މުދަލު ޒަކާތް ދައްކަން އޮޅުމެއް އޮތްނަމަ މިހެންހަދާ!

* މިހާރު ނިޞާބުގެ މިންވަރު: 7140.00 ރުފިޔާ * ޒަކާތަށް ނެރެންޖެހެނީ %2.5

މުދަލު ޒަކާތް ދައްކަން އޮޅުމެއް އޮތްނަމަ މިހެންހަދާ!
  • ކޮންމެ އަހަރަކުވެސް ޒަކާތުގެ ނިޞާބު ބަލާށެވެ. މި ވަގުތު އިސްލާމިކް މިނިސްޓްރީން ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ޒަކާތުގެ ނިޞާބަކީ: 7140.00 ރުފިޔާއެވެ. (11 ޖެނުއަރީ 2024).
  • އަތުގައި ހުރި ފައިސާ ނިޞާބަށް ވުރެ ގިނަ ނަމަ، ހިޖުރީ ގޮތުން 1 އަހަރު ވަންދެން އެއަށް ވުރެ މަދު ނުވެ ފައިސާ ރައްކާކުރެވިފައި ވޭތޯ ބަލާށެވެ.
  • ހިޖުރީ ގޮތުން 1 އަހަރުވުމުން އެގޮތަށް ނިޞާބަށް ވުރެ މަދު ނުވެ ހުރި ފައިސާއިން ލަސްނުކޮށް ޒަކާތް ނެރުން ވާޖިބުވާނެއެވެ.

ދަރަނި:

  • ތިބާ ދައްކަމުންދާ ދަރަނި:

މަސްތަކަކަށް ނުވަތަ އަހަރުތަކަކަށް ބަހާލައިގެން ދައްކާ ދަރަންޏެއް ވާނަމަ:

* ރައްކާކޮށްފައި ހުރި ފައިސާއަށް އެއް އަހަރުވުމުގެ ކުރިން އެ ދަރަނި އެއްކޮށް އަދާކޮށްފިނަމަ އަދި އޭގެ ސަބަބުން ރައްކާކޮށްފައި ހުރި ފައިސާ ނިޞާބަށް ވުރެ މަދުވެއްޖެނަމަ އެ އަހަރު ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

* އެހެނަސް އެ އަހަރުގެ ދަރަނި ނުވަތަ މަސްތަކަކަށް ބަހާލައިގެންވެސް ދައްކާ ދަރަނި ދެއްކުމަށް ފަހުގައި، ރައްކާކޮށްފައި ހުރި ފައިސާ އަދިވެސް ނިޞާބަށް ވުރެ ގިނަނަމަ އެ ފައިސާއިން ޒަކާތް ނެރެން ވާނެއެވެ.

  • ތިބާއަށް ލިބެން ޖެހޭ ދަރަނީގެ ފައިސާ (އެބަހީ: އެހެންމީހަކަށް ތިބާ ދަރަންޏަށް ދީފައިވާ ފައިސާ)

އެފަދަ ފައިސާ ދެ ބަޔަކަށް ބެހިގެންވެއެވެ.

* ދަރަންޏަށް އެ ފައިސާ ނެގީ ތިބާ ބުނާ ކޮންމެ ވަގުތެއްގައިވެސް އެފައިސާ ދެވޭ ވަރު މީހެއް ނަމަ ނުވަތަ ދަތިކަމެއް ނެތި އެފައިސާ ލިބޭނެކަން ތިބާއަށް އެނގޭނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ މިންވަރުވެސް އޭގައި ހިމަނަންވާނެއެވެ.

* ދަރަންޏަށް އެ ފައިސާ ނެގީ ވަރަށް ދަތިކޮށް އުޅޭ މީހަކަށް ވެފައި ނުވަތަ އެ ފައިސާ ލިބުމުގެ މާ ބޮޑު އުންމީދެއް ނެތިއްޔާ ނުވަތަ އެ ފައިސާ ނެގި މީހާ ގަޞްދުގައި އެފައިސާ ނުދޭން ލަސްކުރަމުންދާ މީހެއް ނަމަ ޒަކާތުގެ ފައިސާ ހިސާބު ކުރާ އިރު އެ ދަރަނި އޭގައި ނުހިމަނާނީއެވެ. އަދި ފައިސާގެ ޒަކާތް ނެރޭނީ އެ ފައިސާ އަތަށް ލިބުމުންނެވެ.

  • ޒަކާތުގެ ގޮތުގައި ނެރޭނީ ހިޖުރީ ގޮތުން އެއްއަހަރު ވަންދެން ރައްކާކޮށްފައި ހުރި ފައިސާއިން، އޭގެ % 2.5 އެވެ.