ގައުމާ ރައްޔިތުންނަށްޓަކާ ނަޝީދު ދެއްވާނީ އިސްތިއުފާ
ގޮތެއް ނުނިމެއްޖެނަމަ ގައުމު ހުއްޓުމަކަށް ދާނެ
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތުމުގެ މައްސަލަ ނުނިމި ގިނަ ދުވަސް ވީވީހެން ރާއްޖޭގެ ގިނަ ކަންތައް ތަކެއް ފާލުން ނެއްޓި ހީރަސް ކެނޑޭނެއެވެ. އިޔާދަ ނުކުރެވޭ ވަރުގެ ގައުމީ މައްސަލަތައް ފެންމަތި ވާނެއެވެ.
އަހަރެއް ނިމި އަހަރެއް ފެށެނީއެވެ. ވެރިކަމުގެ ދައުރެއް ނިމި ދައުރެއް ފެށެނީއެވެ. ގައުމު ހިންގުމުގެ ގިނަ ކަން ނިންމުމުގެ ބާރު މިވަގުތު އޮތީ މަޖިލީހުގެ ތެރޭގައެވެ. މަޖިލީހުން އެކަންކަމަށް ގޮތެއް ނުނިމެއްޖެނަމަ ދެހަރާ ސައިވާނެއެވެ. ގައުމު ހުއްޓުމަކަށް ދާނެއެވެ.
މަޖިލީހުން ނިންމަން އޮތް ހުރިހާ ކަމެއްގެ ނިމުން ގުޅިފައިވަނީ މަޖިލީހުގެ ރިޔާސަތާއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅިފައި އޮވެ އެކަން ނުނިންމާ މަޖިލީހުން އެއްވެސް ކަމެއް ނުނިންމޭނެތީއެވެ. ހުށަހެޅިފައި އޮތް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ މަޖިލީހުން ނިންމާ އެއްވެސް ކަމެއް ސައްހަ ނުވާނެތީއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމާމެދު ހުށައެޅިފައިވާ މައްސަލައަށް ގޮތެއް ނުނިންމާ މަޖިލީހުން ނިންމާ ކޮންމެ ކަމެއްގެ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެތީއެވެ.
މަޖިލީހުގައި ނިންމަންވެފާ ހިނގަމުންދާ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް އެބައޮތެވެ. ސަޕްލިމެންޓްރީ ބަޖެޓް ފާސްވެގެން ނޫނީ ކުރިއަށް އޮތް ދެމަސް ދުވަހު ދައުލަތުން މުއައްޒަފުންނަށް މުސާރައެއް ނުދެވޭނެއެވެ. އޮފީސްތަކުން އިދާރީ ހިދުމަތްތަކާއި އެހެނިހެން ގިނަ ހިދުމަތްތަކެއް ދިނުން ހުއްޓޭނެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ވަކި މުއްދަތަކަށް ފާސްކޮށް ނިންމަން ޖެހޭ އެއްޗެކެވެ. ބަޖެޓާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ގާނޫނު ބުނާ ތާރީހުތަކަށް ފުރިހަމަކޮށް ނިންމަން ޖެހެއެވެ. ގާނޫނުގައި ކަނޑައެޅިފައި ވާގޮތަށް ބަޖެޓްގެ ކަންކަން ނިންމާ ފާސް ނުކުރެވިއްޖެނަމަ އަންނަ އަަހަރު ދައުލަތް ހިނގުން ހުއްޓި ރާއްޖެ ޑެޑްލޮކަށް ދާނެއެވެ. ބަޖެޓްވެސް އެއޮތީ މަޖިލީހުގައި ޕާކް ވެފައެވެ.
17 ނޮވެންބަރ ގައި އިންތިހާބީ ރައީސް ގައުމާ ހަވާލުވާން ޖެހެއެވެ. ރައީސް ގައުމާ ހަވާލު ވުމުގެ ގާނޫނީ ހުވާކުރަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޖަލްސާއެއް ގައެވެ. އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޖަލްސާއެއް ނުބޭއްވޭނެއެވެ. އެހެން ކަމެއްވެސް ނުކުރެވޭނެއެވެ. އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ ރައީސަކު ހުރެގެން ބާއްވާ ކޮންމެ ޖަލްސާއަކީ ގައިރު ގާނޫނީ ޖަލްސާއެކެވެ. ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅިފައި އޮއްވާ ބާއްވާ އިތުބާރު އޮތްތޯ ނެތްތޯ ބެލުމުގެ ޖަލްސާ ފިޔަވާ އެހެން ކޮންމެ ޖަލްސާ އަކަށް ހނގާނީ އެ ހުކުމެވެ. އެހެން ކަމުން ގައިރު ގާނޫނީ ޖަލްސާއެއްގައި ގާނޫނީ ހުވައެއް ނުކުރެވޭނެއެވެ.
އައު ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމަށް އެކުލަވާލާ އިދާރީ އޮނިގަނޑަށާއި ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހެއެވެ. އެކަން ވެސް ކުރެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ސައްހަ ޖަލްސާއަކުން ނިންމައިގެނެވެ. މަޖިލީހުގެ ރައީސްގެ އިތުބާރާ މެދު ގޮތެއް ނުނިމި އޮވެގެން މަޖިލީހުން އައު ސަރުކާރުގެ ކެބިނެޓަށާއި އިދާރީ އޮނިގަނޑަށް ރުހުމެއް ނުދެވޭނެއެވެ. މަޖިލީހުގެ ރުހުން ނެތި ވަޒީރުންނަށް އެ މީހުންގެ ގާނޫނީ ވާޖިބު އަދައެއް ނުކުރެވޭނެއެވެ.
ރާއްޖެ މިހާލަތަށް ވެއްޓޭނީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ސަބަބުންނެވެ. ގައުމީ މިދެންނެވި ބޮޑެތި މައްސަލަ ތައްއުފެދުމުގެ ސަބަބަކަށް ވެވަޑައިގަތުމަކަށް ރައީސް ނަޝީދު ބޭނުންފުޅެއް ނުވާނެއެވެ. އަނެއްކޮޅުން އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުމެއް ގެނައުމަކީ ރައީސް ނަޝީދަށް ދާދި ފަސޭހަފުޅު ކަމެކެވެ. އެގޮތުން ރައީސް ނަޝީދަށް ދެކަމެއް ކުރެއްވިދާނެއެވެ. އެ ދެކަމުންކުރެ ކޮންމެ ކަމެއް ކުރެއްވިޔަސް ދިގު ދެމުމެއްނެތި އިތުބާރު ނެތްކަމުގެ މައްސަލައަށް ނިމުން ގެނެވޭނެއެވެ. ގައުމުގައި މަރުތަޅު އެޅުނަނުދީ ގައުމު ސަލާމަތް ކުރެއްވޭނެއެވެ.
އެގޮތުން ރައީސް ނަޝީދަށް ކުރެއްވޭނެ އެއްކަމަކީ ހުށަހެޅިފައިވާ އިތުބްރުނެތް ކަމުގެ މައްސަލަ ނިންމުމަށް ޖަލްސާއެއް ބޭއްވުމަށް ޖާގަ ދެއްވާ އެ ޖަލްސާގައި ރައީސް ނަޝީދުގެ މައްޗަށް އިތުބާރު އޮތްތޯ ނެތްތޯ ބެއްލެވުމެވެ. އިތުބާރު އޮތްކަމަށް ފާސްވިޔަސް އިތުބާރު ނެތްކަމަށް ފާސްވިޔަސް މައްސަލަ ނިމުނީއެވެ. ދެވަނަ ގޮތަކީ ގައުމާ ރައްޔިތުންގެ ހައްގުގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމެވެ. އެ ކެރުންތެރިކަން ރައީސް ނަޝީދުގެ ހުންނާނެއެވެ، ގައުމާ ރައްޔިތުން ނުރައްކަލަށް ވައްޓާލެއްވުމަކަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައެއް ނުގަންނަވާނެއެވެ. އެއަށްވުރެ އެއީ މާ ހިތްތިރި ކެއްތެރި ބޭފުޅެކެވެ.
އިސްވެ ބަޔާންކުރެ ކޮންމެ ގޮތަކަށް އިތުބާރު ނެތްކަމުގެ މައްސަލަ ނިމުނަސް އޭރުން ހުއްޓިފައި ހުރިކަންކަން ހިނގައިގަންނާނެއެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު ގައުމާ ހަވާލުވެ ވަޑައިގަތުމަށް ކުރައްވާ ގާނޫނީ ހުވާގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނުއޮންނާނެއެވެ.