ކުނިކުއްތާ ނުނަގާ ކިތަންމެ ދިޔައެއް ހިއްކިޔަސް ވަޅު ނަޖިސްވާނެ!
ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބުނެއުޅޭ އެއްޗެއް އޮވެއެވެ. ކުއްތާއެއް ވަޅަށް ވެއްޓި މަރުވެ ކުނިވުމުން އެ ވަޅު ތާހިރު ކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުނިވެފައި އޮތް ކުއްތާ ވަޅުން ނެގުމެވެ. ކުނިކުއްތާ ވަޅުން ނުނަގާ ކިތަންމެ ވަރަކަށް ދިޔަ ހިއްކިޔަސް އެވަޅެއް އަދި އެވަޅުގެ ފެންގަނޑެއް ތާހިރެއް ނުވާނެއެވެ.
ރާއްޖޭން މިއަދު ފެންނަމުން މިދަނީ އެ ހަގީގަތެވެ. މުއިއްޒު ވެރިކަމަށް އެރީއްސުރެ ދިވެހި ދައުލަތް އޮތީ ފާލުން ނެއްޓިފައެވެ. ސަރުކާރު ހިންގުމުގައި ހަމައެއް އުސޫލެއްނެތެވެ. ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރުމުގައި ވެސް ގަވައިދެއް އެޔެއް މިޔެއް ނުބަލައެވެ. ދައުލަތުގެ ހުރިހާ ބާރެއް މުއިއްޒުގެ ގޮނޑިކޮއްކޮއަށް ބަދަލުކޮށް ކަންކުރަނީ ކުރާނެ ގޮތަކަށެވެ.
ގާނޫނުތައް އެގޮތް މިގޮތަށް ބަދަލުކޮށް މުޅި ގާނޫނީ ނިޒާމުގައި ބައުހެދި އިންދިރާސްވެފައިވާ ފުރޭންޏަކަށް ހަދައިފިއެވެ. ޖެހުނު ދިމާލަކުން ޖެހުނު މީހަކު ދައުލަތް ވިދާ ނޮޅާ ކަނީއެވެ. ދައުލަތް ހިންގުމާ ހަވާލުވެ ހުރެ ދޮގުހެދުމާއި އޮޅުވާލުމާއި އަމިއްލަ ޖާހު ބޮޑުކޮށް މަތިކުރަން ކޮށްފައި ނުކުރާ ކަމެއް ނެތެވެ.
ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި އައްޔަނުކުރި ސިޔާސީ ވެރިން ފިޔަވަލު ނަގާ ފިޔަވަޅު އަޅަނީ މުއިއްޒުގެ ލަފަޔާއި އިރުޝާދާއި ހިކުމަތުއަމަލީގެ ދަށުން ކަމަށް އަބަދުމެ އަޑު ހަރުކޮށް ބުނެއެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް އިނގިއްޔެއް ހަލުވާލަނީވެސް ރައީސްގެ ލަފަޔާ އިރުޝާދަށެވެ.
ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ދެއިރު ދެ ދަޅައަށް ބަދަލުކުރިޔަސް މުއިއްޒު ސަރުކާރު ހިނގަނީ އޮތް ބަޅަށެވެ. ކޮންމެ މީހަކު ކޮންމެ ތާކުން ނަގާ ކޮންމެ ތާކަށް ލިޔަސް އަންނަ ބަދަލެއް ރައްޔިތަކަށް ލިބޭލުޔެއް ފަސޭހައެއް ފައިދާއެއް ނޯވެއެވެ.
ކުނިކުއްތާ ވަޅުން ނުނަގާ އޮވެ ދިޔަ ހިއްކުމެކޭ މުއިއްޒު ގެންނަ ބަދަލެކޭ ތަފާތެއް ނެތެވެ. ވައްކަމާއި ހިޔާނާތާއި ދޮގާމަކަރާއި އިސްރާފަށް ހުއްޓުމެއް ނާދެއެވެ. ކިތަންމެ ވަރަކަށް މީހުން ބަދަލުކުރިޔަސް ދައުލަތް ހިންގުމުގެ ހުރިހާ ދިމާލެއް އެކީ އެކައްޗަކަށް ވަނީފޭލިވެފައެވެ.
މުއިއްޒު އިސްވެ ހުރެ ދައުލަތް އިސްލާހު ކުރުމެކޭ ކުނިކުއްތާ ވަޅުގައި ބާއްވައިގެން ދިޔަހިއްކުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ދިވެހި ދައުލަތް މި އޮތްވަރުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ މުއިއްޒު އަމިއްލައަށް ދުރަށް ދިއުމެވެ. ނުވަތަ ދުރުކުރުމެވެ.


