އެންމެ ރެއަކު އިއުތިކާފަށް އިނދެވިދާނެތަ!

އިއުތިކާފު އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހުގެ ފަހުދިހަ އެއްކޮށް އިއުތިކާފުކުރުން

އެންމެ ރެއަކު އިއުތިކާފަށް އިނދެވިދާނެތަ!

އިއުތިކާފު ކުރުމުގެ ބޭނުމަކީ ދުނިޔަވީ ކަންކަމުން މީހާ ހުސްވެ ނަމާދު ކުރުމާއި ޒިކުރު ކުރުމާއި ގުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމެވެ. އިއުތިކާފަށް ނިޔަތް ގަތުމަށްފަހު ފާހާނާކުރުމާއި ކެއިންބުއިން ފަދަ ޒަރޫރީ ކަމަކަށްޓަކައި ނޫނީ މިސްކިތުން ނިކުތުން ހުއްދަވެގެން ނުވެއެވެ.

އިއުތިކާފު ކުރުމުގައި އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހުގެ ފަހު ދިހައެއް އެއްކޮށް އިއުތިކާފުގައި އިނުމެވެ. ކީރިތި ނަބިއްޔާ އެގޮތަށް އެކަން ކުރައްވާފައިވާކަމަށް އިމާމް ބުހާރީ އާއި މުސްލިމް ރިވާކުރައްވާ ފައިވެއެވެ. ކީރިތި ރަސޫލާއަށް އިގުތިދާއު ވުމުގެ ގޮތުން އިއުތިކާފު ކުރަން އެންމެ މޮޅު އިތުރުގޮތަކީ ރޯދަމަހު ފަހުދިހަ އެކުގައި އިއުތިކާފު ކުރުމެވެ. ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ދާންދެން ރޯދަ މަހުގެ ފަހު ދިހައެއްގައި އިއުތިކާފަށް އިންނަވާކަމުގައިވެއެވެ. (ބުހާރީ:2025)، (މުސްލިމް: 1171)

މަސްޖިދުލް ހަރާމްގައި އެއްރޭ އިއުތިކާފުގައި އިނުމަށް އުމަރުގެފާނު ނަދުރެއް ބައްލަވައިގަތެވެ. އެ ނަދުރު ފުއްދުމަށް ނަބިއްޔާ އަމުރުކުރެއްވިއެވެ. (ބުހާރީ:2042)، މުސްލިމް:1656) ބުނެވިދިޔަ ދަލީލުން އެންމެ ރެއަކުވެސް އިއުތިކާފަށް އިނުން ހުއްދަވެގެން ވާކަން ސާބިތުވެއެވެ. 

ފަހު ދިހައެއް އެއްކޮށް އިއުތިކާފަށް އިނދެވޭގޮތް ނުވާނަމަ، އޭގެ ތެރެއިން ބައެއްރޭ ރޭ ނުވަތަ ދުވަސް ދުވަހު އިއުތިކާފު ކުރުމުގައި މައްސަލައެއް ނެތެވެ. އިއުތިކާފުގައި އިނދެވޭނެ އެންމެ މަދުމިންވަރުގެ ވަގުތެއް ކަނޑައެޅިފައި ނުވާކަމަށް އައްޝައިހު އިބްނި ބާޒް ފަތުވާ ދެއްވާފައިވެއެވެ. ޝައިހު އިބްނި ބާޒުގެ ފަތުވާއަށާއި ބުއްދީގެ ހަމައަށް ނަޒަރު ކުރުމުންވެސް އިއުތިކާފަށް ނިޔަތްގަނެގެން ކިތަންމެ ކުޑަ ވަގުތުކޮޅަކުވެސް އިއުތިކާފަށް އިނދެވިދާނެއެވެ. 

އެދެވިގެންވާ ގޮތަކީ ފަހު ދިހައެއްގައި ގަދައަޅައި އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ކުޅަދާނަވީ މިންވަރަކުން އެ ދުވަސްތަކުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށް މަސައްކަތް ކުރުމެވެ.