ޒަކާތް އެނގެނީ ކިހާވަރަކަށް!

ދަހިވެތިކަމުން ޒަކާތް ދިނުމުން މަނާވެގަންނަ މީހާ އަރައިގަނެވެނީ ބޮޑު ފާފައަކަށް

ޒަކާތް އެނގެނީ ކިހާވަރަކަށް!

ޒަކާތުގެ ބަހަވީ މާނައަކީ އިތުރު ވުމެވެ. އިސްލާމުދީނުގެ ފިގުހީ އިސްތިލާހީ މާނައަކީ ނިސާބު ހަމަވެފައިވާ ވަކި ހާއްސަ މުދަލަކުން، ވަކި ޝަރުޠު ތަކަކާއެކު، ވަކި ހާއްސަ ބަޔަކަށް ދޭންޖެހޭ ހައްގެކެވެ.

ޒަކާތަކީ އިސްލާމްދީނުގެ ފަރުލުތަކުގެ ތެރެއިން ފަރުލެކެވެ. ހަމައެހެންމެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ނަމާދަށްފަހު، އިސްލާމްދީނުގެ އެންމެ މުހިއްމު ރުކުނެވެ. ކީރިތި ގުރުއާނުގައި، ނަމާދު ގާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާއި ވިދިގެން ޒަކާތްދިނުމަށް އަމުރުކުރައްވާފައިވެއެވެ. 

ޒަކާތުގެ ވާޖިބުކަން:

އާލަމް ތަކުގެވެރި ރައްބު ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވަނީ “ އަދި ތިޔަބައިމީހުން ނަމާދު ކުރާށޭ. އަދި ތިޔަބައިމީހުން ޒަކާތް ދޭށޭ "އެވެ. ކީރިތި ވަހީ ބަސްފުޅުން ޒަކާތުގެ ފަރުލުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. 

އަނެއްކޮޅުން ކީރިތި ރަސޫލާގެ ހަދީސް ކުރައްވާފައިވާ ހަދީސެއްގެ މާނާގައި ވަނީ މި ފަދައިންނެވެ. "އިސްލާމްދީން ބިނާވެގެން ވަނި ފަސް ކަމެއްގެ މައްޗަށެވެ. އާލަމު ތަކުގެވެރި ރައްބު ފިޔަވައި ހައްގު ގޮތުގައި އަޅުކަން ކުރެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި ސަލާމާއި ސަލަވާތްލެއްވި މުހައްމަދުގެފާނަކީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ގާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ހައްޖު ވުމާއި، ރޯދަމަހު ރޯދަ ހިފުމެވެ".

އެހެން ކަމުން ޒަކާތުގެ ވާޖިބުކަމާއިމެދު ހުރިހާ މުސްލިމުން އެއްބަސްވެއެވެ. ޒަކާތްދިނުމުން މަނާވެގަންނަ މީހުންނާއި ހަނގުރާމަ ކުރުން ހުއްދަ ކަމުގައި ސަހާބީ އިއްތިފާގުވެލައްވައެވެ.

ޒަކާތް ދިނުމަށް އިންކާރުކުރާ މީހާގެ ހުކުން:

އަލަށް އިސްލާމްވާ މީހާއާއި މީހުން އުޅޭ ހިސާބާއި އެކަހެރި ތަނެއްގައި އުޅޭ މީހާއަށް ރަނގަޅަށް ނުފިލާ އޮތުމުން ޒަކާތް ދިނުމަށް އިންކާރު ކޮއްފިނަމަ އޭނާއަށް ޒަކާތުގެ ވާޖިބުކަން ބަޔާންކޮށް ދޭނީއެވެ. މިހާލަތުގައިވާ މީހާގެ މައްޗަށް ކުފުރުގެ ހުކުމް ނުކުރެވޭނެއެވެ. އޭނާއަށް އެކަމުގައި އުޒުރު އެބައޮތެވެ.

މުސްލިމުން ދިރިއުޅޭ މާހައުލެއްގައި އުޅެ ބޮޑުވެފައިވާ މުސްލިމަކު މިކަމަށް އިންކާރު ކޮއްފިނަމަ އެމީހާ މުރުތައްދުވާނެއެވެ. އަދި މުރުތައްދު ވެފައިވާ މީހެއްގެ މައްޗަށް އަންނަ ހުކުމްތައް އެމީހާއަށް އަންނާނެއެވެ. 

ދަހިވެތިކަމުގެ ސަބަބުން ޒަކާތްދިނުމުން މަނާވެގަންނަމީހާގެ ހުކުން:

ޒަކާތުގެ ވާޖިބުކަން ގަބޫލުކުރާ ހާލުގައި ދަހިވެތިކަމުން ޒަކާތް ދިނުމުން މަނާވެގަންނަ މީހާއަށް އެ އަރައިގަނެވުނީ ވަރަށް ބޮޑު ފާފައަކަށެވެ. އެފަދަ މީހާ ފާފަވެރި ވާނެއެވެ. އެހެން ނަމަވެސް، އެމީހާ ދީނުން ބޭރެއް ނުވާނެއެވެ.