ދުންފަތުގެ ސިޔާސަތު ކުރިން އޮތްގޮތަށް ބަދަލުކުރުން ނޫން ހައްލެއްނެތް

ދުންފަތުގެ ސިޔާސަތު ކުރިން އޮތްގޮތަށް ބަދަލުކުރުން ނޫން ހައްލެއްނެތް

ދުންފަތާ ރައްޔިތުން ދުރުކުރުމުގެ ނަމުގައި މުއިއްޒު އެޅި ފިޔަވަޅުންތަކުން އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބުންނޫން ކަމެއް ނުވެއެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އާދަޔާ ހިލާފަށް ބޮޑުކޮށްލުމުން 105 ރުފިޔާގައި ހުރި ސިނގިރެޓް ފޮށި 240ރ އަށް އަރައިގެން ދިޔައީއެވެ. ނަތީޖާއަކަށްވީ ގަނޫނާއި އެއްގޮތަށް ގަވައިދުން އިންޕޯޓް ޑިއުޓީއާއި ޓެކްސް ދައްކައިގެން ވިއްކާ ސިނގިރެޓް ވިކުން އިންތިހާއަށް ދަށްވުމެވެ. ސްމަގުލްކޮށްގެން ސިނގިރެޓް އެތެރެކޮށްގެން ވިއްކުމެވެ. 

ސިނގިރޭޓަކީ ރާއްޖޭގައި އެއްވެސް އިރަކު ސްމަގުލް ކުރެވުނު ބާވަތެއް ނޫނެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ދުންފަތުގެ ގާނުންނަށް ގެނުވި ބަދަލުތަކާއި ގުޅިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަގަށް ސިނގިރޭޓް އެތެރެ ކުރުން އާއްމުވީއެވެ. ސަރުކާރަށް ސިނގިރެޓުން ލިބުނު އާމްދަނީގެ (ގާތް ގަނޑަކަށް) 70 ޕަސެންޓް ނުލިބި ގެއްލުނީއެވެ. ދުންފަތުން ދައުލަތަށް ލިބުނު އާމްދަނީ ހުއްޓިގެންވެސް ބަޔަކު ދުންފަތާ ދުރުކުރެވުނު ނަމަވެސް ރަނގަޅެވެ. މަދު މީހަކު ނޫނީ އަގު ބޮޑުވެގެން ދުންފަތާކާ ދުރަކަށް ނުދެއެވެ. 

އާބާދީގެ އެތައް ހާސް ބަޔަކު ދެވި ހިފަާފައިވާ އެއްޗަކަށް ދުންފަތް ވާތީ ދުންފަތުގެ ވަގުވިޔަފާރި އިސާހިތަކު މުޅި ރާއްޖޭގައި މިވަނީ ފުޅާ ދާއިރާއެއްގައި ފެތުރިފައެވެ. ގަވައިދުން ޑިއުޓީއާއި ޓެކްސް ދައްކައިގެން އެތެރެކުރާ ސިނގިރެޓަށްވުރެ ޑިއުޓީއާއި ޓެކްސް ނުދައްކާ ވަގަށް އެތެރެކުރާ ސިނގިރެޓް 1/2 އަށް ވުރެ ހެޔޮއަގުގައި ވިއްކައިގެންވެސް ވިއްކާ މީހުންނަށާއި ގަންނަ މީހުނަށް މާލީ ގޮތުން ވާފައިދާ މާ ބޮޑެވެ. އެހެންކަމުން ސިނގިރޭޓް ސްމަގުލް ކުރުމަކީ ނުހުއްޓުވޭ ވަރަށް ކުއްލިއަކަށް ފުޅާވެގެން ދިޔަ ވަގު ވިޔަފާރިއެކެވެ. 

ދުރު ވިސްނުމެއްނެތި ޖަޒްބާތުގައި ރައީސް މުއިއްޒު ކުރިކަމަކުން ހުއްޓިގެން ދިޔައީ ސަރުކާރަށް ލިބިލިބި ހުރި ބޮޑު ޢަމްދަނީއެއް އެކަންޏެއް ނޫނެވެ. ކަސްޓަމްގައި މަސައްކަތް ކުރާތާ އެތައް އަހަރެއްވީ އެތައް ބަޔަކު ސިނގިރޭޓްގެ ވަގު ވިޔަފާރީގެ ތެރެއަށް ވަދެ ލާމެހުނީއެވެ. ރާއްޖޭގެ ބޮޑެތި އެތައް ވިޔަފާރިއެއް ވަގުވިޔަފާރިއަށް ވެއްދީއެވެ. ސިނގިރޭޓްގެ އެކިވަރުގެ ވައްކަން އާއްމުވެ އެތައް ބަޔަކު ބޮޑެތިބޮޑެތި އަދަބުތަކަށް ހުށަހެޅުނީއެވެ. ގާނޫނު ތަންފީޒުކުރާ އިދާރަތަކާއި ކޯޓްތަކުގައި ސްމަގްލް ކޭސްތައް ތޮއްޖެހި ދައުލަތުގެ އެތައް ހަކަތައެއް އެކަމަށް ހުސްކުރަންޖެހި އެތައް މުއައްޒަފަކު ކޮރަޕްޝަނަށް ވަނުމުގެ ދޮރަކަށް މުއިއްޒު މިވަނީ ސިނގިރޭޓް ހަދާފައެވެ، 

ކުރިން އޮތް ގޮތަށް ދުންފަތާއި ގުޅޭ ސިޔާސަތުތައް ބަދަލުނުކޮށް ކިތަންމެ ބަޔަކު ހައްޔަރުކޮށް ކިތަންމެ ބޮޑެތި އަދަދުތައް ދައްކަން ހުކުމް ކުރިޔަސް ލިބޭނެ އެއްޗެއް ވާނެ ފައިދާއެއް ނުއޮންނާނެއެވެ. ޑިއުޓީއާއި ޓެކްސްގެ ގޮތުގައި އެކަށޭނަ އާމްދަނީއެއް ސަރުކާރަށް ދުންފަތުން ނުލިބޭތާ ދުންފަތުގެ ގާނޫން ތަންފީޒު ކުރުމަށް އެތައް މިލިޔަން ހަރަދުކުރަން މަޖުބޫރުވީއެވެ. ދުންފަތުގެ ގާނޫނާއި ހިލާފްވެގެން އެކިވަރުގެ އެތައް ވިޔަފާރިއަކާއި ވިޔަފާރިވެރިން ހަލާކުވެ ހީނުކުރާވަރުގެ ކާރިސާއެއް ދުންފަތާހެދި ރާއްޖެއަށް ކުރިމަތިވެދާނެއެވެ. އެެންކަމުން ދުންފަތުގެ ސިޔާސަތު އިހު އޮތްގޮތަށް ބަދަލުކުރުން ނޫން އެހެން ހައްލެއް ދުންފަތަކަށް ނެތެވެ.