ދުނިޔޭގެ ކޯޓަށް އިސްރާއީލު ކިޔަމަނެއް ނުކުރެވުނު
އިސްރާއީލުން ހިންގާ މޮޔަކަންތައް އެމީހުން ނުހުއްޓާނެ. އަހަރެމެން ޖެހޭނީ ހުއްޓުވަން: އދގެ ރަޕޯޓެއަރ
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އަމުރުތަކަކީ، ގާނޫނީގޮތުން އެއަށް އަމަލުކުރަން ލާޒިމް އަމުރުތަކެކެވެ. އޭގެމައްޗަށް އިތުރު އަމުރެއް ނާންނާނެ ފަހުގެ ނިންމުމެވެ. އދގެ އެންގުން ތަކަށް އަމަލުނުކުރާ ޒަޔަނިސްޓު ޓެރެރިސްޓް އިސްރާއީލަށް އައިސީޖޭގެ އަމުރަކީވެސް އެއްވެސް އެއްޗަކަށް ނުވެއެވެ.
ރަފަހަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ދުނިޔޭގެ ކޯޓުން އިޒްރޭލަށް އަމުރު ކުރިޔަސް އެކަމަށް އިޒުރޭލުން ބޮލެއް ނުލެނބިއެވެ. އަމުރުކުރިތާ 24 ގަޑިއިރު ވެގެން ދިޔައިރުވެސް އަޅާކަހަވެސް ނުލައެވެ. ދޭ ހަމަލާތައް އިތުރަށް ކުރީ ވަރުގަދައެވެ.
އެއްގަމުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ރަފަހުގެ އެތައް މިތަނަށް އެއްވެސް ބެލުމެއްނެތި ދަނީ ބޮން އަޅަމުންނެވެ. އާންމުންގެ ގެދޮރާއި ޓެންޓްތަކާއި ހޮސްޕިޓަލްތަކާއި އާންމުންނާ ގުޅުންހުރި އެތައް ތަނަކަށެވެ. ފިސާރި ގަދައަށެވެ.
ފުލުފުލުގައި އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. ގައްޒާގެ އެކި ހިސާބުތަކުން 80 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް ވަނީ ޝަހީދު ކޮށްފައެވެ. 8 ލައްކައަށްވުރެ ގިނަ މީހުން ރަފަހުން އެކަނިވެސް މިހާތަނަށް ގެދޮރުން ބޭރުކޮށް މަގުމަތިކޮށް ހާލުގައި ޖައްސައިފިއެވެ.
އިންސާނީ އެހީ އެތެރެކުރުމަށް ފުރުސަތު ދޭން ބޯޑަރުތައް ހުޅުވަން ދުނިޔޭގެ ކޯޓުން ކުރި އަމުރަކަށްވެސް އިޒުރޭލު ކިޔަމަންނުވެ ދިނީ ބީރުކަންފަތެވެ. ރަފަހާއި މުޅި ގައްޒާއަށް އެއްވެސް އިންސާނީ އެހީއެއް އެތެރެނުކުރެވޭތާ ވިއްސަކަށް ދުވަސްވެއްޖެއެވެ.
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އަމުރަށް އިޒުރޭލު ބޯލެންބޭނީ އެހެން ގައުމުތަކުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މަޖުބޫރުކޮށްގެންނެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ ކަންކަން ބެލެހެއްޓުމަށް އދއިން ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރަޕޯޓެއަރ ފްރަންޗެސްކާ އަލްބަނީޒީ ވަނީ އިސްރާއީލާ ދެކޮޅަށް ވަގުތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަާފައެވެ.
އދ އިން ކަނޑައަޅާފައި ހުންނަ ސްޕެޝަލް ރަޕޯޓެއަރ ގޮވާލާފައިވަނީ ދުނިޔޭގެ ކޯޓުގެ އަމުރަށް ބޯލަނބަންދެން އިސްރާއީލަށް ދަތިކޮށް ހަތިޔާރު ފޯރުކޮށްދިނުން ވަގުތުން ހުއްޓާލުމަށެވެ. އިސްރާއީލުގެ ޑިޕްލޮމެޓުންނާއި ބޭރުކުރުމާއި އިސްރާއީލާ އެއްކޮށް އޮންނަ ސިޔާސީ ގުޅުންތައް ސަސްޕެންޑް ކުރުމަށް އޭނާ ގޮވާލާފައިވެއެވެ.
ސްޕެޝަލް ރަޕޯޓެއަރގެ ގޮވާލުމަށް އިޖާބަދީ ދުނިޔޭގެ ކޯޓް އަމުރު ތަންފީޒު ކުރުވުމުގެ ހިތްވަރު ބައިނަލްއަގުވާ މުޖުތަމައުގައި އެބަހުރި ހެއްޔެވެ. ރާއްޖޭންވެސް އެ އުޅެނީ އިޒްރޭލް ޕާސްޕޯޓް މަނާކޮށްލަން ނުކެރިގެންނެވެ.