ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރު ބަނދެވިގެން ނުވާނެ!

ޖަވާބުދާރީ ކުރުމަކީ ކަމެއް ކުރުމުން އެކަމެއް ކުރިގޮތް ބެލުން އެކަންޏެއް ނޫން

ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރު ބަނދެވިގެން ނުވާނެ!

ދައުލަތް ހިންގުމުގެ އެންމެހާ ކަންކަމަށް ހަރަދު ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަކުންނެވެ. ހެޔޮ އެދޭ ފަރާތަކުން ވެސް ހިލޭ އެހީއެއް ހޯދިޔަސް ހޯދަނީ ބަޖެޓްގައި ލިބޭނެކަމަށް ބަލާ ކަޑައެޅިފައިވާ އޮންނަ ގޮތަކަށެވެ. ތާކުން ލޯނެއް ދިނަސް ހިލޭ އެހީއެއް ދިނަސް އެކަމެއް ބަޖެޓްގައި ތަސައްވަރު ކުރެވިފައި އޮންނާނެއެވެ. ހިލޭއެހީއާއި ލޯނު ހޯދަން ޖެހޭނީ ބަޖެޓް ކުރެވިފައި ހުންނަ ކަންކަމަށެވެ.

ދައުލަތުގެ ކަންކަން އެއިރަކު އޮތް ސަރުކާރަކުން ބޭނުންހާ ގޮތަކަށް ކުރެވިގެން ނުވާނެއެވެ. އަމްދުން ސަރުކާރަކުން ކުރާކަމެއްގެ ތަކުލީފު އަންނަ އޮތް ސަރުކާރުތަކާއި ދައުލަތަށް އުފުލަންޖެހޭ ފަދަ އެއްވެސް ކަމެއް މަޖިލީހުގެ ރުހުންނެތި ކުރެވިގެން ނުވާނެއެވެ. ތިމާމެން ކުރާ ކަމެއްގެ ހަރަދަށް އެހެން ބަޔަކު ޒިންމާ ވާންޖެހޭ ގޮތަށް އޮތް އެއްވެސް ކަމެއް ކުރެވެންވާނީ މަޖިލީހުން ފާސްކޮށްގެންނެވެ.   

ބަޖެޓްގައި ހިމެނިފައި ނެތް އެއްވެސް ކަމަކަށް ދައުލަތް ޒިންމާވާ ގޮތަށް އެހީއެއް ވިޔަސް ލޯނެއް ވިޔަސް ހޯދަން ވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. ބޭރުގައުމަކަށް ސަފީރަކު ކަނޑައެޅިޔަސް މަޖިލީހުގެ ރުހުން ހޯދަންޖެއެވެ. އެހެން ކަމަށްވާނަމަ ޒަމާން ތަކަކަށް ދައުލަތް ޒިންމާވާ ގޮތަށް ހިލޭ އެހިތަކާއި ލޯނުތައް ހޯދުމާއި އެމައްޗަށް ދައުލަތް ޒިންމާވާ ބޮޑެތި ބޮޑެތި އެއްބަސްވުންތައް ބޭރުގެ ފަރާތްތަކާއެކު ވާންވާނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. 

ކުރީ ސަރުކާރުން އެވެނި ކަމެއްކޮށް، މިވެނި އެއްބަސްވުމެއް ހަދައިގެން ދައުލަތް އިނދަ ޖައްސާލި ވާހަކައާއި އަޅުވެތި ކޮށްފައިވާ ކަމަށް ފަހުން އަންނަ ސަރުކާރު ތަކުން އަބަދުވެސް ކިޔައެވެ. އެހެން ކިޔަން ފުރުސަތު އޮންނަނީ އެއިރަކު އޮންނަ ސަރުކާރަކަށް އެފަދަ ކަންކަން ކުރުމަށް ތަންމިނަށް އިހުތިޔާރު ލިބިފައި އޮންނާތީއެވެ. މުޅި މުސްތަގުބަލުގެ ދިޔަ އެއްފަހަރާ ފެލާލައިގެން ބުއިމުގެ ފުރުސަތު އެއިރަކު އޮންނަ ސަރުކާރަކަށް ދެވިފައި އޮވެގެން ނުވާނެއެވެ. އެހެނެއް ކަމަކު އަތްފައި ހަރަކާތް ނުކުރެވޭ ވަރަށް ސަރުކާރެއް ބަނދެލެވިފައި އޮވެގެންވެސް ނުވާނެއެވެ.

ދޭދޭ ގައުމުތަކާއެކު ވެވޭ ކޮންމެ އެއްބަސް ވުމަކީ އެކަމުގެ ނަތީޖާ ޒަމާން ތަކަށް ދެމިގެންދާނެ ކަމެއް ނަމަ އެފަދަ ކޮންމެ އެއްބަސްވުމެއްގައި ސަރުކާރުން ސޮއި ކުރުމުގެ ކުރިން ނުވަތަ އެހީއެއް ހޯދުމުގެ ކުރިން އެކަމުގެ ނަތީޖާއާއި މެދު ވިސްނާ ބަހުސްކޮށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ. ސަރުކާރުތަކަށް ވެސް އެކަމުން ލިބެނީ ރައްކާތެރި ކަމެވެ. ސާބިތު ކަމެވެ. ސަރުކާރުތައް ބަދަލުވާނެއެވެ. ވެވޭ އެއްބަސްވުންތަކާއި ދައުލަތް ދެމި އޮންނާނެއެވެ. 

ބަޖެޓްގައި ތަސައްވަރު ނުކުރާކަމެއް އެއްބަސް ވުމެއްގެ ދަށުން ދައުލަތް ޒިންމާވާ ގޮތަކަށް ސަރުކާރަކުްނ ކުރެވިގެން ނުވާނެއެވެ. ދައުލަތަކީ އެއިރަކު އޮންނަ ސަރުކާރު އެކަންޏެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް ރައީސަށް ދައުލަތް ހިންގުމުގެ ބާރު ލިބެނީ ގާނޫނުން ބާރު ލިބިދޭ މިންވަރަކަށެވެ. ގާނޫނި ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުމާއި ބަޖެޓް ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުމަކީ ސަރުކާރުން ކަމެއް ކުރުމުން އެކަމެއް ކުރިގޮތް ބެލުން އެކަންޏެއް ނޫނެވެ. ޖަވާބުދާރީ ކުރުވުމަކީ ސަރުކާރުން ކުރަން އުޅޭ ކޮންމެ ކަމެއް ހުއްޓުވުމެއް ވެސް ނޫނެވެ. ކަމެއް ކުރުމުގެ ކުރިން އެކަމެއްގެ ނަތީޖާ ވަޒަންކޮށް ސަރުކާރުން ކުރާކަންކަން ދައުލަތަށް އެންމެ މަންފާހުރި ގޮތަށް ކުރުވުމަކީ މަޖިލިހަށް އޮންނަ އެންމެ ބޮޑު އެއް ޒިންމާއެވެ. ހަގީގީ ޖަވާބުދާރީ ކުރުވުމަކީ އެއީއެވެ.