ދެމަފިރިންގެ ގޮތުގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

ދެމަފިރިންގެ ގޮތުގައި ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

އިންޑިއާގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވަރަކޮންޑާ ކައިވެނިކުރުމަށްފަހު، ފުރަތަމަ ފަހަރަށް ހުކުރު ދުވަހު މުމްބާއީ އެއާޕޯޓުން އާންމުންނަށް ފެނިލައިފިއެވެ. މި ދެ ތަރިން ކައިވެނީގެ ގުޅުމުން ގުޅިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އުދައިޕޫރުގެ އައި.ޓީ.ސީ މެމެންޓޯސްގައެވެ.

މި ދެމަފިރިން އެކުގައި ހިނގާފައި އައިސް، އެ ސަރަހައްދުގައި ތިބި ފޮޓޯގްރާފަރުންނަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީ، އެމީހުންނަށް އިހުތިރާމާއެކު ސަލާމްކޮށްފައިވެއެވެ. އަދި މީޑިއާގެ ފަރާތްތަކުން ފޮނުވި މަރުހަބާގެ މެސެޖުތަކަށް ޝުކުރުވެރިކަމާއެކު އަތުގެ އިޝާރާތުން ޖަވާބުދީ، އެމީހުންގެ ލޯބި ބަދަލުކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މި ދެ ފަންނާނުން ވަނީ ކައިވެނީގެ ފުރަތަމަ ފޮޓޯތައް، އަސަރުގަދަ މެސެޖުތަކަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ވިޖޭ ކުރި ޕޯސްޓުގައި ބުނެފައިވަނީ، ރަޝްމިކާ އާ ނުލައި އޭނާގެ ދިރިއުޅުން ފުރިހަމަ ނުވާނެކަން މިހާރު އިހުސާސް ކުރެވޭ ކަމަށާއި، ރަޝްމިކާ އާއެކު އޭނާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭ ކަމަށެވެ. އެހެންކަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާއާ ކައިވެނިކުރަން ނިންމީ ކަމަށް ވިޖޭ ބުނެފައިވެއެވެ.

މި އާ ފެށުން ފާހަގަކުރުމުގެ ގޮތުން އާއިލާ އާއި ރައްޓެހިންނަށް ބާއްވާ ހާއްސަ ހަފުލާއެއް މާޗް މަހުގެ 4 ވަނަ ދުވަހު ހައިދަރުއާބާދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.