އަޒާނަށް: ފާލުންނެއްޓި ކެނބުކެނޑުމުން ޖަހާޗިޕަކުން ނުޗަލާނެ!

އިގުތިސާދީ ހާއްސަ ހާލަތެއް ކުރިމަތިވެފާ އޮތީ މި ސަރުކާރު ނާގާބިލުކަމުން

އަޒާނަށް: ފާލުންނެއްޓި ކެނބުކެނޑުމުން ޖަހާޗިޕަކުން ނުޗަލާނެ!

ކޮންހާ ލަންބާޗޯޅާ ވާހަކައެއް އަޒާނު ދައްކާކަށް ހެއްޔެވެ. ދައުލަތް ހިންގުމުގެ ބުރަ އުފުލަން ޖެހިގެން މިހާރަކު ރޮއެ ހޭރޭނެ ކަމެއްނެތެވެ. ވެރިކަމާ ހަވާލިވެދޭށޭ މިކަމެއް ނުވިޔޭ އަމީރުމެނެއް ނުބުނެއެވެ. އަމީރުމެން ބުނީ މޮޕްއަޕް ކުރެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ދެވަނަ ދައުރު ދޭށެވެ. ދެވަނަ ދައުރު އަމީރުމެނަށް ދީގެން ގައުމު މިހާލަތަށް ވެއްޓުނު ނަމަ ތިޔަވާކަ ތިޔަގޮތަށް އަޒާނުމެނަށް ދެއްކިދާނެއެވެ. ކުރެވޭނެއޭ ވާނެއޭ ކުރާނަމޭ ކިޔައިގެން ވެރިކަން ހޯދާފައި މެނޭޖް ނުކުރެވުމުން މިހާރު ދުފާއެއްޗިއްސޭ ނުކިޔާ ހުންނާށެވެ. 

ޒިންމާދާރު ކަމެއް ނެތީ ކޮންބައެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. ދެ އަހަރު ވަންދެން ދައުލަތަށް އާމްދަނީއެއް ނުލިބި ވެރިކަން ހިންގަން އަޒާނުމެނަށް ޖެހުނު ނަމަ ގައުމު އޮތްތާ ވެލިފުކެއްވެސް ނުއޮތީހެވެ. ހެސްކިޔާފައި ދައުލަތަށް އާމްދަނީ ލިބެމުން ދާއިރު ގޮތް ހުސްވެ އަޒާނުމެން ތިޔަތިބީ ދޮޅިއެޅި ގޮތް ހުސްވެފައެވެ. މުއައްޒަފުންގެ މުސާރަތައް ކަނޑާ އާސަންދަ ނުދީ ކަރަންޓާ ފެނުގެ ސަބްސިޑީ ކަނޑާ ޕްރޮޖެކްޓެއް ނުހިންގާ ގައުމު އެކީ އެކައްޗަކަށް ފުޅިއްސާލައިފިއެވެ. 

މިއަދު ރާއްޖެއަށް އިގުތިސާދީ ހާއްސަ ހާލަތެއް ކުރިމަތިވެފަ އޮތިއްޔާ އޮތީ ސަރުކާރުގެ ނާގާބިލުކަމުންނެވެ. ހިންގަން ނޭގިގެންނެވެ. އަތްގުޅި ނުކާވަރަށް ދައުލަތުގެ ޕޭރޯލް ބޮޑުކޮށް އިސްރާފު ހައްދުފަހަނައަޅާ ގޮސްގެންނެވެ. ވެރިމީހާގެ އީގޯ ބޮޑުވެ މަވަރު މީހެއް ނެތްކަމަށް ދައްކަން ހުޝާމަދު ކުރަން އެތައްހާސް ބަޔަކަށް ބޮޑު މުސާރަ ދީގެން ދައުލަތް ދަވާލަމުން ދާތީއެވެ. 

އާޖުފާޖު ނޭނގި ބޮކަށް ރަންފުއް މައްޗަށް އެރިގެން އުޅޭހެން މަތިހަށި ނަގާ ތެޅިގަތް ގަތީނުން ވެއްޓި އިނދަޖެހިގެންނެވެ. އާޒާނުމެން ދެއްކި ހުރިހާ ވާހަކައެއް އަނގަޔަށްވަދެ އަނގަ ނުހުޅުވޭ ވަރަށް ނިއްކުރީގައި ކައްޒާބުގެ ސިއްކަޖެހި ދުލުގައި ވަނީ ގޮއްޖެހިފައެވެ. 

އަމީރުގެ ވަޒީރު ކަމުގައި ރާއްޖޭ ނެގި ލޯނެއް މިހާ އަވަހަށް ދައްކަން ޖެހިގެން ސަރުކާރު ބަނޑު ބިންމަތީ ޖަހާކަށް އަދި ނުޖެހޭނެއެވެ. ކުރީ ސަރުކާރުން ނުދައްކާ ހުރެ ވާރުތަވީ ކަމަށް ބުނާ ދަރަނިތައް ދެއްކުމަށް 2023 ވަނައަހަރު 6.8 ބިލިޔަންގެ ސަޕްލިމެންޓްރީ ބަޖެޓެއް މުއިއްޒު ސަރުކާރަށް ލިބުނެވެ. މިހާތަނަށް ރާއްޖޭގައި ފާސްކުރި އެންމެ ބޮޑު ބަޖެޓް ކަމުގައިވާ 49.3 ބިލިޔަން ރުފިޔާގެ ބަޖެޓްވެސް ލިބުނީ އަޒާން ބައިވެރިވާ މުއިއްޒު ސަރުކާރަށެވެ. އެ ބިޔަ ބޮޑު ބަޖެޓް 10 މަސް ދުވަސް ނުވަނީސް ހުސްވެގެން ސަޕްލިމެންޓްރީ ބަޖެޓަކަށް ތިޔަ ތިބީ ފައިނަގައިގެންނެވެ. 

49.3 ބިލިޔަނުގެ ބިޔަ ބަޖެޓެއް ހުސްކޮށްލިއިރު އާސަންދައިން ދޭންޖެހޭ ފައިސާ ނުދީގެން ބޭސް ފިހާރަތަކާއި އަމިއްލަ ކުލިނިކް ތަކާއި ހޮސްޕިޓާތައް ބަނގުރޫޓް ވެއްޖެއެވެ. އިންޑިއާގެ އެތައް ހޮސްޕީޓަލަުން ދަރަނި ބޮޑުވެ އާސަންދަ ކަނޑާލައިފިއެވެ. އަމިއްލަ ކުންފުނިތައް ލައްވާ ކުރުވާފައި މަސައްކަތްތަކަށް ފައިސާ ނުދީގެން އެ ކުންފުނިތައް ހުދުފުއްވެ މުއައްޒަފުން ވަޒީފައިން ވަކިކޮށް ޓެކްސްތަކާއި ފީތައް ނުދެއްކި އެތިބީ ކަރުތާ ފެނުގައެވެ. ފިހާރަތަކުގައި މުދާމަދުވެ ތަކެތީގެ އަގުބޮޑުވެ މުދާއެތެރެ ނުކުރެވި މީހުންގަނޑު ތިބީ އަނގަޔާ އަތާ ދިމާނުވާ ހިސާބުގައެވެ. ކަރަންޓް ބިލާ ފެންބިލު ބޮޑުކަމުން ނުދެއްކި އަވަދިވަނީއެވެ. 

އަބަދާއި އަބަދު ކުރީސަރުކާރޭ ކިޔައިގެން މީހުންގެ ބޮލަށް ޗިޕް ޖަހައިގެން އަޒާނުމެންނަށް އުޅެވޭނީ ދުވަސް ކޮޅަކުއެވެ. ހުރިހާ ދިމާލެއް ފާލުން ނެއްޓި ކެނބު ކަނޑައިގެން ގޮސް ނުއަތަށް އެބުރިގަތީމާ އަންނާނީ ފެބްރުއަރީ ހަތެއް އެކަންޏެއް ނޫނެވެ.