މަކަރުވެރިޔާއަށް ސަމާލުވޭ: ނަޝީދު

މަސީހަށް ހަރާން - ނަޝީދަށް ހަލާލް

މަކަރުވެރިޔާއަށް ސަމާލުވޭ: ނަޝީދު

ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު އޭރު އޮތް ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރަކު ސޮއިކުރައްވާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާގެ އިތުބާރު ނެތްކަމަށް ހުށަހެޅިއެވެ. 18 ވަނަ މަޖިލީހުގެ ރައީސް ކަމުގައި އޭރު ހުންނެވީ ފުވައްމުލަކު މެދުދާއިރާގެ އިއްޒަތްތެރި މެންބަރ އަބްދުއްލާ މަސީހު މުހައްމަދެވެ. އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް ބައިނަލްއަގުވާމީ ޖަލްސާއެއްގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހު ބައިވެރިވެ ވަޑައިގަންނަވަން ޖެހި ވަޑައިގަތެވެ. 

އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރެއްވުމަކީ އޭރު ރައީސްކަމުގައި ހުންނެވި މަސީހަށް ކުރެއްވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. މަޖިލީހުގެ މެންބަރުންގެ 45 މެންބަރަކު ރައީސަށް އިތުބާރުނެތް ކަމަށް ސޮއިކުރައްވާ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރައީސް ކަމުގެ ގާނޫނީ ސައްހަކަން މަސީހަށް ގެއްލިފައިވާ ކަމަށް އެތައް ގާނޫނީ މާހިރުންނާއި ސިޔާސީ މުފައްކިރުންނާ އާއްމުންގެ އެތައް ބަޔަކު ބުނަމުން ދިޔައެވެ. 

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު ހުންނެވި ރައީސް އަބްދުއްލާ މަސީހު މުހައްމަދުގެ ރައީސް ކަމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާތީ ބައިނަލްއަގުވާމީ ޖަލްސާއެއްގައި މަޖިލިސް ތަމްސީލު ކުރައްވަން އެންމެ ބޮޑަށް އޭރު ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސްކަން ވެސް އޭރު ކުރައްވަމުން ގެންދަވާ މުހައްމަދު ނަޝީދު 04 އޮކްޓޯބަރ 2017 ގައި އެކަމާ ދެކޮޅަށް އަޑު އުފުއްލެވުމުގެ ގޮތުން ޓްވީޓެއް ކުރައްވާފައި ވެއެވެ. 

" މަކަރުވެރިޔާއަށް ސަމާލުވޭ" މި ސުރުހީގެ ދަށުން މަސީހުގެ ފޮޓޯފުޅަކާއި މަޖިލީހުގެ ރިޔާސަތުގެކުރިމަތީގައި ސަލާމަތީ ބާރުތައް އެތުރިގެން ތިބޭ ފޮޓޯއެއް ހިމެނޭހެން މަސީހާ ދެކޮޅަށް އިގިރޭސި ބަހުން ލިޔެފައި އޮތް އާޓިކަލެއްގެ ފޮޓޯއަކާއި މަސީހުގެ އިތުބާރު ނެތްކަމަށް 45 މެންބަރުން ސޮއިކުރައްވާފައިވާ ކަރުދާހުގެ ފޮޓޯއަކާއެކު އިނގިރޭސިބަހުން ކުރެއްވި ޓްވީޓްގައި  ނަޝީދު ވިދާޅުވެފައިވަނީ " މަސީހަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ގާނޫނީ ސައްހަކަށް އިތުރަށް އޮތް މީހެއް ނޫން. ބައިނަލްއަޤްވާމީ ބައްދަލުވުން ތަކުގައި އަޅުގަނޑުމެންގެ މަޖިލިސް ތަމްސީލުކޮށްގެން ނުވާނެ" ކަމަށެވެ. 

މަޖިލީހުގެ ރައީސްކަމުގައި ހުންނަ މީހެއްގެ އިތުބާރު ނެތްކަމަށް ގިނަ އަދެއްގެ މެންބަރުން ތަކެއް ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅުއްވައިފި ނަމަ އެއިރަކު ހުންނަވާ ރައީސެއްގެ ގާނޫނީ ސައްހަކަން ގެއްލޭނެކަން ހޮދު ރައީސް ނަޝީދު ގަބޫލު ކުރައްވާކަން ބަޔާންވެ ދިޔަ ޓްވީޓުން ސާބިތުވެއެވެ. ގުދުރަތް ނިޔާ ކުރިގޮތުން ހޮދު ރައީސް ނަޝީދަށް އެހާލަތު މިއޮތީ ކުރިމަތިވެފައެވެ. ކަމަކާ ޖެހިވަޑައިގަތުމުން ހޮދުމުހުތާރު ކަމުގައި މަސީހެއް ނަޝީދެއް ތަފާތެއް ނުވިއެވެ. 

ޑިމޮކްރަސީގެ ޗެންޕިއަންގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެ ވަޑައިގެން ހުންނަވާ ނަޝީދު ޑިމޮކްރަސީގެ އެންމެ އަސާސީ ހަމަ ކަމުގައިވާ މެޖޯރިޓީއަށް ތަބާވެ ވަޑައިގަތުމުގެ ގާބިލު ކަމެއް ނުދެއްކެވުނެވެ. ލެޖިޓެމަސީ އޮތްކަން ނުވަތަ ނެތްކަން ބައްލަވާ ލައްވަން ވެސް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަގައި ވޯޓަށް އައްސަވަން ކެރިވަޑައެއް ނުގަތެވެ. އުސޫލާ ހިލާފަށް މަގާމުގައި ދެމިހުންނަވަން ޖައްސަވަމުން ގެންދަވަނީ މަރުފައްޔެވެ. ރައީސް ނަޝީދުގެ ކިބައިން ފާޅުވަމުންދާ ކަންކަމުން ދޭހަކޮށްދޭ ހަގީގަތެއް އެބަ އޮތެވެ. އެހަގީގަތަކީ މެންބަރުންގެ އިތުބާރު ނެތުމުން މަޖިލީހުގެ ރައީސްކަން މަސީހަށް ހަރާން ކަމެވެ. މެންބަރުންގެ އިތުބާރު ނެތަސް މަޖިލިސްގެ ރައީސްކަން ނަޝީދަށް ހަލާލް ކަމެވެ.