އޮޓޯއިމިއުން ކޮންޑިޝަން: ފަރުވާއަކީ ކެއުން ރަގަޅު ކުރުން

ދިފާއީ ނިޒާމު ފުރިހަމަވުމުގައި 70 އިންސައްތަ އެހީތެރިވަނީ ގޮހޮރުން

އޮޓޯއިމިއުން ކޮންޑިޝަން: ފަރުވާއަކީ ކެއުން ރަގަޅު ކުރުން
  • މި ބަލިތައް ރަގަޅުވަނީ ކެއުމަށް ގެންނަ ބަދަލަކުން
  • ގޮހޮރުގެ ސިއްހަތު ރަގަޅު ކުރަންޖެހޭ

~ ހިލް ހިލްމީ ~  

ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން، (މައިގްރެއިން) ބޭރަށް ހިންގުން، އެސިޑް ރިފްލަކްސް، އެކްޒިމާ، ޒޮރިއާސިސް، ވަރުބަލިވުން، އެޕްލެޕްސީ، މަލްޓިޕްލް ސްކެލޮރޯސިސް،  ޑައަބެޓީސް (ހަކުރުބަލި) ހުޅުގައި ރިއްސުން ނުވަތަ އާތުރައިޓިސް ފަދަ ހުރިހާ ނިޝާންތަކަކީ ނުވަތަ ހާލަތްތަކަކީ އަދި ނުވަތަ ކޮންޑިޝަނަކީ އޮޓޯއިމިއުން ކޮންޑިޝަން ނުވަތަ ބައެއްމީހުން ކިޔާގޮތުންނަމަ އޮޓޯއިމުން ބަލިތަކެވެ. މިދެންނެވުނީ މި ބާވަތަށް ފެތޭ ގިނަ ކަންކަމުގެ ތެރެއިން މަދު ކަމެއްގެ ވާހަކައެވެ. މިއިންކަމެއް ގިނަދުވަހު ހުރެއްޖެނަމަ ޑޮކްޓަރަށް ދައްކައިގެން ޓެސްޓުތައް ހެދުމަކީ މުހިންމު ކަމެކެވެ. އެއީ ހަށިގަނޑުގައި އިތުރު ބައްޔެއް ހުރިތޯ ބެލުމަކީ މުހިންމު ކަމަކަށްވާތީއެވެ. 

މިކަންކަން ދިމާވާ ސަބަބަކީ ބަނޑުގެ ސިއްހަތު ނުވަތަ "ގަޓް ހެލްތު" ގޯސްވުމެވެ. ޑައިޖެސްޓިވް ސިސްޓަމަށް ނުވަތަ ހަޖަމް ކުރާ ނިޒާމުގަ އާއި ޖުމްލަކޮށް ބަނޑުގައި އަދާކުރަމުންދާ މުހިންމު ދައުރަކަށް ނޭދެވޭ ބަދަލު އައިސް ބަނޑުގެ ފުރިހަމަކަމަށް   ބަދަލެއްގެ ސަބަބުންނެވެ. އުފާވެރި ޚަބަރަކީ މިހުރިހާ ކަމަކީވެސް ހައްލުކުރެވޭ ނުވަތަ ރިވާސްކުރެވޭ ވާހަކައިގެ ޚަބަރެވެ. އަހަރުމެންގެ ދިފާއީ ނިޒާމު ފުރިހަމަވުމުގައި 70 އިންސައްތަ އެހީތެރިވަނީ ގޮހޮރުންނެވެ. މި އިންސައްތައިގެ ޒިންމާ ގޮހޮރުން ނަގާއިރު ގޮހޮރުގެ ސިއްހަތު ނުވަތަ ގަޓުހެލްތު ރަނގަޅަށް ހުރުމަކީ ލާޒިމް ކަމެކެވެ. ޚަޖަމްކުރާ ނިޒާމުން އުފައްދާ ސެރޮޓިން އަކީ އަހަރުމެންގެ ނާރވް ސެލްތަކުން ސިކުނޑިއަށް މެސެޖް ގެންދިއުމުގެ މުހިންމު ދައުރު އަދާކުރާ ކެމިކަލެކެވެ. ޑޮޕަމިން އަކީ ވެސް ހަމަ މި ނިޒާމުން އުފައްދާ އެފަދަ މުހިންމު ނިއުރޯޓްރާސްމިޓަރ އެކެވެ ނުވަތަ ކެމިކަލެކެވެ. މުޅި ސިއްހަތަށް ބޭނުންވާ މިމުހިންމު ނިއުރޯޓްރާންސމިޓަރސް އުފެއްދުމުގެ 90 އިންސައްތަ އުފައްދަނީ އަހަރުމެންގެ ގޮހޮރުގެ ނިޒާމުންނެވެ. ނުވަތަ ގަޓުންނެވެ. ގަޓްހެލްތު މުހިންމުވަނީ މިފަދަ ސަބަބުތަކައްޓަކައެވެ. ގަޓުހެލްތު ގޯސްވުމުން ހަށިގަނޑުގެ އެތަކެއް ކަމަކަށް ބޮޑެތި ބަދަލުއާދެއެވެ. އެކިއެކި އުނދަގޫތަކާއި ތަދުތަށްވާންފަށައެވެ. ރިއްސުމާއި ހަމުގެ މައްސަލަތަށް، ހަކުރުބަލިފަދަ ބަލިތަކާއި ތައިރޮއިޑް އަދި މައިގްރެއިންގެ މައްސަލަތަށް ކުރިމަތިވެއެވެ. ކުރުކޮށް ދަންނަވާނަމަ ދިފާއީ ނިޒާމަށް އަންނަ ނޭދެވޭ ބަދަލުގެ ސަބަބުން ހީނުކުރާ އެތައްކަމެއް ދިމާވާން ފަށައެވެ. އެކިމީހުންނަށް ކުރިމަތިވަނީ އެކި ކަންކަމެވެ. ނުވަތަ މިހުރިހާ ކަންކަމެވެ އަދި ނުވަތަ މިއިން ބައެއް ކަންކަމެވެ. ކޮންމެ ހަމައަކުން ވިޔަސް މިފަދަ ކަންކަން ބަލީގެ ގޮތުގައި  ހިފައިގެން ތާއަބަދު އުޅެންޖެހިފައިވާ މީހުން މަދެއްނޫނެވެ. މިކަމުގެ ހައްލު ހޯދުން ފަސޭހަކަމުގައިވިއަސް ގިނަފަހަރު ކަމުގެ އަސްލަށް އެޑްރެސް ނުކުރެވޭތީ ބަލީގައި ދެމިގޮސް ނިކަމެތި ހާލަތަށްދެއެވެ. 

ކުރިންވެސް ދެންނެވިފަދައިން މިދެންނެވި ބަލިތަށް ރަގަޅުކުރެވޭނީ އެކަން ދިމާވާންޖެހުނު އަސްލަށް ބިނާކޮށް ކުރެވޭ މަސައްކަތަކުންނެވެ. އެނޫންގޮތަކަށް ރަގަޅުކުރެވޭނެ އެއްވެސް  ހަމައެއް ނެތެވެ. ބައެއްފަހަރު އެކިއެކި ބޭސް ބޭނުންކުރިއަސް ހައްލު ނުފެންނަނީ މިދެންނެވި ސަބަބުތަކާއިހުރެއެވެ. ބަނޑުގައި ރަގަޅު އަދި ގޯސް (އެހެންގޮތަކަށް ދަންނަވާނަމަ ގުޑް އަދި ބޭޑް ބެކްޓީރިއާ) ހުރެއެވެ. ގުޑް ބެކްޓީރިއާ އާއި ބޭޑް ބެކްޓީރިއާ އާއި ދެމެދު ރަގަޅު ބެލެންސެއް ނެތްނަމަ ބޭޑް ބެކްޓީރިއާ އިން އުފައްދާ ކެމިކަލެއް ގޮހޮރުގެ މުހިންމު ފަށަލައެއް ހަލާކުކޮށްލައެވެ. މިކަމަށް އިންޓެސްޓިނަލް ޕާމިއަބިލިޓީއޭ ކިޔައެވެ. އެނޫން ގޮތަކަށް ބުނާނަމަ މިއީ "ލީކީ ގަޓް" ގެ ގޮތުގައި ބުނެއުޅޭ ހާލަތެވެ. މިހެންވުމުން ގޮހޮރުގެ ހަންފަށަލަ ހަލާކުވެ އާންމު ހާލަތުގައި ނުވާންޖެހޭ ގޮތަކަށް ގޮހުރުގައި ކުދިކުދި ފާރުހެދި ނުވަތަ ހަލާކުވެ ނުވަތަ ކަނޑައިގެންގޮސް މި ލޯވަޅުތަކުން ނުދާންޖެހޭ ގޯސް ކެމިކަލްތަށް ލޭގެ ނިޒާމުގެ ތެރެއަށް ދާންފަށައެވެ. ނުވަތަ ޓޮކްސިން ލޭގެ ނިޒާމަށް ދައުރުކުރުވައެވެ. މިހެންވުމުން ހީނުކުރާ އެތަކެއް ބަލިތަށް ނުވަތަ ކޮންޑިޝަން މެދުވެރިވާން ފަށައެވެ. މިއަށް އެހެން ގޮތަކުން ދަންނަވަނީނަމަ އިންފްލޭމް ވަނީއޭ ބުނެއެވެ. އަދި މިހެންވުމުން ބައެއް ކާނާއަށް މާބޮޑަށް ސެންސިޓިވްވެ ކުރިން ކަމުދިޔަ ކާއެއްޗެހި ކެއުމަކީ ސިއްހަތަށް ހުރި ގެއްލުމަކަށް ވެދެއެވެ. އަހަރުމެންގެ ގޮހޮރަށް ބޭނުންވަނީ ޚަޖަމް ނިޒާމުގައި ގުޑް ބެކްޓީރިއާ ގިނަކޮށް ބޭޑް ބެކްޓީރިއާ މަދުކުރުމެވެ. 

މިކަންކުރުމަށް އޮތް ހަމަ އެންމެ މޮޅު އަދި ހަމައެކަނި ގޮތަކީ ކެއުމަށް ބަދަލު ގެނައުމެވެ. ބަނޑުގައި ހުންނަންވާ ހަމައިގެ މަތީން ބެކްޓީރިއާ ބެހެއްޓުމަށް އެންމެ މޮޅުގޮތަކީ މިދެންނެވި ފަދައިން ކެއުމުގައި ޕްރޮބައޮޓިކްސް އެކުލެވުމެވެ. ކާ ކޮންމެ ފަހަރަކު ނޫނަސް މިބައި ކޮންމެވެސް ވަރަކަށް ހިމެނޭތޯ ބެލުން މުހިންމެވެ. ޔޯގަޓް (ނޭޗުރަލް) ފަދަ ޕްރޮބައޮޓިކްސް ބޭނުން ކުރުމުން ގުޑް ބެކްޓީރިއާ ބަނޑުގައި އުފައްދައެވެ. މިފަދަ ޚާއްސަ އެއްޗެއް ކެއުމުގެ އިތުރުން ފައިބަރ ގިނަ މޭވާ އާއި ތަރުކާރީ އަދި ގްރެއިންސް ގެ ބާވަތްތައް ބޭނުންކުރަންޖެހެއެވެ. އެހެން ނަމަވެސް އޮޓޯއިމުންގެ ސަބަބުން ދިމާވެފައިވާ ބައްޔެއް  ނުވަތަ ކޮންޑިޝަނެއްގެ ސަބަބުން މިބާތްތަކުގެ ކާނާއިން އެފަދަ މައްސަލައެއް ހައްލު ކުރުމައްޓަކައި ނުކައި ދޫކުރަންޖެހޭ ބާވަތް ހުރެއެވެ.  އެއާއިމެދު އިތުރަށް މައުލޫމާތު ހޯދާ ބެލުމަކީ މުހިންމުކަމެކެވެ. 

ސިއްހަތު ރަގަޅަށް ބެހެއްޓުމަށާއި މިދެންނެވި އޮޓޯއިމުން ކޮންޑިޝަންގެ ބަލިތަކަށް ފަރުވާ އޮތީ ކެއުމަށް ގެނެވޭ ބަދަލަކުންނެވެ. އެކެއުމުގައި ދުވަސްކޮޅަކު ހުރެލުމުން އެ ބަދަލު ފެންނަންފަށައެވެ. ކެއުމުގައި ހޯލްފުޑްސް ނުވަތަ ބަދަލެއް ނުގެނެސް ހުންނަ ގުދުރަތީ ކާނާ ކެއުން ލާޒިމެވެ. މިދެންނެވި ތަރުކާރީގެ ބާވަތްތަކަކީ ރަގަޅު ކާނާއެވެ. ނުކައި ދުރުވާންޖެހޭ ކާނާ އެއްކޮށް ދޫކޮށް މިގޮތުގައި މަޑުކުރަންވީއެވެ. ޕްރޮސެސްކުރި، ދަޅުގައިވިޔަސް އެހެން ގޮތަކުން ވިޔަސް ބަންދުކުރި ކާނާ ނުކާންވީއެވެ. ބަނޑުގައި ހުންނަ މައިކްރޯބައޯމް ފަށަލަ ހަލާކުވިޔަނުދީ އޭގެ ފެންވަރު ރަގަޅު ކުރެވޭނީ ކައިބޮއެއުޅޭ ގޮތަކުންނެވެ. މިދެންނެވި ބަލިތަކަށް ބޭހެއްނެތެވެ. މި ބަލިތަކަށް ފަރުވާ އޮތީ މިދެންނެވި ހަމައިގައި ހުރެގެންނެވެ. އިންސާނާއަށް އޮތް އެންމެ ރަގަޅު ކާނާއާއި ފަރުވާ އޮތީ ގުދުރަތުން ލައްވާފައިވާ ކާނާގައެވެ. ފަރުވާ ލިބި ޒަމާންގަނޑެއް ފަހުން ހަފުލާއެއްގައި އަތުޖެހުނު އެއްޗެއް ކާލިއެއްކަމަކު ދާއިމީ ކެއުމަކަށް ހަދަންވީ ހަށިގަނޑަށް ފައިދާހުރި މިފަދަ ބަލިތަކުން ދުރުކުރާ އަދި މިފަދަ ބައްޔެއް ހުރެއްޖެނަމަވެސް ފަރުވާ ލިބޭނެ ގޮތަށެވެ. ފަރުވާއޮތީ ކެއުން ރަގަޅުކުރިވަރަކުންނެވެ. ކެއުމަށް ބަދަލު ގެނެސް ކައިބޮއެ އުޅޭގޮތަކުންނެވެ.