ހަސަންކުރުސީ ނެތްނަމަ ދޮންކަޅު ނޭނގޭނެ!

ހަސަންކުރުސީ ނެތްނަމަ ދޮންކަޅު ނޭނގޭނެ!

ރާއްޖޭގައި އިންސާފަކީ މިހާރު މުއިއްޒާއި މުއިއްޒުގެ އައުވާނުންނަށް ނޫނީ ނުލިބޭއެއްޗެކެވެ. މުއިއްޒު ސަރުކާރުގެ ބޮޑުންނާ ގުޅުން އޮތް ކޮންމެ މައްސަލައެއްގެ ތަހުގީގު ހިންގަނީ އެކަމަކުން އެމީހުން ބަރީއަކުރާ ގޮތަށެވެ. ނަތީޖާއެއް ނުލިބުނަސް ކަންކަން ހިނގާގޮތުގެ ހަގީގަތް ގިނަ ފަހަރަށް ތިލަވަނީ ވިސްލްބްލޯވަރ އެކައުންޓެއް ހަސަންކުރުސީގެ ނަމުގައި ހިންގާކަމުންނެވެ. 

ދޮންއަމައަށް އެވޯޑް ދީގެން މީޑިއާ ކައުންސިލް ނޮޅާކަށިކާން ނުކުރާކަމެއްނެތެވެ. ބުޅަލު ބުޑުގައި އުނބުން ޖެހީމާ ވާހެންވެގެން އޭސީސީ ދުވެ ގޮސްއޮތީ މީޑިއާ ކައުންސިލްގައެވެ. ދޮންއަމާ އެވޯޑާހެދި މުޅިގައުމު ހުއްޓުނެވެ. އެންމެފަހުން ކޮޅެއްގައި ނުޖެހި ބޮކިޖަހާ އަޑިއަށް ދިޔައީ ކަމެއް ވީހެންވެސް ހީނުވެއެވެ. 

މާލޭ ކަސްޓަމް ސަރަހައްދުގެ އިމާރާތެއްގެ ބެލްކަނީން ވެއްޓި ކުއްޖަކު މަރުވެ ޕޯސްމޯޓަމެއް ނުހަދާ ތަހުގީގެއް ނުކޮށް ފުރަމެންދަމު ވަގުވަގަށް ވަޅުލާ ނިންމާލި މައްސަލައެއް ފެންމަތި ވުމުން ވީގޮތް ހަދާންކޮށްލާށެވެ. ޗެނަލް ތޭރައިން ގެނަސްދިން "ބެލްކަނި" ވީޑިއޯ ރިޕޯޓުން ސަރުކާރު ހޫނު ފެނަށް ވެއްޓި ދިފާއަށް ކުޅެން ހަދައިގެން ފުލުހުން އަމިއްލައަށް ބަރަހަނާވެ ކޮޅެއްގައި ނުޖެހި އަޑުކެނޑިގެން ދިޔައީއެވެ.   

ފަހަކަށް އައިސް ރާއްޖޭގައި ހިންގި އެންމެ ބޮޑުކުށެއް ކަމަށް ވެފާއޮތީ މުއިއްޒުގެ ދަރިއަކު ވޭޕް ބޯވާހަކަ ބުނުމެވެ. މުޅި ސަރުކާރު އެއްކޮށް ނިކުމެ އެވާހަކަ ދެއްކި މީހުން ކުށްވެރިކޮށް މަސައްލަ ބަލަން ނުކުރާކަމެއް ނެތެވެ. ނުކުރާ ރިޕޯޓަކަށް ނުދައްކާ ވާހަކައަކަށް ބަރަހަނާ ކޮށްގެން ތަހުގީގު ހިންގަން ތިބީ ފޫގަޅާފައެވެ. 

މުއިއްޒުގެ ގާއިމު މަގާމުގެ އަންހެނުންނަށް ސްޓޭޓް މިނިސްޓަރުކަން ދީގެން ގެންގުޅެފައި އެކަނބުލޯގެ ފުށުން ނެގުނުހާ ފައިދާއެއް ނަގާފައި ގާތްވަން ސިހުރު ހެދިކަމަށް ހަދައިގެން އުޅުނުއިރު ހީވީ މެޑަމް ސާޖިދާގެ އެނދުދާންމަތުކޮޅު ޝަމްނާޒު ސިއްރުން ދަމައިގަނެގެން އުޅުނު ހެންނެވެ. މައްސަލަ ޖެއްސި މީހަކުނެތި ފުލުހުން ނިކުމެ ޝަމްނާޒްގެ ގެދޮރު ފާސްކޮށް ޖަލަށްލާ ޅަދަރިއަށް ކިރުވެސް ދިނަނުދީ އުޅުނުއިރު ހީވީ ޝަމްނާޒަށް ދިހަބާރަ އަހަރުގެ ހުކުމެއް ނައިސް ނުދާވަރުގެ ހެއްކާ ގަރިނާ ހުރެގެން އުޅުނު ހެންނެވެ. އެންމެ ފަހުން ސާބިތުވި ކުށެއްނެތި އެފަކީރު ގަންހިންގާ ކޮއްކޮއާއިއެކު އަބުރު ކަތިލާ ނިންމާލީއެވެ. 

ގުންފައި ޖަހާފައި އެޗްޑީސީއަށް ފުލުހުން ވަދެ އަވަސް ތަހުގީގެއް ފަށާ އެތައް ސަތޭކަ މިލިޔަނުގެ ކޮރަޕްޝަން ފަޅާއަރުވާލިއެވެ. އެޗްޑީސީ ބޯޑް ސަސްޕެންޑްކޮށް އެ އެންމެންގެ ޕާސްޕޯޓް ހިފަހައްޓާ ކޮރަޕްޝަނާ ދެކޮޅަށް މުއިއްޒު މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާތަން ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. މުއިއްޒު ސަރުކާރުގައި މިނިސްޓަރ ފެންވަރުގެ އެމްޑީކަމުގައި ހުރި މިތުރު ފަޒުލްގެ ދުވަސް ދިޔައީ ކަމަށް ހީކޮށްގެން ތިއްބާ އެޗްޑީސީގެ ބޮޑު ކޮރަޕްޝަން ވެގެން ދިޔައީ ޖަމަލު ފޮޑިއަކަށެވެ.  

ވަރަށް ބޮޑު ތެދެކެވެ. ސޯޝަލް މީޑިއާގައި ހަސަންކުރުސީ ކިޔާ އެކައުންޓް ނެތްނަމަ އިހަށްރޭ ފުރާޅުމައްޗަށް ވެއްޓުނު ކުއްޖާގެ މައްސަލަވެސް ދާނީ  ވަޅުޖެހިގެންނެވެ. ޓްރާންސްޕޯޓް މިނިސްޓަރ އަމީނުގެ އާއިލީ މަސްލަހަތާއި ރައީސް އޮފީހުގެ އިސް މުއައްޒަފުން ތަކަކާއި ގުޅިފައިވާ ޕާޓީކުރުމެއްގެ އަޑިއަށް ފުލުހުންނަށް ފީނޭނެ ގޮތެއް ނުއޮންނާނެއެވެ. ކިތަންމެ ބަރަހަނާކޮށް އުރަމައްޗެއްގައި ބޮސްދޭތަން ހާމަޔަށް ފެނުނަސް ފުލުހުންގެ ލޮލަކަށް އެމަންޒަރެއް ނުފެންނާނެއެވެ.