ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި

ކެބިނެޓަށް ރުހުން ބޭނުންނަމަ ރައްޔިތުން މަގާމުތަކުން ވަކިކޮށްގެން ނުވާނެ

ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފި

ރައީސް މުއިއްޒުގެ ސަރުކާރުން އަނިޔާވެރިވާނަމަ ސަރުކާރު ވައްޓާލަން މަޖިލީހުގައި ގޮވާލައިފިއެވެ. ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރު ވައްޓަލަން ގޮވާލެއްވީ އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕަށެވެ. އެމްޑީޕީއަކީ ޕަލަމެންޓްގެ މެޖޯރިޓީ ޕާޓީއެވެ.

ސަރުކާރު ވައްޓަލަން ގޮވާލުމުގެ އަޑު ގަދަވެފައި މިވަނީ ފެނަކައިގެ މުވައްޒަފުން ވަކިކުރަން ސަރުކާރުން މަސައްކަތް ކުރާ ދަނޑިވަޅެއްގައެވެ. ސަރުކާރުން ފެނަކައިގައި ތިބި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ކުއްލިމައްސަލައެއް ހުށަހަޅާފައެވެ. ފުވައްމުލަކުގެ މެދު ދާއިރާގެ މެމްބަރު، ހުސެއިން މުހައްމަދު ދީދީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ 33 މެމްބަރުންގެ ވޯޓުން މަޖިލީހަށް ވަނީ ބަލައިގެންފައެވެ.

ކުއްލިމައްސަލައަށް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެފައިވަނީ މި ސަރުކާރުން އެކުލަވާލާފައިވާ ކެބިނެޓަށް މަޖިލީހުގެ ރުހުން ބޭނުންވާނަމަ، ރައްޔިތުން މަގާމުތަކުން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އެއާއި އެކު ހުސައިން ވިދާޅުވީ   ރައްޔިތުންނާއި މެދު މިގޮތަށް އަނިޔާވެރިކޮށް އަމަލު ކުރަންޏާ މި ސަރުކާރު ނުބާއްވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ގޮވާލާ ކަމަށެވެ. 

ސަރުކާރުން ފެނަކައިގައި ތިބި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ  ރުހުން ހޯދަން ފޮނުވާފައިވާ ވަޒިރުންނަށް ރުހުން ނުދޭނެ ކަމުގެ އިންޒާރު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުން ދަނީ ދެއްވަމުންނެވެ.

"އަޅުގަނޑުވެސް ގޮވާލަން ސަރުކާރަށް ތިކަންތައް ނުކުރައްވަން. ބައެއް މެމްބަރުންގެ އިހުސާސްތައް އެދަނީ ކޮޅުން ލައިގެން. އަޅުގަނޑުވެސް ބޭނުމެއް ނުވޭ ކެބިނެޓަށް ވޯޓު ނުދީ ހުންނާކަށެއް. އަޅުގަނޑު ވަރަށް ބޭނުން ކެބިނެޓަށް ވޯޓު ދޭން. އެހެން ނަމަވެސް މިކަހަލަ ކަންތައް މިތާނގަ ހިނގާ ކަމަށް ވަންޏާ ބައެއް މެމްބަރުން ޖަޒުބާތުގަ ޖެހޭނެ. އެހެން ޖެހުނީމަ އަޅުގަނޑުމެންނަށް ވެސް އުނދަގޫވާނެ." މެންބަރު އަހުމަދު ހަލީމް ވިދާޅުވިއެވެ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް އެ ވިދާޅުވީ  ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދެއްވަން ބޭނުންފުޅަސް ހުށަހެޅިފައިވާ ކުއްލި މައްސަލައިގައި ހިމެނޭ ކަންކަމަށް ބައްލަވާ ރުހުން ނުދެއްވަން  މަޖުބޫރުވެ ވަޑައިގެންފާނެ ކަމަށެވެ.

މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ރާއީ ވިދާޅުވިގޮތުގައި ސަރުކާރަށް މަހެއްވެސް ނުވަނީސް އެމްޑީޕީ ސަރުކާރުން މަޝްރޫއުތައް ހިންގަން ނަގާފައިވާ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެމްޑީޕީ ސަރުކާރުން ވަޒީފާދީފައިތިބި  އެ މުވައްޒަފުން ވަކިކޮށްފައި ވަޒީރުންނަށް ރުހުން ހޯދަން ސަރުކާރުން އަންނަން ޖެހޭނީ ހަމަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހަށް ކަމަށެވެ. އެހެން ކަންތައް ކުރާނަމަ ވަޒީރުންނަށް   ރުހުން ނުދޭނެ ކަމުގެ އިންޒާރު ރާއީ ވަނީ ދެއްވާފައެވެ. "ކަނޑާލާ ކޮންމެ މުވައްޒަފަކަށް އަޅުގަނޑުމެން މި ތަނުން މިނިސްޓަރަކަށް ރުހުން ދިނުން ހުއްޓާލާނަން. އެކަން ނުކުރެވޭނެ. އެހެންވީމާ ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް އެއްވެސް ރަށެއްގެ މުވައްޒަފަކަށް އެގޮތަށް ކަން ކޮށްފި ނަމަ ރައީސް މުވައްޒަފުގެ ކެބިނަޓަށް ރުހުން ދޭކަށް ލާހިކެއް ކުޅަދާނައެއް ނޫން،" ރާއީ ވިދާޅުވިއެވެ.