މިފަހަރު ފަގުޑިއެޅި އަލައްބާރެއް | ދެން އަންނާނީ އިލޫމިނާޓީ ސައިތާނެއް
ރިއަލް އެސްޓޭޓް ބިލުފާސްކުރާ މެންބަރުންނަށް މައާފެއް ނުކުރާނެ
ރިސޯޓް ހެދުމަށް 99 އަހަރަށް ބޭރު މީހުނަށް ރާއްޖޭން ބިން ކުއްޔަށް ދެވޭ ދިނުމާ "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލްއަށް ރަސްމާލެ ދިނުމާ އެއްގޮތެއް ނުކުރެވޭނެއެވެ. ނިމުމެއްނެތް 99 އަހަރަށް ރަސްމާލޭން 500 ހެކްޓަރ އީގަލްސް ހިލްސްއަށް ދިނުމުގެ ފަހަތުގައި އަޑިނޭނގޭ ބޮޑެތި ޖަރީމާތަކެއް ހިމެނޭ ކަމީ ޝައްކެއް ނެތްކަމެކެވެ. ގިނަ ބައެއްގެ ނުރުހުން އިންތިހާއަށް އޮތްކަން އެނގިތިބެ ރަސްމާލޭން ބައެއް ދޭ ދިނުމުންވެސް ކަމުގައި ނާޖާއިޒު ކަންތައްތަކެއް ހިމެނޭކަން ކަށަވަރުވެއެވެ.
ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައި ވަނިކޮށް އެ ހިމާޔަތް ފަހަނައަޅައި ގޮސް "ސަރެންޑާ އެންޑް ރީ-ގްރާންޓް" މޮޑެލް މެދުވެރިކޮށް ތާއަބަދަށް ލީސް އާވާ ގޮތަށް ހަދަން މަޖިލީހަށް ހުށަހެޅި ބިލުން އެކަނިވެސް ބަޔަކު ގައުމަށް ގައްދާރުވެ ހިޔާނާތްތެރި ވެއްޖެކަން ސާބިތުވެއެވެ. ހުށަހަޅާފައިވާ ބިލުގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ހާއްސަ ޒޯނުގައިވާ އެޕާޓްމަންޓްތަކާއި ޕްރަޕަޓީތަކުގެ ލީސްހޯލްޑް ބޭރު މީހުންނަށް 99 އަހަރަށް ވިއްކޭނެ ކަމަށެވެ. ބޭރު މީހަކު މާސްޓާ ޑިވެލޮޕަރުގެ އަތުން ތަނެއް ގަތުމުން، ލިބެނީ މާސްޓަރ ޑިވްލޮޕަރަށް އޮތް ލީސްގެ ބާކީ މުއްދަތެއް ނޫނެވެ. ގަތް ފަރާތަށް ސީދާ އާ 99 އަހަރުގެ ލީސްއެއް އޮތޯރިޓީން ދޫކުރަން ޖެހެއެވެ. މިކަމުގައި ހުދޫދެއް ނެތެވެ. މާސްޓާ ޑިވްލޮޕަރުގެ މުއްދަތު ހަމަވިޔަސް އެ ގޮތަށް ދޫކުރާ ލީސް ދެމިއޮވެއެވެ.
އަނެއްކޮޅުން މި މޮޑެލްގެ ދަށުން ޕްރަޕަޓީ ގަންނަ ބޭރު މީހުންނަށް އެ ޕްރަޕަޓީ އެހެން ފަރާތްތަކަށް އަލުން ވިއްކުމާއި، ބޭންކުތަކަށް ރަހުނު ކުރުމުގެ ފުރިހަމަ އިހުތިޔާރު ލިބިގެންދެއެވެ. މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވާހެން މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކު ކުރެވޭނެ ގޮތް ހެދުމަށް ގެނައި އިންތިޒާމެކެވެ.
މަޖިލީހަށް ހުށަހެޅިފައި އެ އޮތް ރިއަލް އެސްޓޭޓް ބިލް އެގޮތަށް ފާސްވެއްޖެނަމަ ހަމައެކަނި އަލައްބާރަށް ރަސްމާލެ ލިބޭނީއެއް ނޫނެވެ. އެކަހަލަ އެތައް ޖައްބާރަކަށް ގައުމު ފޮތިފޮތިކގެން ގަނެލަން ދޮރު ހުޅުވާލެވެނީއެވެ. މިފަހަރުގެ ޖައްބާރު އައީ ޖުއްބާއާއި ފަގުޑިއެއްގައެވެ. ދެން އަންނާނީ ސީދާ އެލޫމިނާޓީ ޝައިތާނުން ނޫންކަމެއް ނޭގެއެވެ.
މިވަރުގެ ކަމެއް އެގޮތަށް ނިންމުމުގެ ބާރެއް ވެރިކަމުގެ މުއްދަތު އެންމެ ދެއަހަރަށް ވެފައިވާ މުއިއްޒަކަށް އަސްލުގައި ނުއޮންނާނެއެވެ. މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހަކަށްވެސް އެބާރެއް ނުއޮންނާނެއެވެ. އަލައްބާރު އަތުން ރިޝްވަތު ފައިސާ ނަގައިގެން މުއިއްޒު ހިތުހުރި ގޮތެއް ގައުމަށް ހަދަން ސިފައިންނާއި ފުލުހުންނާއި ރައްޔިތުން މުއިއްޒަށް ޗާންސް ދީގެން ތިބެން ހެޔޮނުވާނެއެވެ.
ދައުލަތުގެ ބާރު ނުހިނގާ އެހެން ދައުލަތެއް އުފައްދަން ވާގިދޭ އެންމެން ކަރުނައަޅާ ރޯންޖެހޭ ދުވަސް މާދުރެއްނޫނެވެ. މުއިއްޒު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަށް ވޯޓުދީގެން ފާސްކޮށް އަލައްބާރަށް 500 ހެކްޓަރ ދޭން ނިންމާ ކޮންމެ މެންބަރަކީ ގައުމުގެ ދުޝްމަނެކެވެ. ގައުމަށް ގައްދާރުވުމުގެ ހިތިރަހަ ދެކެން ޖެހޭނެ މީހެކެވެ. ދިވެހިން ދުވަހަކުވެސް އެމީހުނަށް މާފެއް ނުކުރާނެއެވެ.




