ފުލުހުން ގައްދާރުވުމަކީ ދައުލަތް އޮޔާދާކަމުގެ ހެއްކެއް: ޑރ. ސަވާދު

ފުލުހުން ގައްދާރުވުމަކީ ދައުލަތް އޮޔާދާކަމުގެ ހެއްކެއް: ޑރ. ސަވާދު

ކުރީގެ ބަންޑާރަނައިބެއް ކަމުގައިވާ ޑރ. އަހުމަދު އަލީ ސަވާދު ރާއްޖޭގެ ފުލުހުންނާ ގުޅުވައިގެން ވިދާޅުވަނީ ވަރަށް ބޮޑުތެދެކެވެ. ރައްޔިތުންނާއި ސަރުކާރާއި ފުލުހުން ފުންކޮށް ވިސްނާ އިސްލާހު ކުރަން މަޖުބޫރުވެފައިވާ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތްވަނީވެފައެވެ. މުޅި މުއްސަސާ ވަނީ ބޮއްސުންލާފައެވެ.

މިސާލުތައް ބައިވަރެވެ. ފުލުހުންގެ ހިރާސަތުގައި ހުންނަ އެތައްހާސް ޑޮލަރެއް ވީނުވީއެއް ނޭނގި ގެއްލުނީއެވެ. ފުލުހުންގެ ހައްޔަރުގައި ހުންނަ މީހާ ގޮތް ނޭނގި މަރުވަނީއެވެ.  ފުލުހުންނަށް އެމް.އެމް.އޭ އިން ހުށަހެޅި އެމްޕީއެއްގެ މަނީލޯންޑްރިންގ މައްސަލައިގެ ތަހުގީގަށް ހޭވެސް އަހާނުލާ އަހަރު ވީއެވެ. ފުލުުން ގުންފައި ޖަހާފައި ވަދެ ބަލަންފެށި އެޗްޑީސީގެ ހިޔާނާތް ފަނުފުލުން ދިޔައީއެވެ. ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯއިން ވައްކަން ކުރަނީއެވެ. ފާޅުގައި ސަރުކާރުން ހިންގާ ޖަރީމާތަށް ނުފެންނަކަމަށް ހަދައިގެން ތިބެނީ ލޯމަރައިގެންނެވެ.

ފުލުހުންގެ ހާލަތު އެހާ ވަރަށް ގޯސްވެ ހިޔާނާތާއި ފަސާދަ އާއްމު ވީމާ ރައްޔިތުން ފުލުހުންނަށް އިތުބާރު ކުރަނީ ކިހިނެއްހެއްޔެވެ. މަތި މައްޗަށް ކަންކަމުގެ ހަގީގަތް އޮޅުވާލުމާއި ސަރުކާރުގެ ނުފޫޒުގަދަ ވެރިން ލޮއްސަން ފޭވަރކުރާ ފުލުހުންގެ އިދާރާއަކުން އިންސާފާއި ރައްކާތެރިކަން ލިބެދާނެކަމަށް އުންމީދު ކުރާނީ ކާކުހެއްޔެވެ. 

ފުލުހުންނަކީ އަމާންކަމާއި ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދޭން ޓެކްސް ފައިސާއިން ހިފެހެއްޓުމެއް ނެތި އެންމެ ބޮޑު ހަރަދެއްކުރާ ހިދުމަތުގެ އެއް މުއައްސަސާއެވެ. ފުލުހުންނަކީ ރައްޔިތުންގެ ފައިސާއިން ޔުނީފޯމާއި ސޫޓާ ބޫޓާ އަނބި ދަރިންނަށް ދާންދެން ބޭސްފަރުވާއާއި ބޮޑެތި އިނާޔަތްދޭ ބައެކެވެ. ފުލުހުންނަކީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އުޅަދު ފަހަރާއި އެންމެ ފަހުގެ ހުރިހާ ވަސީލަތަކާއި އާލާތްތައް ހޯދާދީފައި ތިބޭ ބައެކެވެ.

އަދުލްވެރި ފުލުހުންގެ އިދާރާއަކީ އަދާލަތުގެ ނިޒާމުގައި ފުރަތަމަ ޓަކިޖަހާލަން ހުންނަ ދޮރެވެ. ފަނޑިޔާރުންގެ ނިޔާ ބިނާކުރާ އެންމެ މުހިންމު މަސްދަރެވެ. މުޖްތަމައުގެ އަމާންކަން ބަރޯސާވާ މުހިންމު އަސާސެވެ. އެހެނެއް ކަމަކު ކުރާނީ ކީއްހެއްޔެވެ. 

ދިވެހި ކުޑަކުޑަ މުޖުތަމައުގައި ވީނުވީއެއް ނޭނގި ގެއްލޭ މީހަކު ނުހޯދޭތާ އެއްވެސް މީހަކު ގެއްލެން ދިމާވި ސަބަބެއް ނުހޯދެއެވެ. އަނިޔާވެރި ގޮތްގޮތަށް މަރާލެވޭ މީހުންނަށް އިންސާފެއް ހޯދައެއް ނުދެވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު މަރުވިޔަސް ހަގީގަތް ހޯދުމެއް ޒިންމާވުމެއް ނޯވެއެވެ. ސަރުކާރުތަކުގައި ކޮރަޕްޝަނާއި ފަސާދަ ހިންގާ މީހުނަށް އެޅޭ ފިޔަވަޅެއް ނޯވެއެވެ. ދައުލަތައް ގެއްލޭ އެންމެ ފައިސާ ފޮއްޗެއްހާ ހިސާބުވެސް ހޯދާނުދެވެއެވެ. ސަރުކާރުގެ ވެރިންނާ ގުޅުންހުރި އެއްވެސް މައްސަލައަކީ ބަލާ ފިޔަވަޅުއެޅޭ މައްސަލައެެއް ނޫނެވެ. 

ކަން މިހެން ހުރުމުން ފުލުހުންގެ ހާލަތު އިސްލާހު ނުކޮށް ފުލުހުންގެ ހިދްމަތާއި ފުލުުހުންކުރާ ތަހުގީގުތަކަށް ބަރޯސާވެ އަދުލްވެރި ޝަރީއަތެއް ހިންގާނީ ކިހިނެއް ހެއްޔެވެ. ފުލުހުން ކިތަންމެ ގައިރު ޒިންމާދާރަސް އެމީހުން ޒިންމާދާރުކުރުވާނެ ވެރިއެއް ސަރުކާރެއް މަޖިލީހެއް ކޯޓެއް ނެތެވެ.

ތެދެކެވެ. އޮޔާދާ ދައުލަތެއްގެ އެންމެ ނުރައްކާތެރި އެއް އަލާމާތަކީ ޔުނިފޯމުގަ ތިބޭ ހާދިމުން ރައްޔިތުނަށް ގައްއްދާރުވުމެވެ. ކަމަކީ ރައްޔިތުން ވިސްނަންޖެހޭ ހައްސާސް މައްސަލައެކެވެ.