މާލޭ ދާއިރާގެ ރައީސްކަމަށް އާދަމް އާޒިމު ނިކުންނަވަނީ

މާލޭ ދާއިރާގެ ރައީސްކަމަށް އާދަމް އާޒިމު ނިކުންނަވަނީ

ދާއިރާ މަޖިލީހަށް މެންބަރުން ހޮވުމަށް އެމްޑީޕީން ބާއްވާ އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވުމަށް އާދަމް އާޒިމް ނިންމަވައިފިއެވެ. އާދަމް އާޒިމަކީ ވަރަށް ފަހުން ބޭއްވި ބައި އިލެކްޝަނެއްގައި ވާދަކުރައްވާ ދާއިރާގެ ރައީސްކަން ކާމިޔާބު ކުރައްވައިގެން ހުންނެވި އެމްޑީޕީ މާލޭ ދާއިރާގެ ރައީސެވެ. 

އާދަމް އާޒިމަކީ މާލެ ސިޓީގެ މިހާރުގެ މޭޔަރެވެ. އާދަމް އާޒިމަކީ އެމްޑީޕީގެ މެޖޯރިޓީ ޓީމަކާއެކު މާލޭ ސިޓީއަށް އިންތިހާބު ފެފައި ހުންނެވި މޭޔަރެވެ. އެމްޑީޕީގެ ސިޔާސަތުތަކާއި މާލެސީޓިގެ ސިޔާސަތުތައް އެއް ތަރުތީބަކުން އެމްޑީޕީން ބޭނުންވާގޮތަށް ކުރިއަށް ގެންދިއުމުގައި މާލޭ މޭޔަރ އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިނުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. 

އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވުމަށް އާދަމް އާޒިމް ނިންނެވި ނިންމެވުމަށް ގިނަ ބަޔަކު މަރުހަބާކިޔައެވެ. 

އާދަމް އާޒިމްގެ ހުޅުވާލެވިފައިވާ ސިޓީ: 

ހުޅުވާލެވިފައިވާ ސިޓީގައި އާދަމް އާޒިމް ވިދާޅުވީ: 

ސަލާމް ، ލޯބިވާ އެމް.ޑީ.ޕީގެ މެމްބަރުން،

‏މީގެ އަހަރެއް ކުރިން ބޭއްވުނު ބައި-އިލެކްޝަންގައި، މާލޭ ދާއިރާގެ ރައީސްކަމަށް އަޅުގަނޑު އިންތިހާބުކޮށްދެއްވީ ވަރަށް މުހިއްމު ވައުދުތަކަކާއެކުގައި. އެދުވަހު އަޅުގަނޑު ބުނި ފަދައިން، މާލޭގައި ޕާޓީގެ ހަރަކާތްތައް އިތުރުކޮށް، ބަހާއި އަމަލުން އެކަން މިހާރު ވާނީ اَلله (سبحانه وتعالى) ގެ  ހެޔޮރަހުމަތުން ސާބިތުކޮށްދެވިފައި. 

‏އެގޮތުން މި ފާއިތުވި 2 އަހަރު މާލެ ސިޓީގައި އެމް.ޑީ.ޕީ ވަރުގަދަ ކުރުމަށް އެންމެން އެކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި، އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މާލޭ ސިޓީ ކައުންސިލްގެ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ސުޕަރ މެޖޯރިޓީ މިވަނީ  އެމް.ޑީ.ޕީ އަށް އަނބުރާ ލިބިފައި.

‏2028 ގެ ރިޔާސީ އިންތިޙާބް ޕާޓީއަށްކާމިޔާބު ކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅުގައި، މާލެ ދާއިރާ އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައިވެސް ތިޔަ ހުރިހާ މެމްބަރުންނާއެކު ސާބިތުވެ ހުރުމަށް އަޅުގަނޑު ވަނީ ނިންމާފައި.

‏އެގޮތުން،  5 އަހަރުގެ ފުރިހަމަ ދައުރެއް ހޯދުމަށް، އެމް.ޑީ.ޕީ ގައުމީ މަޖިލީހުގެ "މާލެ ސިޓީ ދާއިރާގެ ރައީސް" ކަމުގެ މަގާމަށް ދެންވެސް ކުރިމަތިލާން ނިންމި ވާހަކަ އުފަލާއެކު ހިއްސާކޮށްލަން.

އަޅުގަނޑަށް  އަބަދުވެސް އިތުބާރުކޮށް ވޯޓް ދެއްވި ފަދައިން، މިއިންތިޚާބުގައި ވެސް އަޅުގަނޑަށް ވޯޓްދެއްވައި އަޅުގަނޑު މި މަޤާމަށް އިންތިޚާބުކޮށްދެއްވުމަށް، ވަރަށް އިޚުލާޞްތެރިކަމާއެކު ތިޔަ ލޮބުވެތި ހިތްވަރުގަދަ މެމްބަރުންގެ އަރިހުން އެދެން.

‏އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން ގުޅިގެން މާލޭ ދާއިރާ އާއި މުޅި ރާއްޖޭގަ އެމް.ޑީ.ޕީ ބަދަހިކޮށް މިހާރުވެސް މިކުރާގޮތައް އެކުގައި އިތުރު ހިތްވަރާއެކު މަސައްކަތްކުރާނަން.

‏ޝުކުރިއްޔާ!

‏އާދަމް އާޒިމް