ޑރ. ޒިޔާދު ބާގިރުގެ ނަޒަރުން: މަސްތުވާތަކެއްޗާއި މަރުގެހުކުމް
ރާއްޖެއަށް މަސްތުވާތެކެތި އެތެރެ ކުރާމީހުންނަށް މަރުގެ ހުކުމް ކުރުމަށް ފާސް ކުރުމާއި ގުޅިގެން ވިސްނާ ފިކުރުކޮށްލަން ޖެހޭކަމަށް ވިދާޅުވެ ޑރ. ޒިޔާދު ބާގިރު ފާޅުކުރެއްވި ހިޔާލު ފުޅެއް މިތަނުގައި ހިއްސާކޮށްލުން މުހިންމުކަމަށް ދެކެމެވެ. އެހެނީ އެވަރުގެ ހައްސާސުކަމެއް ނިންމުމުގައި މަޖިލީހުގެ ނިންމުން ބިނާކުރީ ޝަރުއީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަން ނުވަތަ ސިޔާސީ ގޮތުން ކްރެޑިޓެއް ހޯދަންކަން އެނގެންޖެހެއެވެ.
މަސްތުވާތެކެތި އެތެރެ ކުރާމީހުންނަށް މަރުގެ ހުކުމް ކުރުމަށް ފާސް ކުރުމާއި ގުޅިގެން އެންމެ ފުރަތަމަވެސް ޑރ. ޒިޔާދު އުފައްދަވާ ސުވާލަކީ މައްސަލައަކީ ޝަރްއީ ހުކުމެއް އެކުލެވޭ ކަމަކަށް ވާއިރު ރާއްޖޭގެ ފަތުވާމަޖްލިސްއާއި އިސްލާމިކް މިނިސްޓްރީއާއި މިކަމުގައި މަޝްވަރާ ކުރެވުނީ ކިހާވަރަކަށް ބާވައޭ ވިދާޅުވެ އުފައްދަވާ ސުވާލެވެ.
ދިވެހި ރަދީފުގައި ވާގޮތުން މަސްތުވާ ތަކެއްޗަކީ އެއްޗެއް ބޭނުންކުރުމުން އަމަލުވާ ކޮންމެ އެއްޗެކެވެ. އެހެންކަމުން މަސްތުވާ ތަކެއްޗަކީ ކޮބައިކަން ސާފުކޮށް އެނގޭނޭހެން ބަޔާންކުރަން ޖެހޭނެއެވެ.
ޝަރުއީ ހުކުމެއް ހިމެނޭ އެވަރުގެ ބޮޑުކަމެއް ނިންމުމުަގައި ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާތަކެއް ހުރިކަމަށް ވިދާޅުވަމުން އެ ފަދަ ޝަރްއީ މައްސަލަތަކުގައި އެކަމާ ގުޅުންހުރި މައްސަލާގެ އަސްލަށް ރުޖޫއަ ވާން ޖެހޭނެކަމަށް ވިދާޅުވެ ޑރ. ޒިޔާދު ފާހަގަ ކުރައްވާ ބައެއްކަންކަން ހިއްސާކޮށްލާނަމެވެ.
ފިގުހު އިލްމުވެރިން ވިދާޅުވާގޮތުގައި މަސްތުވާ ތަކެއްޗަކީ އެއްޗެއް ބޭނުންކުރުމުން މަސްތުކުރުވާ ކޮންމެ އެއްޗެކެވެ. ބުއިމުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި، ކާތަކެއްޗާއި އެނޫން ގޮތް ގޮތަށް ބޭނުންކުރާ އެތައް ބާވަތެއް މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނެއެވެ.
މަސްތުވާތަކެތީގެ ތެރޭގައި ބަގުރާ ހިމެނޭނެކަން ޔަގީނެވެ. މާތް ރަސޫލާގެ ހަދީސުން މިކަން ކަށަވަރު ކޮށްދެއެވެ. އަލްއިމާމު މުސްލިމު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. މާތް ރަސޫލާ ހަދީސް ކުރެއްވިއެވެ. "މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެކެވެ."
މަސްތުވާތަކެތި ގަނެ ވިއްކުމުގައިވެސް އޮންނާނީ ވެސް ހަމަ މި ހުކުމެވެ. އަލްއިމާމު ބުހާރީ އާއި މުސްލިމު ރިވާކުރެއްވި ހަދީސެއްގައިވަނީ މާތް ރަސޫލާ ހަދީސް ކުރެއްވިއެވެެ. " ހަމަކަށަވަރުން ﷲ އާއި އެކަލާނގެ ރަސޫލާ، ރާއާއި މުޅަތަކެއްޗާއި އޫރާއި އަޅުކަންކުރަންގެންގުޅޭ ބުދު ވިއްކުން ހަރާމް ކުރެއްވިއެވެ."
ބަނގުރާ ބުއިމާއި މަސްތުވާތެކެތި ބޭނުންކުރާ މީހުންނަށް، އެކަން ސާބިތުވެއްޖެނަމަ އެކަމުގެ ހައްދުވަނީ އިސްލާމްދީނުގައި ކަޑައަޅުއްވާފައެވެ. އެހެން ނަމަވެސް މިތަކެތި ގަނެވިއްކާ މީހާގެ އުގޫބާތް ދިނުމުގެ މިންވަރު ކަނޑައަޅަން ހާކިމާއަށް ވަނީ ދޫކޮށްލެވިފައެވެ. އެހެންކަމުން މަސްތުވާތަކެތި ވިއްކުމުގެ މައްސަލާގައި ހާކިމާ ހުކުމެއް ކަނޑައަޅުއްވާއިރު މަސްތުވާތަކެތީގެ ހުރިހާ ބާވަތެއް ހިމަނަންވާނެއެވެ. އެހެން އެކަން ނުވެއްޖެނަމަ އެއީ ޝަރްއީ މައްސަލަތަކާއި މެދުވެވޭ ވަރަށް ބޮޑު އިހުމާލެކެވެ.
އެއްބާވަތެއްގެ މައްސަލަތަކުގައި މިގޮތަށް އިސްތިސްނާ ކުރުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. އެހެނީ މަސްތުވާތަކެތީ އަސްލަކީ ބަގުރަލެވެ. މިކަމަކީ މިއީ ސީދާ އެތަކެއް ދަލީލުތަކެއް ވާރިދުވެފައިވާ މައްސަލައެކެވެ. މަސްތުވާ ތަކެތީގެ ދެންހުރި ބާވަތްތައް ހަރާމް ކުރައްވާފައިވަނީ ބަގުރަލަށް ގިޔާސް ކޮށްގެންނެވެ. މަސްތުވާތަކެތީގެ އަސްލަކީ ބަގުރަލެވެ. ބަގުރާ އެތެރެކުރާ މީހުން މިކަމުގައި އިސްތިސްނާ ކުރުމަކީ ހަރާމް ކުރައްވާފައިވާ ކަމެއް ހުއްދަ ކުރުމެވެ. ހަރާމް ކުރައްވާފައިވާކަމެއް ހުއްދަ ކުރުމަކީ އެމީހެއްގެ އިމާން ކަމާމެދު ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމަކެވެ.
ދެންއޮތީ މަރުގެ ހުކުމްގެ މައްސަލައެވެ. މަރަށް މަރުހިފުމުގެ މައްސަލާއާއި މެދު ވިސްނާލާއިރު ހާމަވެގެން ދަނީ މީހަކު މަރާލުމުގެ ނިޔަތުގައި މަރުވާފަދަ ވަސީލަތެއް ބޭނުންކޮށްގެން، އެހެން މީހެއްގެ ލޭ ހުރުމަތް ތެރިވެގެންވާ އިންސާނަކު ގަސްތުގައި މަރައިލުމެވެ. މިއީ މަރަށް މަރު ހިފަންޖެގޭ ހާލަތެކެވެ. އެހެން ނަމަވެސް މިހާލަތުގައި ހުކުމް އިއްވުމުގެ ކުރިން ބަލަންޖެހޭ މުހިންމު ދެ ކަމެއް އޮވެއެވެ.
- މަރަށް މަރުހިފުމަށްޓަކައި މުހިންމު 3 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.
- ގާތިލުގެ ހިތުގައި މީހަކު މަރާލުމުގެ ގަސްތު އޮތުން
- އުދުވާނީ ހަމަލާގައިމަރާލެވުނު މީހަކީ ލޭޙުރުމަތް ތެެރިވެގެންވާ މީހެއްކަމުގައިވުން
- ގަތުލު ކުރުމަށް ޓަކައި ގެންގުޅުނު އާލަތަކީ އާންމުކޮށް މީހަކު މަރައިލެވޭފަދަ އާލަތަކަށްވުން
2. މީގެ އިތުރުން މަރުގެ ހުކުމް ތަންފީޒު ކުރުން ބިނާވެފައި އޮންނަނީ މަރުވެފައިވާ މީހާގެ ވާރުތަވެރިންގެ ރުހުމާ ނުރުހުމުގެ މައްޗަށްށެވެ.
- މީހަކު ގަތުލު ކުރުމަށް އާއްމުގޮތެއްގައި ބޭނުން ނުކުރާ ވަސީލަތެއް ބޭނުންކޮށްގެން ގަތުލުކުރުމުގެ ނަޔަތަކާ ނުލައި، ހިންގާ އުދުވާނީ އަމަލެއްގައި ލޭގެ ހުރުމަތް ތެރިކަން ދެމިއޮތް މީހަކު މަރުވުމެވެ. މި ހާލާތުގައި މަރަށް މަރެއް ނުހިފާނެއެވެ.
- މީހަކު ގަތުލު ކުރުމުގެ ގަސްތެއްނެތި ކުރި އަމަލެއްގައި ގަސްތުކުރެވިފައިވާ މީހާނޫން އެހެން މީހަކަށް ގެއްލުމެއްލިބި މަރުވުމެވެ. މިހާލާތުގައި ވެސް މަރަށް މަރެއް ނުހިފާނެއެވެ.
މަރަށް މަރުހިފުމުގެ މައްސަލާގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހާލަތްތަކަކީ މިއެވެ. މީގެ ތެރެއިން ވެސް ފުރަތަމަ ހާލަތުގައި މަރަށް މަރު ހިފުމުގައިވެސް އިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަ ވެގެން ނޫނީ މަރަށް މަރު ނުހިފޭނެއެވެ.
ކަންމިހެން އޮތް އިރު ޝަރުއުގައި ކަނޑައަޅުއްވާފައިނެތް ކަމެއް ކޮންމެހެން ކަނޑައަޅަން ޖެހިއްޖެނަމަ ކަނޑައަޅަންވާނި ވަރަށް ވިސްނުންތެރިކަމާއެކު، ކަމުގެ ފަންނީ މާހިރުންގެވެސް ލަފަޔާ އެކުގައެވެ. ޝަރްއީ މައްސަލަތަކުގައި މިފަދަ ހާލަތްތައް ކަނޑައަޅަން ވާނީ ޝަރްއީ އިލްމު ލިބިފައިވާ މީހުންނެވެ. މިފަދަ ޝަރްއީ ބޮޑެތި މައްސަލަތަކުގައި މިގޮތް ގޮތަށް ނުބަލާ ކަންކަން ނިންމުމުމަކީ ފަހުން މިކަމުގެ ހިތާމަ އުފުލަން ޖެހިދާނެކަމެވެ. ދުނިޔޭގެ ބޮޑެތި ފިގުހީ މަޖްލިސްތަކުގައި (ފަތުވާ މަޖްލިސް) ތަކުގައި އަލަށް އުފެދޭ ޝަރްއީ ބޮޑެތި މައްސަލަތަކުގައި ގޮތް ނިންމަން ފަސް ހަމަސް ނަގައެވެެ.
ދެން އޮތީ ރާއްޖޭގެ އަދުލުގެ ނިޒާމެވެ. މިފަދަ ބޮޑެތި މައްސަލަތައް ނިންމުމުގެ އިހުތިޔާރު ރާއްޖޭގައި ފަޑިޔާރުންނަށް އެބައޮތް ތޯއެވެ. މިފަދަ ހައްސާސީ މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން މީހަކު ފުރޭމުކޮށް މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ދުރުގައިވާ ކަމަކަށް ނުވެހިގައިދާނެއެވެ.
ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެއެވެ. އެއްވެސް ފަރާތެއްގެ ނުފޫޒު ފަޑިޔާރުންގެ މައްޗަށް އޮތުމަކީ ޝަރްޢީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. ރާއްޖޭގެ ޝަރްއީ ނިޒާމުގެ ހާލަތު މީހަކު ކިޔައިދޭކަށް ނުޖެހެއެވެ. ހެޔޮވިސްނޭ ކޮންމެ މީހަކަށް މަންޒަރުތައް ވަރަށް ސާފުކޮށް ހާމަވެގެން ދެއެވެ.
މަރަށް މަރުގެ ހުކުމް ކޮށްފައި ކިތައް މީހުން މިއަދު ތިބިތޯ ބަލަން އެބަޖެހެއެވެ. ހުކުމް ތަންފީޒު ނުކުރެވި ލަސްވާ ސަބަބުތަކަކީ ކޮބައިތޯ ވެސް ބަލަން ޖެހެއެވެ. އައްނަހުލު ސޫރަތުގެ 43 ވަނަ އާޔަތުގެ ވަހީގެ ބަސްފުޅުގެ މާނާގައި ވަނީ "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން އިލްމުގެ އަހުލުވެރިންނާ ސުއާލު ކުރާށެވެ!"

