ޖަނާބަށް: ނިޔަތް ގޯހީ ކާކު!

މީހުންގެ އިސްލާމްކަމާ މެދު ސުވާލު އުފެއްދުމަކީ ފިތުނައެއް

ޖަނާބަށް: ނިޔަތް ގޯހީ ކާކު!

" މީހަކު ނުވަތަ ބަޔަކު އަލްހަމްދު ކިޔަން ބުންޔަސް އެކަމާ ދެކޮޅުހަދަންޖެހޭ " މިއީ ދިވެއްސަކު ބުނުން ރަގަޅު ވާހަކައެއް ނޫނެވެ. އެހެނީ ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާތީއެވެ. 

މިކަމުގެ ކޮންމެވެސްވަރެއްގެ ތަހުލީލެއްކޮށްލަންޖެހެއެވެ.

އަރަބި ގައުމުތަކުގައި އުޅޭ އެގައުމަށް ނިސްބަތްވާ މުސްލިމުނޫން އަރަބިން ވެސް ވަރަށް ގިނައިން އަލްހަމްދުލިއްލާހި ( އައްލޯހަށް ހަމްދުހުރި) އަރަބި ބަހުން މިއިބާރާތް ބުނެއުޅޭ، އެމީހުންގެ ތެރޭގައި އުޅޭ މުސްލިމުންވެސް އަރަބިން އެމީހުންނަށް ޖަވާބުދީ އުޅެއެވެ.

ސުވާލަކީ އެއްވެސް ދިވެހިރައްޔިތަކަށް ނިސްބަތްކޮށް މިފަދަވާހަކަ ބުނެވިދާނެހެއްޔެވެ. ކޮންމެދިވެއްސަކީ މުސްލިމެކެވެ. ދިވެހިންގެ މެދުގައި އޮތްއެކުވެރިކަމަށް ބުރޫއަރާފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ މުޅި މުޖްތަމަޢުއަށް އެކަމުގެ ނު ރަގަޅު އަސަރުކޮށް، ނުރައްކަލާއި ފިތުނަވެރިކަން އާއްމުވެދާނެކަމެކެވެ. މިއީ ނުރައްކާތެރި އަދި ބިރުވެރި ވާހަކައެކެވެ. 

މީހަކު ހެޔޮކަމެއްގެ ގޮތުގައި އައްލޯހަށް ހަމްދުކުރަން ބުނުމުން، އެކަމާ ދެކޮޅުހެދުމަކީ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫނެވެ.

(އައްލޯހަށް ހަމްދުހުރި) ކިޔުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއްއަސާސެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުއަތެއްގައި ސޫރަތުލް ފާތިހާ ކިޔެވުން ވާޖިބުވާއިރު، އޭގެ ފެށުމަކީވެސް ހަމްދުކުރުމެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން މުސްލިމަކަށްނޫނި ދިވެއްސަކަށް ނުވެވޭނެއެވެ. ރާއްޖޭގެ ސިޔާސި ޕާޓީތަކުގައި އިސްލާމްދީނާ ހިލާފު ކަންކަން ކުރާކަމުގައި ވާނަމަ، އެކަންކަމަކީ ތަހުގީގު ކުރަންޖެހޭނެ ކަމެކެވެ. އަދި އެޕާޓީއަކާމެދު ފިޔަވަޅު އެޅެންވެސް ޖެހެއެވެ. އެހެންނޫންނަމަ އެފަދަ ވާހަކަ ތަކަކީ މުޖްތަމަޢުގެ ފިތުނަ އުފެއްދުން ނޫންކަމުގައި ނުވާނެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިސްކިތް ތަކުގެ އިމާމުކަން ހަވާލުކުރަންޖެހޭނީ އެއިރެއްގައި ވެރިކަމުގައި އޮންނަސިޔާސީ ޕާޓީއަށް ނިސްބަތްވާ އިމާމުންނަށް އެކަނި ހެއްޔެވެ.

ސިޓީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި މިސްކިތްތައް ހުންނަންޖެހޭ ސަބަބަކީ ކޮބާ ތޯއެވެ.

މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކަފުޅަކީ އަދައިގެ ވާހަކައެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެ މެމްބަރު ތަމްސީލު ކުރަނީ ޖަމާއަތެކެވެ. އެއީމާނައެއް އެކުލެވިގެންދައްކަވާ ވާހަކައެއް ކަން ގަބޫލު ކުރަން ޖެހެއެވެ. އެއީ އެމީހަކު ގަބޫލު ކުރާގޮތް ނުވަތަ އެބަޔަކު ނުވަތަ ޖަމާއަތެއް ގަބޫލުކުރާގޮތް ހާމަކޮށްދިނުންކަމަށް ވިއަސްވެސް މެވެ.

ދެންއޮތީ އެވިދާޅުވާ "އެމީހުންނިޔަތް ގޯސްވާހައެކެވެ." މީހުންގެ ނިޔަތުގައިވާ ކަންކަން އެގުމަކީ އާއްމު އިންސާނަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އިންސާނުންގެ ކިބައިގައި އެ ގަާބިލު ކަމެއް ނުވެއެވެ. ހަގުރާމައެއްގައި ޝަހާދަތް ކީފަހުން ބޭކަލަކު މަރާލުމުގެ ހާދިސާގައި، މާތް ރަސޫލާއަރިހުގައި އެވާހަކަ ދެންނެވުމުން އުސާމާގެފާނާ މުހާތަބު ކުރައްވާ ރަސޫލާ ހަދީސް ކުރެއްވިއެވެ. ޝަހާދަތް ކީފަހުން މަރާލީ ކީއްވެގެންތޯއެވެ. އުސާމާ ވިދާޅުވީ އޭނާ ޝަހާދަތް ކިޔާފައިވަނީ ހަތިޔާރުދެކެ ބިރުން ކަމުގައެވެ. އެއީ މަރާލަފާނެތީ ބިރުންނެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "އޭނާގެ ހިތް ފަޅައި ބެއްލެވީމުތޯއެވެ؟ މާނައަކީ އިންސާނުންގެ ހިތްތަކުގައިވާ އެއްޗެއް ދެނެގަތުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫން ކަމެވެ. އެހެންކަމުން، މީހަކު ދުލުން ބުނާ ބަހަށް (ބޭރުފުށަށް) ބަލައިގެން ހުކުމް ކުރަންޖެހެއެވެ.

"އެދުވަހު އިސްލާމްވިނަމައޭ ހިތަށްއެރިއެވެ". 

އުސާމާގެފާނު މިހެން ވިދާޅުވީ، ރަސޫލާ ﷺ ކޯފާވިލެއް ބޮޑުކަމުންނާއި، ކުރެވުނު ކުށުގެ ބޮޑުކަމުންނެވެ. އިސްލާމްވާ ހިނދު، އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވިގެންދެއެވެ. އެހެންކަމުން، އެކަލޭގެފާނު އެދިވަޑައިގަތީ އެ ބޮޑު ފާފަ ފުހެވިގެންދާނެ ގޮތެއް މެދުވެރިވުމަށެވެ.

މިއަދު ސޯޝަލް މީޑިއާގައްޔާއި އާންމު ދިރިއުޅުމުގައި، މީހަކު ހެޔޮ ބަހެއް ބުނިކަމުގައި ވިޔަސް ނުވަތަ ރަނގަޅު ކަމެއް ކުރިކަމުގައި ވިޔަސް، "އޭނާ އެއުޅެނީ ދެއްކުންތެރިވާށެވެ" ނުވަތަ "އޭނާގެ މަގުސަދަކީ އެހެން ކަމެކެވެ" ބުނެ ނިޔަތާމެދު ސުވާލު އުފެއްދުން ވަނީ އާންމުވެފައެވެ.

އިޝާރާތްކުރެވުނު ހަދީސްފުޅުން އެނގެނީ މީހެއްގެ ހިތް ފަޅައި ބެލުމުގެ ބާރު ނުވަތަ ހިތުގައި ފޮރުވިފައިވާ ހަގީގަތެއް އެއްވެސް އިންސާނަކަށް ލިބިފައިވާ ބާރާއި ކުޅަދާނަ ކަމުގެ ތެރޭގައިނުވާކަމެވެ.

މީހުން ދީނުން ބޭރުކުރުން: މިއީ މިއަދުގެ އިސްލާމީ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ފިތުނައެވެ. އެކިއެކި ހިޔާލުތަފާތުވުންތަކާ ހުރެ، އެކަކު އަނެކަކު ދީނުން ބޭރުކުރުމާއި، މީހުންގެ އިސްލާމްކަމާ މެދު ސުވާލު އުފެއްދުން ވަނީ ގިނަވެފައެވެ. މީހުންގެލެޔާއި، އަބުރާއި، މުދާ ހުރުމަތްތެރިވެގެންވާކަން ހަދީސުން ސާބިތުވެއެވެ.

ބޭރުފުށުގެ ހުކުމް: އިސްލާމްދީނުގެ އަސާސަކީ މީހުންގެ ބޭރުފުށަށް ބަލައިގެން ހުކުމްކުރުމެވެ. އެމީހެއްގެ އެތެރެފުށް ބެއްލެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން ހިފެހެއްޓޭނީ މީހުންނާ މެދު ހެޔޮގޮތުގައި ދެކިގެންނެވެ.

ރައްޔިތުންގެމަޖުލީހުގައި ކަންހިގާ ގޮތަށްބަލައި ކުރުންލާޒިމުކަމަކީ މަޖުލީހުގެ މެމްބަރަކަށް ވުމަށް ޝަރުތުތަކެއް ކަޑައެޅުމެވެ. އެހެނީ މަޖްލީހުގައި ކުރެވޭކަމަކީ ކަންކަމަށް މަޝްވަރާކުރުމެވެ. ބަހުސް ކުރުމެވެ. މަޝްވަރާއަކީ މުޖްތަމައުގެ ކަންކަން ރަގަޅުކުރުމަށް ލަފަޔާއި ހިޔާލު ހޯދުމެވެ. ލަފާހޯދަންޖެހޭނީ އެކަމަށް ހޮވާލެވޭ ހާއްސަ ބޭފުޅުންކޮޅުންގެ މަޝްވަރާތަކާއި ބަހުސްތަކުގެ ނަތީޖާއިން އެބޭފުޅުންގެ ފަރާތުންނެވެ. އަދި އެބޭފުޅުންގެ މަޝްވަރާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، އެބޭފުޅުންގެ ކިބައިގައި އަސާސީ ޝަރުތަކެއް ފުރިހަމަވުން ލާޒިމުވެގެންވާކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބައެއް ޝަރުތުތަކަކީ:

  • ރިވެތި އަހުލާގު
  • ތެދުވެރިކަމާ ޢަދުލުވެރިކަމާ އަމާނާތްތެރި މީހަކަށްވުން.
  • އިލްމުވެރިކަން
  • ކަންކަމުގެ ހަގީގަތް ދެނެގަނެވޭނެ ފަދަ ތައުލީމާއި ހޭލުންތެރިކަން ހުރުން.
  • ބުއްދިވެރިކަމާއި ހިކުމަތްތެރިކަން
  • މަސްލަހަތު ރައްކާތެރިކޮށް، ރަނގަޅު ގޮތް ނިންމުމުގެ ގާބިލުކަން ހުރުން