ސަރުކާރުން ފައިސާ ނުފޮނުވާތީ ބޭރުގާތިބި ކިޔަވާކުދިން ހާލުގަޖެހިއްޖެ!
ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާ އެތިބީ ވީއިރަކުން ކުރަން
ފުކެއް ބޮޑުވަރެވެ. ސަރުކާރުގެ އެހީގައި ރާއްޖޭން ބޭރުގައި ކިޔަވަން ކުދިބަޔަކު ފޮނުވާފައި ތިބިކަން ރައީސް މުއިއްޒަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. އެނގޭ ނަމަ އެކުދިންގެ ސެމިސްޓަރފީ އާއި ޓިއުޝަންފީއާއި ދަނާލުފީ ވަކި މުއްދަތަކަށް ގަވައިދުން ދައްކަން ޖެހޭނެކަން އެނގޭނެއެވެ. އެ ފައިސާއަކީ ލިބުނު ދުވަހަކުން ލިބުނު މިންވަރަކަށް ދައްކައިގެން ފަރުޖެއްސެން އޮންނަ އެއްޗެއް ނޫންކަންވެސް އެނގޭނެއެވެ.
ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުފޮނުވައިގެން ފީތައް ގަވައިދުން ނުދެއްކިގެން ބައެއް ކުދިންނަށް ކިޔެވުން މެދުކަނޑާލަން އެބަޖެހެއެވެ. އެހެން ދިމާވުމުން ކިޔަވާ ނިންމުމަށް ނަގާ މުއްދަތު އިތުރުވެ ހިނގާ ހަރަދު ގުނަގުނައަށް އިތުރުވެގެން އެބަދެއެވެ. ގަވައިދުން ފައިސާ ނުދެއްކެތީ އެތައް ކުދިންނެއް ދަނާލުން ބޭރު އެބަކުރެއެވެ.
އަމިއްލަ ގޮތުން ޒިންމާ ނަގައިގެން އެކަމަޑޭޝަނާއި ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ހަމަޖެއްސާ ދަރިވަރުންނަށް ޑޮލަރު ނުލިބުމުގެ ދަތިކަމާހުރެ ހާލުގައި ނުޖެހޭ ދިވެހި ދަރިވަރަކު ބޭރު ގައުމުތަކުގައި މަދެވެ. ބޭރު ގައުމުތަކުގައި ކިޔަވަންތިބި ދިވެހި ކުދިންނަށް މިހާލަތު ކުރިމަތި ވެފައިވަނީ އެއް ގައުމެއް ދެ ގައުމަކު ނޫނެވެ.
މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ތުރުކީއަށް ކުރި ދަތުރުގައި ހުރިހާ ދިވެހި ކިޔަވާ ކުދިންނަށް ޔަގީން ކަމާއެކު އުންމީދުތައް ދިނެވެ. އޭޓީއެމްއިން ނެގޭ ޑޮލަރުގެ މިންވަރު މައްޗަށް ޖައްސާނެ ކަމަށް ބުންޏެވެ. މުއްދަތު ދިނެވެ. ކުދިންނާ ބެލެނިވެރިން ތިބީ އުފަލުން ފޮޅިފައެވެ. އެއްފަހަރާ ނެގޭނެ ޑޮލަރުގެ މިންވަރު މަތިކޮށް ދިނުމުންނެވެ.
ބުނި ތާރީހު ފަހަނައަޅާ އެތައް ދުވަހެއް ވީއިރުވެސް އެކަމެއް ނުވިއެވެ. ލަހެއްނުވެ ފެނިގެން ދިޔައީ އޭޓީއެމުން ލިބޭ ޑޮލަރުގެ މިންވަރު ކުރިއަށްވުރެ އެތައްތަނަކުން މަދުވެގެން ދިޔަތަނެވެ. އެ ދަތިކަމުގައި ދިވެހި ކުދީން އުނދަގޫތައް ތަހައްމަލު ކުރަމުން ދިޔައީ ޝަކުވާއެއްނެތި ކިޔަވާ ނިންމޭތޯއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މިހާރު ދަތިހާލުގައިވެސް ކިޔެވޭނެ ކަމުގެ ޔަގީންކަން ގެއްލެނީއެވެ.
ސަރުކާރުގެ ހަރަދުގައި ކިޔަވަން ގޮސް ތިބި ކުދިންނަށް ކިޔަވާ ނިންމިދާނެ ކަމުގެ ބިރު މިހާރު ހީވެއްޖެއެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ސަރުކާރުން ނުދައްކާތީއެވެ.
މަތީ ތައުލީމާ ބެހޭ ވުޒާރާ އެކަމުގައި އޮތީ ފޭލިވެފައެވެ. ޑޮލަރު ނުލިބުމުގެ ބަހަނާގައި ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާ އެތިބީ ވީއިރަކުން ކުރާށެވެ. ކޮލެޖުތަކާއި ޔުނިވަރސިޓީތަކަށް ފައިސާ ނުދައްކާ ތިބެން ސަރުކާރުން ވެސް ބޭނުމެއް ނުވާނެ ނޫންހޭ މަތީ ތައުލީމާ ބެހޭ ވަޒީރު ބުނެލުމުން އެކުދިންނަށް ހާލަތުން އަރައިގަނެވުނު ކަމަކަށް ނުވާނެއެވެ. ބޭރުގައި ތިބި ދިވެހި ކިޔަވާކުދިން ހާލުގައި ޖައްސާ ދައުލަތަށް ލިބޭހާ ފައިސާ ސަރުކާރުގެ އިސްވެރިންގެ ދަރިދަރިކޮޅަށް ބަހާލައިގެން ދަތްދިލުވައިގެން ތިބެވިދާނެ ކަމަށް ހީކުރަނީ ހެއްޔެވެ. ހަމަ ހިލާ އެހެނަކުން ނުތިބެވޭނެއެވެ.