ރަށްވެހިކަމާއި ޕްރަޕަޓީ ގަނެގެން ޖަލަކަށް މަހުޖަނަކު ނުވަންނާނެ
ގައުމިއްޔަތުގެ ރުކުނެއް ނުގެއްލޭނެކަން ކަށަވަރުކޮށްދޭ ކަމަށްބުނެ މުއިއްޒު ދައްކަނީ ހޮޅިވާހަކަ
ބޭރު މީހުން ވަޒަންވެރިކުރުވަން ތަރައްގީކުރާ ޓައުންޝިޕްތަކުގައި ވަޒަންވެރިވާ މީހުންގެ ބޭނުންތަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރަންޖެހޭނެއެވެ. ދިރިއުޅޭ މީހުންނަށް ސުކޫލާއި، ހޮސްޕިޓާ ވެސް ހުންނާނެއެވެ. އިސްލާމް ދީން ނޫން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވަންޏާ އެ މީހުން އަޅުކަން ކުރާނެ ތަންތަން ވެސް ނުހުރެއެއް ނުދާނެއެވެ. ވަޒަންވެރިވާ މީހުންނަކީ ރަލާއި އޫރުމަސް ބޭނުންކުރާ ބަޔަކަށް ވަންޏާ އެތަކެތިވެސް ދަތިކަމެއްނެތި ލިބެން ހުންނާނެއެވެ. ބިރަކާނުލާ މަޖާކުރާ މީހުނަށް ނައީޓް ކްލަބްތަކާއި ކެސިނޯތައް ނުބަހައްޓައެއްވެސް ފަރަކު ނުޖެހޭނެއެވެ.
ފައިސާއަށް ރަށްވެހިކަން ވިއްކާ ޓައުންޝިޕްތަކުން ޕްރަޕަޓީ ގަންނަން އަންނާނީ ހަމައެކަނި މުސްލިމު މަހުޖަނުންނެއް ނޫނެވެ. އެހެން ދީންތަކުގެ ބޮޑެތި ބޮޑެތި މަހުޖަނުންނަށް ވެސް ޓައުންޝިޕްތަކުން ޕްރަޕަޓީ ނުވިއްކާ ފަރަކު ނުޖެހޭނެއެވެ. ކޮންމެ ދީނެއްގެ މީހެއް ނަމަވެސް ރަނގަޅު އަގު ހިފައިގެން އަންނަ މަހުޖަނުންނަށް ޕްރަޕަޓީ ނުވިއްކާ އަގުބޮޑުކޮށް ތަރައްގީކުރާ ޓައުންޝިޕްތަކުގެ ބޭނުމެއް ނުއޮންނާނެއެވެ.
އެހެން އެކަން އޮތް އިރު ޒާތީ އުފާތަކާއި ކަށީގައި ހިފާފައި ހުންނަ ރާބުއިން ފަދަ އާދަތައް ދޫކޮށްލައިގެން މަނާ ކަންތައްތަކުގެ ޖަލެއްގައި ބަންދުވެގެން އުޅެން ބޮޑު ހޭދަކޮށްގެން މަހުޖަނުން ރަސްމާލެއާއި އައިލާ ޓައުންޝީޕް ރެސިޑެންސީން ޕްރޮޕަޓީ ގަންނަންޖެހޭނެ ސަބަބެއް ނެތެވެ. ފަށްފަށް ވާގޮތަށް 99 އަހަރަށް ދޫކޮށްލާ ތަންތަނުގައި ހުނގާނެ ކަންކަމާއި ނުހިނގާނެ ކަންކަމުގެ ކަށަވަރުކަން ފަސް އަހަރަށް ވެރިކަމުގައި ހުންނަ މީހަކަށް ދެވޭނެ ގޮތަކީ ނެތް ގޮތެކެވެ.
ރަސްމާލޭ ޓައުންޝީޕް ރެސިޑެންސީންނާއި ނ. އަތޮޅު ދިގުފަރުގައި ތަރައްގީކުރާ ޓައުންޝިޕް ރެސިޑެންސީގައި ފައްޅިއެއް ޗާޗެއް ނުހުންނާނެކަމަށް ރައީސް މުއިއްޒު އެބަ ބުނެއެވެ. ރަލެއް އޫރުމަހެއް ނުލިބޭނެކަމަށާއި ކެސިނޯއެއް ނައިޓް ކްލަބެއް ނުހުންނާނެ ކަމަށްވެސް ރައީސް އެބަބުނެއެވެ. ކިތަންމެ ވަރަކަށް ކިތަންމެ ބާރަށް ރައީސް މުއިއްޒު އެހެން ބުންޏަސް އެކަން އެހެނެއް ނުވާނެއެވެ. ރެސިޑެންސީ ގަންނަ މީހުން ބޭނުންނުވާ ޓާމްސް އެންޑް ކަންޑިޝަނެއްގައި އެއްވެސް މަހުޖަނަކު އެއިންތަނަކުން ޕްރަޕަޓީއެއް ނުގަންނާނެއެވެ.
ހެންލީ އެންޑް ޕާޓްނަރސް ފަދަ މާކެޓިން ކުންފުނިތަކުން މާކެޓް ކުރާތަންތަން ގަންނާނީ އެ ކުންފުނިތަކުން ހޯދާދޭ މަހުޖަނުންނެވެ. އިޒްރޭލުގައި މާކެޓިން ދެ އޮފީސް ހުޅުވައިގެން އުޅޭ ހެންލީ އެންޑް ޕާޓްނަރސް މެދުވެރިވެގެން ޒަޔޮނިސްޓް މަހުޖަނުން ވެސް ރާއްޖޭން ޕްރަޕަޓީ ގަންނަން ނާހެއް ނުދާނެއެވެ. ރަސްމާލެއަށް ވެސް، އަދި އާއިލާ ޕޮރޮޖެކުޓަށްވެސް ދިރިއުޅެން މީހުން ހޯދަން ހަވާލް ކޮއްފައިވަނީ ހެންލީ އެންޑް ޕާޓްނާސް ކިޔާ ކުންފުންޏާއެވެ.




