ފައިނު އާދަނަށް: އަރާއިން ގޮނޑިން ވެއްޓި ދަތްދޮޅި ފެޅިދާނެ!
މަޖިލިސްގެ ރައީސްކަން ހުސްވިޔަސް ފައިނު އާދަނަށް އެ ގޮނޑިއަކު ނީދެވޭނެ.
އެމްޑީޕީގައި ހުރި ހިއްވަރަކާ ނެތް ހިއްވަރެއް ފައިނު އާދަނަކަށް ނޭނގޭނެއެވެ. އެމްޑީޕީން ކަންކުރާނެ ގޮތަކާ ކުރަންވީ ގޮތެއްވެސް އެގެން ޖެހެނީ ޕީޕީއެމަކަށް ނޫނެވެ. އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސްކަމުން ވަކި ކޮށްގެން އެމްޑީޕީ ބައިބައިވާތަން ދެކެން ތިޔަ ތިބީ ކެތްމަދު ވެފައިކަން މާކުރިންވެސް އެނގެއެވެ. ރައީސް މައުމޫނަށް ޔާމީނު ދިން ކަހަލަ ކެއްސެއް ރައީސް ނަޝީދަށް ރައީސް ސާލިހު ދެއްވަފާނެ ކަމަށް ހީކުރުމަކީ ތިޔަ ބައިގަނޑު ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވާކަން އެނގިގެން ދިޔަ ކަމެކެވެ.
އާދަނާއެވެ. އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ ބަހުސް ހިނގާނީ ސިއްރަކުން ނޫނެވެ. ވަރަށް ފާޅުގައެވެ. އެއްވެސް މީހަކީ އެމްޑީޕީގައި އާއްމު މެންބަރުންނަށް ވުރެ ބާރުގަދަ މީހެއް ނޫނެވެ. ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި އެމްޑީޕީ އަބަދުމެ އިސް ކުރާނީ ޕާޓީގެ މަސްލަހަތެވެ. ސިޔާސީ ގޮތުން އެމްޑީޕީއަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ވަކި މީހަކު ވަކި ކަމަކުން ދުރުކުރުން ކަމަށް ވަންޏާ އެ މީހަކު އެކަމަކުން ދުރު ކުރާކަށް އެމްޑީޕީ ޖެހެލުމެއް ނުވާނެއެވެ.
އެމްޑީޕީގައި އަޅުންގެ އަޅުންނެއް ނޫޅެއެވެ. ކޮންމެ މީހަކަށް ވެސް ވާދަކޮށް ކާމިޔާބު ކޮށްގެން އެ މީހަކު ހުންނަން ބޭނުން ހިސާބަކަށް ދިޔުމަށް މަސައްކަތް ކުރުމުގެ ޖާގަ އެމްޑީޕީގައި އޮވެއެވެ. ރިޔާސީ ޓިކެޓް ހޯދާ ހިތުން ބަނޑުކެނޑިފައި ތިބި އެކަކަށް ވެސް ޔާމީނާ ވާދަކޮށްލަން ޕީޕީއެމުގައި ޖާގަ ނެތަސް އެމްޑީޕީގައި އެ ޖާގަ އޮތީ ތައްމިނަށް ހުޅުވިފައެވެ. ބަލިވާ މީހަކު ބަލި ގަބޫލުކޮށް ކާމިޔާބު ކުރާ މީހަކާ އެކުގައި މަސައްކަތް ކުރުމުގެ ކެރުންތެރިކަން އެމްޑީޕީ މެންބަރުންގެ ހުރެއެވެ.
އިންތިހާބީ ވާދައިގާ އެއް ބަޔަކު އަނެއް ބަޔަކަށް ބަސް ރައްދު ކުރުމަކީ އެމްޑީޕީގައި އައުކަމެއް ނޫނެވެ. އަމްދުން ރައީސް ސާލިހަކީ މީހުންނާ ގުޅިގެން އެކު އުޅުއްވަން ދެނެވަޑައިގަންނަވާ އެމްޑީޕީގެ އެއް ބާނީއެވެ. އާދަނުމެން އެދޭހާ ގޮތަކަށް ޖަޒްބާތުގެ ފިޔަވަޅުތައް އަޅުއްވާ އެމްޑީޕީއަށް ކުޑަވެސް ގެއްލުމެއް ލިބޭނެ ކަމެއް ރައީސް ވިޔަކަ ނުދެއްވާނެއެވެ. އިސް ކުރައްވާނީ ހިކުމަތްތެރި ކަމެވެ.
އެހެން ނޫނަސް ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ނަގައިގެން މަޖިލިސްގެ ރައީސްކަން ހުސް ވިޔަސް އޮޅިގެން ވެސް ފައިނު އާދަނަށް އެ ގޮނޑިއަކު އިނދެ ވޭނީއެއް ނޫނެވެ. ޕީޕީއެމް އެދޭ ގޮތަކަށް މަޖިލީހުން ކަމެއް ފާސް ކުރެވޭނީ އެއްވެސް ނޫނެވެ. ލިބުނު މޮޅައިގެން މުސާރަކާލަ ކާލާ ތިޔަ އިންތާކު ފަސް އަހަރު ވަންދެން އިނދެވޭތޯ ބަލާ ބަލާށެވެ. ކުކުޅަށް ވުރެ ބިސް ދޮށިވެގެން އުޅެންޏާ ތިޔައިން ގޮނޑި ގަޑުންވެއްޓި ދަތްދޮޅި ފަޅައިގެން ހިނގާދާނެއެވެ. އޭރަކުން ތިޔަހެން ކޯ ތަޅުވާކަށް ނުހުރެވޭނެއެވެ.