މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއިއެކު އިބޫ ތާރީހުގެ ތެރެއަށް

މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކުރުމަށް ރައީސް ހާއްސަ އިސްކަމެއްދެއްވާ!

މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއިއެކު އިބޫ ތާރީހުގެ ތެރެއަށް

މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ބިނާކުރުމަކީ މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހިންގަނީ ރަޢީސުލް ޖުމްހޫރިއްޔާ ހާއްސަ އިސްކަމެއްދެއްވައިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ ފަރާތުންނެވެ. މަގުސަދަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމެވެ.

އެހާ ބޮޑު އިސްކަމެއް ދީގެން ހިންގާ މި މަޝްރޫއަކީ ރަށްރަށުގެ ސްކޫލްތައް ނިންމައިގެން ހިދުމަތަށް އަލަށް ނިކުންނަ ކުދިން ނުވަތަ ގްރޭޑް 10 ނިންމައިގެން ނިކުންނަ ދަރިވަރުން މާލެ އަންނަން ނުޖެހި، މަތީ ތަޢުލީމު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމުގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭ ކޮންމެ ސަރަޙައްދަކީ ވެސް، މަތީ ތަޢުލީމުގެ ފުރުޞަތު ފަހިވެފައިވާ ތަނަކަށް ހެދުމެވެ.

ހއ. ދިއްދޫގައި ބިނާކުރާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ހިންގުމަށެވެ. އެހެން ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް ދިއްދޫ އިންސްޓިޓިއުޓުގައި ހިންގާނެއެވެ. ދިއްދޫ ޖޫނިއަރ ކޮލެޖުގައި ފުޑް ޕްރޮސެސިންގ ލެބަކާއި، ފުޑް ޓެސްޓިންގ ލެބަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން އަށް ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތް ތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ.

ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެޓް ސެންޓަރުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. މިހާތަނަށް ބަލާއިރު މިތަނުގައި ތަރައްޤީކުރާ 3 ބްލޮކްގެވެސް ކޮންކްރިޓް ހުރިހާ މަސައްކަތްތަކެއް ނިންމާލާ މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެއާއި މިހާރު ކުރިއަށްދަނީ އަލިފުށި ޓިވެޓް ސެންޓަރ ހިންގަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން ކިޔަވައިދޭ ޕްރޮގްރާމްތަކުގެ ޓެކްނިކަލް މަސައްކަތްތަކާއި، އިދާރީ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ރ. އަލިފުށީ ޓިވެޓް ސެންޓަރ ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ ބޯޓް ބިލްޑިންގ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މި އިންސްޓިޓިއުޓްގައި ވެސް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ނ. އަތޮޅު ވެލިދޫއަކީ ޖޫނިއަރ ކޮލެޖް ޤާއިމް ކުރަން ނިންމެވި 3 ވަނަ ރަށެވެ. އއ އުކުޅަހުގައި ވެސް ޖޫނިއަރ ކޮލެޖެއް ގާއިމްކުރުމުގެ މަސްވަރާތައް ހަޔައެޑިއުކޭސަނާއި އުކުޅަހު ކައުންސިލާއި އެކު ދަނީ ކުރެވެމުންނެވެ.

އަމިއްލަ ވަޒަނުގައި ކިޔެވޭނޭ ފުރުސަތު ލިބުމަކީ އާއިލާ ކައިރީގައި އުފާވެރި މާހައުލެއްގައި ތިބެ ތައުލީމު ލިބުމަށް ހުޅުވޭ ދޮރެކެވެ. އަދި ރަށުގެ ޒުވާނުން ރަށުގައި ހިފެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިއީ އަތޮޅުތަކުގެ ކުދިންނަށް ލިބޭ ފަހި ފުރުސަތެކެވެ. މި ކާމިޔާބު މަސްރޫއާއި އެކު ރަޢީސް އިބޫ ތާރީހުގެތެރެއަށް ވަދެގެން ދާނެކަން ޔަޤީނެވެ.