ފުށިދިއްގަރުފަޅު! މުއިއްޒުގެ 2 ވަނަ ދައުރު!

އުމުރުން 70 އަށް ފައިނަންގަވައިގެން ހުންނެވާ ރައީސް ޔާމީނަކީ 2028ގައި މާޒީ

ފުށިދިއްގަރުފަޅު! މުއިއްޒުގެ 2 ވަނަ ދައުރު!

ފޭސް 2 ގައި 25 ބުރީގެ ޓަވަރުތަކެއް އެޅުމަށްފަހު ރާއްޖޭގެ އެތަންމިތަނުގައި ތިބި މީހުންނަށް ފްލެޓް ބަހާލުމުގެ ސިޔާސީ ފައިދާ ޕީޕީއެމް - ޕީއެންސީއަށް ކިތަންމެހާ ވެސް ބޮޑެވެ. ދުވަހަކު މާލޭގެ އަޣުލަބިއްޔަތު ނުލިބޭ ބަޔަކަށް މިހާރު މާލެ ހިތަކަށް ލިބިއްޖެއެވެ. ހިޔާ ފްލެޓަށް ކުއްލިއަކަށް އިތުރުވި 30 / 40 ހާސް މީހުން އެތިބީ އެ މީހުން މާލޭން ވަންނާނެ ކޮތަރު ކޮއްޓެކޭ ކިޔެއް ކަމަކު އެތަން ދިންމީހުންނަށް މަރުދީދީއެވެ.

އޭގެ ފަހުން އައީ އެމްޑީޕީގެ ވެރިކަމެވެ. ޖަޒީރާ ރާއްޖެއޭ ކިޔާފައި ދުވަހަކު ނުކުރާވަރުގެ ތަރައްގީ އަތޮޅު ތެރެއަށް ގެނެސްދީ މަޝްރޫޢުތައް އޮއްސާލީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލައެވެ. ހުރިހާ ރަށެއްގެ ބަނދަރާ ފެނާ ނަރުދަމާއެވެ. ކަރަންޓާ ދަތުރުފަތުރާ އެއަރޕޯރޓް ތަކެވެ. މަގުތަކުގައި ތާރެވެ. ރާއްޖޭގެ އުތުރާ ދެކުނުގައި އަގުހެޔޮ އަރާމު އާރުޓީއެލްގެ ދަތުރުފަތުރުގެ ނިޒާމެވެ.

މިކަން ކަމުގެ މައްޗަށް ބުރަވެ 2023ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމްޑީޕީ ލަފާކޮށްގެން ތިބީ އެއްބުރުން، މާމަތިންނެވެ. ފުރަތަމަ ބުރު ވޯޓް ގުނިއިރު ކަމަކުދާކަށް ނެތެވެ. ރައީސް ޞޯލިޙް ރަނގަޅަކަސް ނަތީޖާ ވަރަށް ގޯހެވެ. ހޭވެރިކަން ވެގެން ދެވަނަ ބުރުގަައި ތެޅިމަރުވި އިރުވެސް ވެރިކަން ލޮންދާލައިގެން ގޮސް ހިޔާފްލެޓްގެ މޭސްތިރިޔާ ޑރ. މުއިއްޒުގެ އުނގަށް ވެއްޓިއްޖެއެވެ.

ރަށުވޯޓަކީ އަބަދުވެސް މާލޭގައި ދިރިއުޅޭ ރަށުމީހުންނާ ގުޅިފައި އޮންނަ އެއްޗެކެވެ. މިފަހަރު އަދި މާތަފާތެވެ. މިފަހަރު މާލޭގައި އުޅޭ ރަށުމީހުންނަކީ މުއިއްޒުގެ ހިޔާފްލެޓުން މާލޭގައި ދިރިއުޅޭ މާލޭމީހުންގެ ތެރެއަށް ކުއްލިއަކަށް އިތުރުވި އެތައް ހާސް ބައެކެވެ. މިދެންނެވި އެތައް ހާހަކާ ގުޅިފައި އޮތީ ރަށްތަކުގައި އުޅޭ ބާކީ ތިބި އެތައް ހާހެކެވެ. ނަތީޖާ އައިއިރު ރަށްތަކުން ވެސް އަދި މާލޭން ވެސް މުއިއްޒު މޮޅުވީއެވެ.

ބުނަން ހެއްޔެވެ؟ މިހާރު އެންމެން ވެސް ބޭނުންވަނީ މާލެސަރަހައްދުން ގޯތި ލިބިގެން މާލޭގައި ދިރިއުޅޭ މާލޭ މީހުންނަށް ވާށެވެ. އެއަރޕޯރޓުން ރަށަށް ޖައްސާލާ، އާރުޓީއެލްގައި ވައިކަފާލާ ތާރުއެޅި މަގުގައި ދުއްވާލާ ކަރަންޓާ ފެނާ ނަރުދަމާގައި ބަކައަޅަން ބޭނުމީ ޗުއްޓީއަށް ރަށަށް ގޮސްލާ ފަހަރު ތަކުގައެވެ. އެހެންނޫނީ ރަށުގައި ހުރި ގެއަކީ ކުއްޔަށްދޭ ތަނެކެވެ. ހުރިޙާ  ދިވެހިން ވެސް މިހާރު ވާން ބޭނުމީ މާލޭ މީހުންނަށެވެ.

ދެން މި އިވެނީ ފުށިދިއްގަރުފަޅުގެ ވާހަކައެވެ. އެއީ ރާއްޖޭގައި ފެނުން މައްޗަށް އުފުލޭނެ އެންމެ ބޮޑު އެއް ބިމެވެ. އެތަނުގެ ހުރިހާ ބީޗް ފްރަންޓް ފަތުރުވެރިކަމަށް ހަދާ، ބާކީ ބައިގާ ދިވެހިން ވަޒަންވެރި ކުރުވައިފިއްޔާ ޑރ. މުއިއްޒު ދެވަނަ ދައުރަށް ނުހޮވޭނެ އެއްގޮތެއްވެސް ނެތެވެ.

2028 ގައި ރައީސް ޔާމީނު ހުންނަވާނީ އުމުރުން 70 އަށް ފައިނަންގަވައިގެންނެވެ. ވީމާ އެއީ މާޒީއެވެ.