ވަގުވިޔަފާރިއަށް ކަސްޓަމް ދޮރުތަކުގެ ތަންޑު ނައްޓާލުން
ބޯޓުން ބާލައިގެންނަ ގޮތަށް ކޮންޓޭނަރު އަމިއްލަ ސައިޓްތަކަށް
ހަމަ ރަގަޅަށްވެސް ހަތަރެސްކަން ހަމަވީއެވެ. ވަގުވިޔަފާރީގެ މައި ހަބަކަށް ރާއްޖެ ބަދަލުކޮށްލަން އެންމެ ފަހުން ނުކޮށް އޮތް ކަންތައް ވެސް ކުރަން ނިންމީއެވެ. ބޮޑެތި ވިޔަފާރިވެރިން ގެންނަ މުދާ ކޮންޓޭނަރުތައް ކްލިއަރ ނުކޮށް މުދަލުގެ ވެރިފަރާތުގެ ސައިޓުތަކަށް ގެންދާ ގޮތަށް ނިންމީއެވެ. ބޯޑާ ސެކިއުރިޓީ ފޫދުއްވާލަނީއެވެ.
ރާއްޖެއަށް އެތެރެކުރާ މުދާ ކޮންޓޭނަރުތައް ކްލިއަރ ކުރުމަކީ އެބައެއްގެ ސައިޓަކަށް ގެންގޮސްގެން ކުރާ ކަމަކަށް ބަދަލު ކޮށްލަނީއެވެ. މުދާ ކްލިއަރ ކުރަން ކަސްޓަމު އޮފިސަރު ދާން ޖެހެނީ މުދަލުގެ ވެރިފަރާތުގެ ސައިޓަށެވެ. ކަސްޓަމް އޮފިސަރު މުދާ ކްލިއަރ ކުރަން މުދާހުރި ސައިޓަށް ދާން ޖެހެނީ މުދަލު ވެރިފަރާތުން މީހުނަށް ވަގުތުވެގެން އަންނަން ބުނީމައެވެ.
އެތެރެކުރާ މުދާ ކޮންޓޭނަރުތައް އަމިއްލަ ސައިޓްތަކަށް ދޫކޮށްލުމުގެ ބަހަނާ އަކަށް ދައްކަނީ ޕޯރޓް ތަކުގައި ތަން ނެތުމެވެ. ކުލިއަރ ކުރަން ލަސްވުމާއި ޑެމަރޭޖު އެރުމުގެ ބަހަނާއެވެ. ކަމެއް ނުކުރާން ވީމާ ދައްކާނެ ބައިވަރު ހަމަ ހުންނާނެއެވެ. އެތެރެކުރާ ގޮތަށް އެ މީހަކު ޖެހުނު ތާކުން ޖެހުނު ގޮތަކަށް ގެންދަން ދޫކޮށްލީމާ ތަން ނެތުމާ ޑެމަރޭޖްގެ ބަހަނާއެއް ނުއޮންނާނެއެވެ. އޭރަކުން އަދާކުރަންޖެހޭ ޒިންމާއެއް ސަރުކާރަކަށް ނުއޮންނާނެ ނޫން ހެއްޔެވެ. ދައުލަތެއް އޮތުމުގެ ބޭނުން ނެތަސް ވަރިހަމަތާއެވެ.
އެތެރެ ވުމުން ކޮންޓެއިނަރު އަމިއްލަ ސައިޓް ތަކަށް ދޫކޮށްލަނީ ކަސްޓަމުން ކޮންޓޭނަރުގައި ތަޅެއް އަޅުވާފައި ކަމަށްވެއެވެ. އެ ތަޅުގެ ޑަބަލް ތަޅުދަނޑި އޮންނާނީ ކޮންތާކު ކިހާވަރަކަށް ރައްކާތެރި ކުރެވިފައި ކަމެއް ނޭގެއެވެ. ކޮންޓޭނަރު ސައިޓަށް ގެންގޮސް އަޅާނެ އެއްޗެއް އަޅާ ނަގާނެ އެއްޗެއް ނަގާ ހެދުމަށްފަހު ރަގަޅަށް ކްލިއަރ ކޮށްލެވޭ ވަރަށް ތައްޔާރުކޮށްލާފައި ކަސްޓަމަށް ގުޅާ ކަސްޓަމު އޮފިސަރަކު ގެންގޮސްގެން ކޮންޓޭނަރ ކްލިއަރ ކޮށްލީމާ ކިހާ ހިތްގައިމު ވާނެހެއްޔެވެ. އެތެރެ ކުރުން މަނާ އެއްޗެއް އެކޮންޓޭނަރަކުން ނުފެންނާނެއެވެ. އެންމެން ނުކުރިޔަސް މިއްޔަކީ އެކަން ކަން ނުހިނގާނެ ގޮތް ގޮތެއް ނޫނެވެ.
މި އުޅެނީ އެމްޕީއެލް ސަރަހައްދުގައި އެންމެންގެ ކުރިމަތީގައި މުދާ ކްލިއަރ ކުރާއިރުވެސް ކުރާ ވައްކަމުން ތަންދޮރު ނޭނގިގެނެވެ. މަސްތުވާ ތަކެއްޗާއި ރަލާ ހުއްދަ ނޫން އެތައް ބާވަތެއް އެތެރެ ކުރާތީ އޮބި ނޯވެގެންނެވެ. އާގު ބޯޓުފަހަރަށް ފޮނުވާ ކަސްޓަމު އޮފިސަރުންނާ ގުޅިގެން ބޯޓުފަހަރުން ގަވައިދާ ހިލާފަށް މުދާ ބާލާތީ ކެތް ނުވެގެންނެވެ. ބޯޓުން ބާލައިގެން ގެންނަ ގޮތަށް ކޮންޓޭނަރު އަމިއްލަ ސައިޓް ތަކަށް ފޮނުވާފައި ފަސޭހަ ގަޑިއެއްގައި ކްލިއަރ ކޮށްލާ ގޮތަށް ހަމަ ޖެހުނީމާ އޮބި ނޯންނާނެއެވެ. ޑްރަގާ ރަލާއި ހަތިޔާރަށް ދަންދެން ހުންނަތަން ފެންނާނީ ފައްލައު ކޮށްފައެވެ.
ވަގުވިޔަފާރީގެ ހުރިހާ ރުކުނެއް ބަރާބަރަށް އޭރުން ދިވެހީންގެރާއްޖޭގައި ހުންނާނީ ފުރިހަމަ ވެފައެވެ. ރަލާ މަސްތުވާ އެއްޗިއްސާއި ވަގު ޑޮލަރާއި ހަށިވިއްކުމުގައި އިންސާނީ ވަގުފާރީގެ ތެރެއިން ރާއްޖެއަށް އެތެރެވެގެން އުޅޭހާ ބަންގާޅީން ކުރިމައްޗަށްނެރެ ބޭތިއްބީމާ ލަވަ ކިޔާލާފައި އުޅޭނެއެވެ. ގޭންގް ސްޓަރުންނާއި މަހުޖަނުންގެ ކޮށާރުތައް ފައިސާގެ ބަންޑެލި ތަކުން ފުރެ ބާރުވާނެއެވެ. ކޮންމެ ގޭންގެއްގައި އެންމެ މިޒަމާނުގެ ހަތިޔާރު ހުންނާނެއެވެ. ހަގީގީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ލިބޭނެއެވެ.