ޒަކާތް ދޭންޖެހެނީ ކާކު ކޮންއެއްޗަކުންކަން އެގޭތަ!
ޒަކާން ނެރެންޖެހެނީ މުދަލުގެ ފަސް ބާވަތަކުން.
ޒަކާތް ވާޖިބުވުމުގެ ހިކްމަތް:
އިސްލާމްދީނުގައި ކަންކަން ވާޖިބު ކުރެއްވުމުގައި މަތިވެރިވެގެންވާ ހިކުމަތްތަކެއްވެއެވެ. އެގޮތުން ޒަކާތް ވާޖިބުވުމުގައި ވެސް ހިކްމަތް ތަކެއްވެއެވެ.
- މުދާ ތާހިރުކޮށް އިތުރު ކުރުވުން.
- މުދަލަށް ބަރަކާތް ލިބުން
- އާފާތްތަކުން މުދާ ސަލާމަތް ކުރުން
- ޒަކާތް ދޭމީހާ ދަހިވެތިކަމުގެ ސިފައިން ތާހިރު ކުރުވުން.
- ފާފަ ފުއްސެވުން.
- އިސްލާމްދީނުގެ މަގުގައި ހޭދަކުރުމަށް އާދަކުރުވުން.
- ފަގީރުންނާއި ފުދުންތެރިކަން ނެތް މީހުންގެ ހާޖަތްތައް ފުއްދައިދިނުން.
- މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އެއްބައިވަންތަކަމާއި ލޯބި އުފެއްދުން.
ބަޔާންވެ ދިޔަ ކަންކަން ނޫން އެހެން ކިތަންމެ ހިކުމަތެއް ވެސް ޒަކާތް ވާޖިބުވުމުގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނިގެންވެއެވެ.
ޒަކާތް ނެރުން ވާޖިބު ވަނީ ކޮންބައެއްގެ މައްޗަށް:
އަންނަނިވި ޝަރުތުތައް ފުރިހަމަވާ މީހުންގެ މައްޗަށް ޒަކާތް ދިނުން ވާޖިބުވެގެންވެއެވެ.
- މުސްލިމަކު ކަމުގައިވުން: ކާފިރެއްގެ މައްޗަށް، ޒަކާތް ވާޖިބުވެގެން ނުވެއެވެ. އެހެނީ ޒަކާތަކީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. އިސްލާމެއްގެ ފަރާތުން ނޫނީ އަޅުކަމެއް ގަބޫލު ނުކުރެވޭނެއެވެ.
- މިނިވަނަކު ކަމުގައިވުން: އަޅުންގެ މައްޗަށް ޒަކާތްނެރުން ވާޖިބުވެގެންނުވެއެވެ. އެހެނީ އެމީހާއަކީ އަމިއްލަ މުދަލެއް ހުރި މީހެއްނޫނެވެ. އަދި އެމީހާއަކީ އެމީހާގެ ސާހިބުމީހާގެ މިލްކެކެވެ.
- މުދަލުގައި ނިސާބު ހަމަވުން:
- މުދަލުގައި ނިސާބުހަމަވެ، އަހަރު ހަމަވުން: މުދަލުގެ ވެރިމީހާގެ އަތުގައި މުދާ ހުރި މުދާ ނިސާބުގެ މިންވަރަށްވުރެ މަދުނުވެ ހަނދުމަހުން ފުރިހަމަ އެއްއަހަރުން ޝަރުތުވެގެންވެއެވެ. މިޝަރުތަކީ ނައަމްސޫފިތަކާއި، ރަންރިހި އަދި ވިޔަފާރި މުދަލަށް ހާއްސަ ޝަރުތެކެވެ.
ޒަކާތް ނެރެން ވާޖިބުވަނީ ކޮން ބާވަތް ތަކަކުން:
ޒަކާން ނެރެންޖެހެނީ މުދަލުގެ ފަސް ޖިންސަކުންނެވެ. ނުވަތަ ފަސް ބާވަތަކުންނެވެ.
- ނައަމްސޫފި: (ގެރި، ބަކަރި، ޖަމަލު)
- ނަގުދު ނުވަތަ ފައިސާ : ގަނެ ވިއްކުމުގައި ގެންގުޅޭ ޑިޖިޓަލް ފައިސާއާއި ނޫޓާއި ރަން ރިހި މިބައިގާ ހިމެނެއެވެ. މިބައިގެ ތެރޭގައި ރަން ރިހީގެ ހުކުމަށް އަންނަ، މިޒަމާނުގައި ބޭނުންކުރެވޭ ހުރިހާ ބާވަތެއްގެ ފައިސާ ހިމެނޭނެއެވެ.
- ވިޔަފާރި މުދާ: މިއީ ފައިދާ ހޯދުމަށްޓަކައި ވިޔަވާރިއަށް ތައްޔާރު ކުރެވިފައިވާ މުދަލެވެ.
- މޭވާއާއި ގޮވާމުގެ ބާވަތްތައް:
- މައުދަނާއި ރިކާޒު: މައުދަނަކީ ބިމުގެ އަޑީގައި އުފެދިގެން، ބިމުން ނެރެވޭ އަގެއްހުރި ތަކެއްޗެވެ. މިސާލަކަށް ރަން، ރިހި، ލޮއި ފަދަ ބާވަތްތައް. ރިކާޒަކީ ޖާހިލިއްޔަ ޒަމާނުގައި ބިމުގައި ވަޅުލެވިފައިވާ ތަކެއްޗެވެ.