އަކުރަމުގެ ޓްވީޓަކަށް މުއިއްޒުގެ ވަޒީރުން މޮޔަވެއްޖެ!

އަކުރަމުގެ ޓްވީޓަކަށް މުއިއްޒުގެ ވަޒީރުން މޮޔަވެއްޖެ!

ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނަންޖެހޭ ކަމަށް އަކުރަމް ކަމާލުއްދީން ބުނުމުން މުއިއްޒުގެ އައުވާނުންގަނޑު އުފަލުން ތެޅެފޮޅި ގަތީމާ ހައިރާނެއް ނުވެއެވެ. އެކްސްގައި އަކްރަމް ބަޔާންކޮށްފައި ހުރި ހުއްޖަތްތައް ވަރުގެ ހުއްޖަތެއް ނެތިގެން ހީވަނީ ވެލަޔަށް ފެންފެނިގެން އުޅޭހެންނެވެ. 

ހުރިހާ ވަޒީރުންނާއި ސިޔާސީ މުސާރަވެރިން އަކްރަމްގެ ޕޯސްޓް ޓެގްކޮށް އެއްރާގެއްގައި އެއް އިބާރާތަކުން ތައުރީފު ކުރަން ފެށުމުން އަންނަނީ ހިންޏެވެ. މީހަކު ލިޔަފައިދިން އިބާރާތްކޮޅެއް އަމިއްލަ ނަމުގައި ޕޯސްޓްކުރާ މިބައިގަނޑަށް ވާނުވާ އެނގޭހެނެއް ހިޔެއްނުވެއެވެ. ވާނުވާ އެނގުނަސް މީހަކު ދެކެ ބިރުން ކުރަން މަޖުބޫރުވެގެން ހިތާ ދެކޮޅަށް ކުރާކަމެއްގެ ގޮތުގައި ނޫނީ އެކަމެއް ނުފެނެއެވެ. 

އަކުރަމް ކަމާލުއްދީނުގެ މެސެޖެއް ދައުލަތުގެ ހުރިހާ ވަޒީރުން ރިޓުވީޓްކޮށް ސެލެބްރޭޓްކުރަމުން އެތބަދަނީއެވެ. ބައެއް ވަޒީރުން އެއީ އިބުރަތެކޯ ބުނާއިރު ކާމިޔާބެކޭ ނަސްރެކޭ ޗެލެންޖެކޭ އެބަކިޔާ ނަގައެވެ. އަޅެ މީހަކު މޮޔައެއް ނުވާނެހެއްޔެވެ. ނަފާ ނަސީމް ވެސް އެބަ ބުނެއެވެ. ވިސްނާ ފިކުރު ކުރާށެވެ.

ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެގޮތުގައި ގެންނަ ބަދަލުން އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް ބޭއްވުމުގައި ހުރީ ފައިދާކަމަށް އަކުރަމް އެބުނާ ކަންކަމަކީ އޮއްޓަރެއް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫނެވެ. ބްލެކް މޭލުވެފައި ހުރި މީހަކު ދުވާލު މެންދުރު ގަދަހޫނުގަނޑުގައި ހުރެވެސް ފިނިގަދަކަމުން ތުރުތުރުވެސް އަޅާފާނެއެވެ. 

ރައީސް ކަމަށް ހޮވޭނީ ކާކުކަމެއް ނޭނގޭނެއޭ ބުނާއިރު މަގާމުގައި ހުރެ ވާދަކުރާ ރައީސް އޭނާއަށް ރައީސްކަމާއި މަޖިލީހުގެ ކޮންޓްރޯލު ހޯދަށް ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެކަން ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. އެވަރު ނޭނގޭ ކަމަށް ހަދައިގެން ރައްޔިތުން ވައު ވައްދާނީ އަކުރަމާއި ސަރަނގޭއާއި މުހައްމަދު ޝިހާބާއި ޖާބިރާއި ސަންސިޔާމާއ ގާސިމު ކަހަލަ ނަގޫފިތިފައި ތިބޭ މީހުންނަށެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. ފަސް އަހަރުން އެއްފަހަރު މޭވާ ލިބޭ ގަހަކަށްވުރެ ފަސްއަހަރުން ދެފަހަރު ނުވަތަ ތިން ފަހަރު މޭވާ ބިންނަން ލިބޭ ގަހެއްގެ މަންފާ މާބޮޑުވާނެއެވެ. އިންތިހާބު ތަކާވެގެން ރައްޔިތުންނަށް ލިބިގެންދާ ލުއިފަސޭހަތައް އިންތިހާބެއް ބޯމަތިވެފައި ނެތި ނުލިބޭކަމީ ރައްޔިތުން ދަންނަ ހަގީގަތެކެވެ.