އީވާއަށް މަޖިލިސް: މަރުވިއްޔާ ޝަރަފުގާ މަރުވާނަން
އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ
ގައުމަށްވުރެ ވަކި މީހަކު ބޮޑުނުވާނެ ކަމަށް ކިޔާއަޑު އަހަމެވެ. ވަކިމީހެއްގެ ގަޔަށް ހެޔޮވަރަށް ފަހަފާ އޮންނަ ކޯޓަކަށް ވަކި މުއައްސަސާއެއް ވެސް ދައުލަތުގެ ބާރެއްވެސް ނުވާނެ ކަމަށް ބުނެއުޅެއެވެ. ދައުލަތުގެ ކަންކަން ކުރަން އެކަކު ނެތިއްޔާ އަނެކަކު ހުންނާނެ ކަމަށް ވެސް ގަބޫލު ކުރެވުނެވެ. އެކަމަކު އެކަން އޮންނަނީ އެހެން ނޫންކަން ރައްޔިތުންގެ މަޖިލީހަށް މިހާރު މިވާ ގޮތުން ކަށަވަރު ވެއްޖެއެވެ.
ނަސީބު ދިމާކުރި ގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަމަށް ދެބެންގެ ދެބެން އިންތިހާބުވެފައި ތިބީއެވެ. މަސްލަހަތު ފުށުއެރުމާ ނެތުމަކީ އެހެން ކަމެކެވެ. އެ ދެމީހުން އެތާ އަރާ ތިބެނީ އަމިއްލައަކަށް ނޫނެވެ. ބަޔަކު މީހުން އަރުވާފައި ތިބީމައެވެ. އެކަމުގާ މައްސަލައެއް ނެތެވެ.
މައްސަލަ ޖެހެނީ އީވާއަށް ވާހާގޮތެއް މަޖިލީހަށް ވާންޖެހޭ ހިސާބަށް ކަންކަން ދިޔައިމައެވެ. އީވާ ބޭރަށް ހިންގަން ފަށާއިރަށް މަޖިލިސް ބޭރަށް ހިންގަން ފަށާތީއެވެ. އީވާ ޑެންގޫއަށް ފައްސި ވާއިރަށް މަޖިލިސް ޑެންގޫއަށް ފައްސި ވާތިއެވެ. އެހާވަރުން ދަންޏާ އީވާ މަރުވެއްޖެއްޔާ މަޖިލިސް ވެސް ވާނީ މަރެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނައިބު ރައީސަކަށް ހުންނަ މީހަކަށް މަސްއޫލިއްޔަތު ނުއުފުލޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެ ހާލަތުގައި ކަންކުރަންވީ ގޮތް ގާނޫނު އަސާސީގައި އެބައޮތެވެ.
މަޖިލިސްގެ ޖަލްސާ ތަކުގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ މަޖިލީހުގެ ރައީސެވެ. ރައީސް ނެތިއްޔާ ނައިބު ރައީސެވެ. އެއްވެސް ސަބަކާ ހުރެ އެދެމީހުންކުރެ އެކަކަށްވެސް މަޖިލީހަށް ހާޒިރުވެ ރިޔާސަތު ބެލެހެއްޓެން ނެތް ތަން ފުރަން ބަޔަކު ކަނޑައަޅަން ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން ގަވައިދު ލާޒިމުކުރާ ޖަލްސާ އަކަސް އޭނާއަށް އެކަން ނުކުރެވޭ ހާލަތެއްގައި އެކަން ކުރަންޖެހޭނީ ބަދަލު ކުޅުން ތެރިންނެވެ. އެއްވެސް މީހަކަށް ލިބި އޮތް ބާރެއް ނުހަމަގޮތުގައި ބޭނުން ކުރިޔަ ނުދިނުމަށް ގާނޫނު އަސާސީގައި ގާނޫނީ ފަރުވާއެއް އެއޮތީ ހިމަނާފައެވެ.
ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރި ނަމަވެސް ހާލަތު ނިޔާ ކުރާ ގޮތުން ނައިބު ރައީސަށް އޭނާގެ ވާޖިބު އަދާ ކުރެވޭ ގޮތް ނުވިޔަސް މަޖިލިސް ހުއްޓުނަ ނުދިނުމަށް އޮތް ގާނޫނީ ފަރުވާއަކީ ރިޔާސަތު ބަލަހައްޓާން ކަނޑައަޅާފައި ތިބޭ މެންބަރުންނެވެ. ހައްލަކީ އެއީއެވެ. އަމްދުން މި ހާލަތުގައި މަޖިލިސް އޮއްވާ ނައިބު ރައީސް އަވަހާރަ ވެއްޖެ ނަމަ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓު ނުނެގި މަޖިލިސް ޖެހޭނީ މަރުވާން ހެއްޔެވެ.