް ނުކުރެވުނެވެ. 

8،372 މުސްލިމުން މަރާލި ބޮސްނިއާ ގަތުލުއާއްމުގެ ދުވަސް ފާހަގަކުރަން އދ. އަށް ހުށަހެޅި ގަރާރަށް ރާއްޖޭން ވޯޓެއް ނުދެވުނެވެ. ވާނީ އެހެންތާއެވެ.  ޗައިނާއިން ވޯޓު ދިނީ އެ ގަރާރު ފާސް ކުރުމާ ދެކޮޅަށެވެ. ގަރާރަށް ރާއްޖޭން ވޯޓް ނުދިން ސަބަބު ހާމަކުރަން ގޮވިޔަސް ތެދުބަހުން އެވާހަކަ ބުނާނީ ކިހިނެއް ހެއްތެވެ. އޯއައިސީން އަމަލު ކުރިގޮތަށް ތަބާވީއޭ ކިޔައިގެން ބަހަނާ ދައްކަން ސަރުކާރުން ނުހަދާށެވެ. ޝަހީދުވި ބޮސްނިއާ މުސްލިމުންގައިގާ ރާއްޖޭން ކޮޅުފައިން ޖެހީ ނޫންކަމަކަށް އެކަމެއް ނުވާނެއެވެ. 

ދީނާ ގައުމާއި އިންސާނިއްޔަތަށް ވުރެ ދުނިޔެއާއި މުދަލާއި ބާރު މުއިއްޒަށް މުހިންމުވީއެވެ. އިސްލާ މްދީނާއި މުސްލިމުންނަކީ މުއިއްޒުގެ ސިޔާސީ އައްޑަނައަށް ހަދައިގެން އުޅުނަސް ޗައިނާއަށް ވިކި އަޅުވެތި ވެފައި އޮތްވަރު ނޫންކަމެއް މި ފަހަރުވެސް މުއިއްޒަށް ސާބިތުކޮށެއް ނުދެވުނެވެ.