މެޑަމް ފަޒްނާ: ސިހޭ ވަރަށްވުރެ ލޯތްބާ އިހުތިރާމް މާބޮޑު
މެޑަމް ފަޒްނާއަކީ އެފަދަ ދެވަނައެއް ނެތް ލާމަސީލް ކަނބަލެއް
މިދުވަސްވަރަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާ ދުވަސްވަރަށްވުމުން ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަމުންދަނީ އެބަޔަކު ތާއިދުކުރައްވާ ބޭފުޅަކަށް ތާއީދު ހޯދުމުގެ މަސައްކަތެވެ. މިގޮތުން ގާނޫނީ އިމުގެ ތެރެއިން ތާއީދު ހޯދުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ދިވެހިންދަނީ ކުރަމުންނެވެ.
މީގެ އަހަރުތަކެއްކުރިން ރިޔާސީ އިންތިޚާބަށް ޑޯޓުޑޯ ކެމްޕޭން ތަޢާރަފްކޮށް ފުރަތަމަ ފެށީ އެމްޑީޕީންކަން އެއީ އެންމެންނަށްވެސް އެނގޭ ހަގީގަތެކެވެ. ޑޯޓްޑޯ ކެމްޕޭނަށް ދިވެހި ރައްޔިތުން ކުރާ ތާއީދާއި އެކަމުން ގިނަބަޔަކަށް ލިބޭ އުފަލަކީ އެންމެންވެސް ގަބޫލުކުރާކަމެކެވެ.
2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުގެ ތެރެއިން އެއްބޭފުޅަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހުއެވެ. ރައީސަށް ކެމްޕެއިން ކުރެއްވުމަށްޓަކައި މެޑަމް ފަޒުނާ ނިކުމެވަޑައިގަތުން ވެގެންދިޔައީ ކެންޕޭންގެ ފޯރި އިތުރު ވެގެންދިޔަ ކަމަކަށެވެ.
ކެންޕޭނުގައި މެޑަމް ފަޒްނާ ހުޅުމާލޭގެ ފޭސް ދޭކަށް ވަޑައިގެނެވުމުން ލިބިވަޑައިގެން ތާއީދު ބޮޑުވަމުން ދާތަން ފެނުމަކީ ބަޔަކަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. އެކަމުން ދެކޮޅުވެރިންގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. އެގޮތުން އެންމެންގެ ސަމާލުކަން ހުއްޓިގެންދިޔަ އެއްމަންޒަރަކީ ވަރަށް ލަދުވެތި ހަޑިހުތުރު ދިވެހިންގެ ކިބައިން މާޒީގައިވެސް ފެނިފައިނުވާފަދަ ދަށުދަރަޖައިގެ ފިނޑި ޢަމަލެކެވެ. އެކަމަނާޔަށް ފުރައްސާރަކޮށް ބިރުދައްކާ އަނިޔާވެރި ޢަމަލުތަކެއް ހިންގުމަށް ބަޔަކު އުޅުނުގޮތެވެ.
ވާދަވެރިންގެ ކިބައިން ފެނިގެންދިޔަ ދަށުދަރަޖައިގެ އަމަލުގެ ވާހަކަތައް އަޑު އިވުމާއެކު ގިނަބަޔަކަށް ލިބުނީ ސިހުމެކެވެ. ގަތީ ލަދެވެ. ގައުމުގެ ރައީސެއްގެ އަނބިކަނބަލަކާމެދު އެފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގީތީ އެކަންޏެއްނޫނެވެ. އެކަމަނާއަކީ ކާކުކަމާއި ގައުމަށްޓަކައި ކޮށްދެއްވާފައިވާ އަގުނުކުރެވޭވަރުގެ ވަފާތެރި މަސައްކަތުގެ ސަބަބުންނެވެ. ކުރިއްސުރެ ގިނަބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވައިގެން އިންނެވި ބޭފޫޅަކަށް ވާތީއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީއަށްޓަކައިވެސްމެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަހުމަދަކީ ޚުލްގުހެޔޮ މާތް އަޚުލާގެއްގެ ވެރިއެކެވެ. ހިތްޕުޅުތިރި މަޑުމައިތިރި ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. އެންމެންނާވެސްގުޅޭ އެހެންމީހުންނަށް އިހުތިރާމްކުރައްވާ އެހެންމީހުންގެ ވާހަކަތައް އަޑުއައްސަވާ އުފެއްދުންތެރި ޚީޔާލްދެއްވާ ބަސްމޮށުންތެރިކަމުގައި ރީތިގޮތް ގެންގުޅުއްވާ ގިނަބައެއްގެ ރުހުން ހޯއްދަވާފައިވާ ޝަޚުޞިއްޔަތެކެވެ. ކަންކަމުގައި އިސްނަންގަވާ ޒިންމާދާރު ކަންކަން އަމިއްލަފުޅަށް ކުރެއްވުމުގައި ސާބިތުވެ ހުންނެވި ހަރުދަނާ ލީޑަރެކެވެ. ވަޒީފާގެ މާހައުލުގައްޔާއި އެނޫންވެސް ކަންކަމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ގަޑިއަށް ފަރުވާ ބަހައްޓަވައިގެން ޝައުގުވެރި ކަމާއެކު މަސައްކަތް ކުރައްވަވާ ނަމޫނާ ކަނބަލެކެވެ.
ތަޢުލީމީ ވަނަވަރު
ފަސްޓްލޭޑި ފަޒުނާ އަހުމަދަކީ ތަޢުލީމީ ގޮތުން ބެލިޔަސް ރައްޖޭގައި ފަސްޓްލޭޑީކަން ކުރެއްވި ބޭފުޅުންނަށްވުރެ ފުންނާބު އުސް ބޭފުޅެކެވެ. މިގޮތުން އިނިސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ޔުނިވަރސިޓީ އޮފް ލަންޑަން އިން މާސްޓާރސް އޮފް އާރޓްސް އިން އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމެންޓް ހައްދަވާފައިވެއެވެ. އަދި ޔުނިވަރސިޓީ އޮފް ކެމްބޭރާއިން ބެޗްލަރ އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރައްވާ އަދި ޑަބަލް މޭޖަރގެ ގޮތުގައި ސްޕެޝަލް ނީޑްސް އެޑިޔުކޭޝަން އެންޑް ފިޒިކަލް އެޑިޔުކޭޝަން ހާޞިލް ކުރައްވާފައިވެއެވެ.
ތަޢުލީމީ ދާއިރާއަށް ކޮށްދެއްވި ޚިދުމަތް
ފަސްޓްލޭޑީ ފަޒުނާ އަހުމަދު ތަޢުލީމީ ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. އެކަމަނާ އެންމެ ފުރަތަމަ އަދާކުރެއްވީ ޖަމާލުއްދީން ސްކޫލްގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ. އެއަށްފަހު 1995 ން 2001 އަހަރާ ހަމަޔަށް ހުންނެވީ ތާޖުއްދީން ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ. އޭގެފަހުން ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. ހަމައެއާއެކު މެޑަމް ފަޒުނާ ސްރީލަންކާގައި ދިރިއުޅުއްވި ދުވަސްވަރު އެކަމަނާވަނީ އޯވަސީސް ސްކޫލް އޮފް ކޮލަމްބޯގެ ބޯޑް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.
އެހެނިހެން ޚިދުމަތްތައް
2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ހިތާމަވެރި ސުނާމީ ކާރިސާގައި ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކުދިންނަށް އެހީތެރިވުމަށްޓަކައި އެކަމަށް ބޭނުންވާ ޓީޗަރުންނަށް ތަމްރީންދެއްވާ އެވަގުތަށް ބޭނުންވި އެންމެހާ ކަންކަމުގައި ސަޕޯރޓްދެއްވާ އެކަން ހަމަމަގަށް އެޅުއްވުމުގައި އިސްރޯލެއް އަދާކުރެއްވިއެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ނުރައްކާތެރިވީ ދުވަސްވަރު ކޮވިޑް ފެސިލިޓީގައި ވޮލަންޓިޔަރެއްގެ ގޮތުންވެސް މަސައްކަތް ކުރައްވާފައިވެއެވެ.
2019 ވަނަ އަހަރު ޔުނިސެފްއިން އެދުނުއެދުމަކަށް މެޑަމް ފަޒުނާ ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާއި އެކުދިންގެ ހައްގުގައި އަޑުއުފުއްލަވާ ވަކާލާތު ކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ. ހަމައެއާއެކު ދިވެހި ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ގުޅިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ އިޞްލާހީ މަސައްކަތް ކުރައްވާފައެވެ.
މެޑަމް ފަޒުނާއަކީ އަބަދުވެސް ޞިއްހީ ދުޅަހެޔޮކަމަށް ލޯބިކުރައްވާ ބޭފުޅެކެވެ. މިކަން ދަލީލްކޮށްދޭ އެންމެބޮޑު އެއް ހެއްކަކީ 2004 ވަނަ އަހަރު ހުޅުލެއާއި މާލެއާއި ދެމެދު ބޭއްވުނު އެއްކިލޯމީޓަރުގެ ފެތުމުގެ ހަރަކާތުގައި ބައިވެރިވި އެންމެ ފުރަތަމަ ގުރޫޕްގައި މެޑަމް ފަޒުނާ ހިމެނިވަޑައިގަތުމެވެ.
ހަމަ އެހެންމެ މެޑަމް ފަޒުނާ ވަނީ 2020 ވަނަ އަހަރު އެކަމަނާގެ ފުރަތަމަ މެރަތަން ލާމު އަތޮޅުގައި ފުރިހަމަ ކުރައްވާފައެވެ. ސަރޓިފައިޑް ޕާރސަނަލް ޓްރެއިނަރ އަކަށްވުމުގެ އިތުރުން މެޑަމް ފަޒުނާއަކީ ނަފްސާނީ ދުޅަހެޔޮކަމާއި ކުޑަކުދިންގެ ހިމާޔަތުގައި މަސައްކަތް ކުރެއްވުމަށް ނުހަނު ޝައުގުވެރިކަން ހުންނަ ބޭފުޅެކެވެ.
ހާމަވެގެން މިދިޔަ ޙަޤީގަތަކުން ކަށަވަރުވެގެން ދަނީ މެޑަމް ފަޒްނާއަކީ އެފަދަ ދެވަނައެއް ނެތް ލާމަސީލް ކަނބަލެއްކަމެވެ. އެކަމަނާގެ އޯގާތެރިކަމާއި ހިތްތިރިކަމަކީ އެކަމުގެ އިތުރު ތަފްސީލެއް ދިވެހި ރައްޔިތުން ބޭނުންވާނެ ކަމެއް ނޫންކަމެވެ. އެކަމަނާއަކީ ގައުމަށްޓަކައި އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދިވެހި ދަރިއެއްކަމެވެ.
ވަކި ފިކުރެއްގައި ބަޔަކު ކުރާ ފުރައްސާރަ އަކަށް ނުވަތަ ގޯނާ އަކަށް އެ ކަމަނާ ފަސްޖެހިވަޑައިނުގަންނަވާނެ ކަމީ ދިވެހީން އެކަމާއި މެދު ޝައްކެއް ވެސް އެފުދޭނެ ކަމެއް ނޫނެވެ. އެހެނީ އެއީ ހިތްވަރު ގަދަ ލާމަސީލް ކަނބަލެކެވެ. އެއީ ދިވެހިރާއްޖޭގެ މިއަދުގެ ފަސްޓްލޭޑީއެވެ.