ހަތިޔާރު ގަތުމަށް ބޮޑު އިސްރާފެއް ކުރާއިރު އެތައް ދިވެހީން މަރަށްތެޅެނީ!

ހާލު ބޮޑު ބަލި މީހެކެވެ. ރާއްޖޭން ފަރުވާކުރެވޭ ވަރަށްވުރެ ބަލީގެ ބާވަތް ސީރިއަސްއެވެ. ބަލި މީހާއަކީ މެދުފަންތިއަށް ވުރެ ދިރިއުޅުމުގެ ހާލަތު ދަށް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ބައްޔަކީ ބަލީގެ ބާވަތުން އަވަހަށް ފަރުވާ ނުލިބިއްޖެނަމަ ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެކެވެ.
ކިތަންމެ އަވަހަށް ފަރުވާ ހޯދަން ބޭނުންވިޔަސް ފުރައިގެން ގޮސް ބޭރުން ބޭސް ކުރެވޭވަރުގެ ތަނަވަސްކަމެއް ނެތެވެ. ރޮއި އަދޭސްކޮށްގެން އާސަންދަ ހަމަޖެހުނެވެ. ބަލިމީހާއާއި އެހީތެރިއަކަށް ދެކޮޅުޓިކެޓް އިންޑިއާގެ ކޮޗިނަށް ލިބުނެވެ. އެންސްޕާއިން 200 ޑޮލަރަށްވާ ދިވެހި ފައިސާ ހަމަޖެހޭނެ ކަމަށްވެސް ބުންޏެވެ. އާސަންދަ ހަމަޖެހިފައި އޮތުމުން ހެޔޮއެދޭ ބައެއް މީހުންގެ އަތުން ލިބުނު 500 ޑޮލަރ އޮތުމުން އަވަސްވެގަތީ ޓިކެޓް ނަގައިގެން ފުރުމަށެވެ.
ކޮޗިންނަށް ގޮސް އަތުގައި އޮތް 500 ޑޮލަރުން 200 ޑޮލަރ މާރުކޮށްގެން ބަލިމީހާ ގޮވައިގެން ހުންނާނެ ކޮޓަރިއެއް ކުއްޔަށް ހިފިއެވެ. 100 ޑޮލަރ މާރުކުރުމުން ލިބުނީ 8600 ރުޕީސްއެވެ. ދެމީހަކަށް ތިބެލެވޭ ވަރުގެ ކޮޓަރިއެއް ލިބުނީ ދުވާލަކަށް 1500 ރުޕީސްއަށެވެ. 7500 ރުޕީސް ދީފައި 5 ދުވަހަށް ތަނެއް ހިފިއެވެ. ޑޮކްޓަރަށް ނުދެއްކޭތީ ކަމުގައި ނަގާނެ ދުވަހުގެ ކޮޅެއް މެދެއް ނޭގެއެވެ. އެގޭކަމަކީ ފަސް ދުވަހުން ފަރުވާ ނުނިމޭނެކަމެވެ. އިތުރު ދުވަސްތަކެއްގައި މަޑުކުރަން ޖެހޭނެ ކަމަށްބަލާ މާރުކުރި ފައިސާ ކޮޅުން ބައެއް ކެއުމާއި ދަތުރު ފަތުރުކުރުމަށް ނެގުމަށްފަހު ބާކީހުރި ރުޕީސްކޮޅާއި މާރުނުކޮށް އޮތް ތިންސަތޭކަ ޑޮލަރ ނިކަން ރަގަޅަށް ފޮރުވިއެވެ.
އާސަންދަ ހަމަޖެހިފާ އޮތުމުން ބޭސްފަރުވާއަށް ވިސްނާކަށް ނުޖެހޭނެތާއެވެ. ކޮޓަރިއަށް ވަދެ ތައްޔާރުވެލައިގެން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް އެތާގައި ހުންނަ އިންޓަނޭޝަނަލް ޑެސްކަށް ޑޮކްޓަރީ ލިޔުންތަކާއި އާސަންދައިގެ ލިޔުންތައް ހުށަހެޅިއެވެ. އިސާހިތަކު ބަލިމީހާ ރަޖިސްޓްރީކޮށް ކާޑެއް ދިނެވެ. ބައްޔާ ގުޅޭ ސްޕެސަލިސްޓަކަށް ވަގުތުން ދެއްކޭގޮތް ވެސް ވެއްޖެއެވެ. ޑޮކްޓަރަށް ދެއްކުމުން ފުރަތަމަ ޖެހުނީ ބަޔޮޕްސީއެއް ހަދާށެވެ.
ބަޔޮޕްސީގެ ކަންކަން ނިންމުމަށްޓަކައި ބިލިންގ ކައުންޓަރަށް ދިޔުމުން ބުނީ ސިއްސައިގެން ދާވަރުގެ ވާހަކައެކެވެ. އާސަންދައިގެ ލިމިޓް ހަމަވެފައިވާތީ 900 ރުޕީސް ދެއްކުމަށެވެ. ލިބުނު ޝޮކުގައި އާސަންދަ ނުލިބެނީތޯ އަހާލިއެވެ. ޖަވާބުގައި ކައުންޓަރުން ބުނީ އާސަންދައިން ހަމަ ޖެހިފައި އޮތީ 1200 އިންޑިއަން ރުޕީސްކަމަށެވެ. ރަޖިސްޓޤރޭޝަނާއި ފުރަތަމަ ކޮންސަލްޓޭޝަނާ ހަމައިން އާސަންދަ ހުސްވީއެވެ. ދެން ޖެހޭނީ އެޑްވާންސްކޮށް ބަލިމީހާ ފައިސާ ދެއްކުމަށެވެ. އެޑްވާންސްކޮށް ފައިސާ ނުދެއްކިއްޖެނަމަ ޖެހޭނީ ޢަސަންދައަށް ލިޔެގެން ހަމަ ޖެހެންދެން ޓެސްޓް ނުހަދާ މަޑުކުރަން ކަމަށެވެ. އެޑްވާންސްކޮށް ދައްކާނެ ފައިސާއެއް ނެތެވެ. އެންސްޕާއިން ދޭންބުނި ފައިސާ ކޮޅު ލިބޭނެ ނަމައޭ އޭރު ހިތަށް އެރިއެވެ. އެކަމަކު އެންސްޕާއިން ދޭން ހަމަޖެހުނު ފައިސާކޮޅު ޖަމާ ކޮށްދިނީވެސް ބަލިމީހާ ފުރަތަމަ ބުރުގެ ފަރުވާ ނިންމާ ރާއްޖެ އައިތާ އެތައް ދުވަހެއް ފަހުންނެވެ.
އަޖައިބުވެ އަންތަރީސްވިއެވެ. އެއްފަހަރު ޑޮކްޓަރަށް ދައްކާ ޓެސްޓެއް ހަދާނުލެވެނީސް އާސަންދައިގެ ލިމިޓް ހަމަވެގެން އާދޭސް ކުރަން ޖެއްސުމަކީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ. އެޑްވާންސްކޮށް ފައިސާ ދެއްކެން ނެތް ބަލިމީހާ އާސަންދަ ހަމަޖެހެންދެން ހަދަންޖެހޭ ޓެސްޓްތައް ނުހެދި މަރަށް ތެޅިތެޅި އޮންނަން ވީއެވެ. އާސަންދަ އެޕްރޫވް ވާއިރު ޑޮކްޓަރއަށް ދެއްކުން ނުވަތަ ޕްރޮސީޖަރތަކުގެ ޝެޑިއުލުން ކަޓާ ފަރުވާނުލިބި އެތައް ވަގުތެއް ބޭކާރުވެގެން ދެއެވެ.
އާސަންދަ ހަމަޖެހެންދެން މަޑުކުރަން ޖެހުމުން ސާޖަރީތަކާއި އެމްއާރުއައި ފަދަ ބޮޑެތި ޓެސްޓްތައް ޝެޑިއުލުން ކަޓައެވެ. ސާޖަރީތަކާއި ޓެސްޓްތަކާއި ޕްރޮސީޖާރތައް ހެދޭލެއް ލަސްވުމުން ބަލިމީހާގެ ނުރައްކަލަށް ހުށަހެޅެއެވެ. އެތައް ވަގުތަކާއި ހަރަދެއް ބަލިމީހާއަށް އިތުރަށް ހިނގައެވެ. ކޮންމެ ބައްޔަކާ ގުޅިގެން އާއްމުކޮށް ހަދަންޖެހޭނެ ޓެސްޓްތަކާއި ޕްރޮސީޖަރތަކާއި ސާޖަރީތަކުގެ މައުލޫމާތު އާސަންދައިގައި ހުންނާނެއެވެ. އެކަންކަމަށް ހިނގާނެ ހަރަދުގެ ތަފްސީލްތައްވެސް އެނގޭނެއެވެ.
ކޮންމެ ކަމަކަށް ވަކީން ހުއްދަ ހޯދަންޖެހޭ ގޮތަށް އޮތުމުގެ ބަދަލުގައި ފަރުވާ ކުރެވޭވަރުގެ މިންވަރެއް ކޮންމެ ބަލި މީހަކަށް ވެސް އާސަންދައިން ކަނޑަނޭޅެންވީ ސަބަބެއް ނެތެވެ. އިތުރު ހުއްދައެއް ހޯދަންޖެހޭނީ ލިމިޓުން ބޭރުން ހަރަދެއް ކުރަންޖެހޭ ހާލަތެއްގައި ކަމަށްވުމަކީ ވަގުތާއި ފައިސާ އިސްރާފުކުރުން ކުޑަކުރެވޭނެ ކަމެކެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ ވަކީން އިސް އެއްވެސް ކަމެއް ދައުލަތަކަށް ނުއޮންނާނެއެވެ.
ބަލިމީހަކަށް އައިވީ ދޭހެން ތިއްކަކުން ތިއްކަކުން އާސަންދަ ދިނުމަކީ ސަލާން ޖަހަން ޖެއްސުމެވެ. މަނަވަރު ހޯދައިގެން އަގުބޮޑު ހަތިޔާރު ގަތުމުގައި މުއިއްޒު ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ދާއިރު އާސަންދައަށް އާދޭސް ކޮށްލަކޮށްލާ ރާއްޖޭން ބޭރުގައި އެތައް ދިވެހިން މިއަދުވެސް އެތިބީ މަރަށް ތެޅިތެޅިއެވެ.