ފެނަކަ އޯޑިޓް ރިޕޯޓް: 3 އޮކްޓޯބަރ މުޒާހަރާ ހުއްޓުވަން ނެރުނު ޓައިމްބޮމް

ރައީސް މުއިއްޒާއި ޕީއެންސީ އެދޭގޮތަށް ނެރެދޭ އޯޑީޓް ރިޕޯޓަކުން މުއިއްޒު ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާއަށް މީހުން ނުނިކުންނާނެ ކަމަށް ހީ ނުކުރާށެވެ. ދަނޑިވަޅު ބަލާފައި ޒާތްޒާތުގެ އޯދިޓް ރިޕޯޓް ނެރުވުމަކީ ދިވެހިންނަށް އައުކަމެއް ނޫނެވެ.
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިން ދިނުން ގޯހަކަށް ހަދަން ވެސް އެ ކަހަލަ އޯޑިޓް ރިޕޯޓެއް މުއިއްޒު ވަނީ ނެރުވާފައެވެ. މާލޭ މީހުނަށް މަލެ ސަރަހައްދުން ގޯތިދިނުމުން އެތައް މިލިޔަން ރުފިޔާގެ ގެއްލުން އެޗްޑީސީއަށް ލިބުނުކަމަށް ބުނެ ނެރުނު އޯޑިޓް ރިޕޯޓު ނެރުމުން ގޯތި ނުދީ ވާނެ ގޮތެއް މުއިއްޒަށް ހެދުނު ހެއްޔެވެ.
ފެނަކައިގެ އޯޑިޓް ރިޕޯޓަކީ ވެސް އެއްފަރާތަށް ބުރަވެ އިންސާފުން ބޭރުން ނެރެފައިވާ ރިޕޯޓެކެވެ. ފެނަކައިގެ އޯޑިޓް ރިޕޯޓެއް މި ދަނޑިވަޅު ނެރުމުގެ ހަމަ އެކަނި ބޭނުމަކީ ލޫޓުވާ ލުމާ ދެކޮޅަށް ބާއްވަން އުޅޭ މުޒާހަރާ ފޭލި ކޮށްލުމެވެ. ހަމަ ހިލާ އެހެނެނަކުން ނުވާނެއެވެ.
އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫއުތައް ހަވާލުކޮށްގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކޮށްފައި ހުރި ކަންކަމެއް އޮޑިޓަރ ޖެނެރަލަކަށް ނުފެނެއެވެ. ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެ ފިތުނަވެރި ވާހަކައެއް ފަޅާލިއިރު ރާއްޖޭގެ ސަތޭކަ އެތައް ރަށެއްގައި ކޭބަލް ނެޓްވޯކް އަޅާ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ފެންވަރަކަށް ބަދަލުކޮށްފައި އޮތްކަމެއް އޮޑިޓަރ ޖެނެރަލަކަށް ނޭނގެއެވެ.
އޮޑިޓަރ ޖެނެރަލްގެ ބުއްދި ސަލާމަތުން ހުރި ނަމަ 552 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަލަށް ގެނައިހާ ޖަނަރޭޓަރ ސެޓް ނުފެނިއެއް ނުހުންނާނެއެވެ. ޓްރަންސްފޯމަރ ގަތުމަށް 396 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ބުނާއިރު އެ ފައިސާ އާއި ވަރުންއެޅޭ ވަރަށް ރަށް ރަށުގައި ޓްރާންސްފޯމަރު ބަހައްޓައިގެން ބޭނުން ކުރާކަން އޮޑިޓަރ ޖެނެރަލަށް ނޭނގުނުކަމީ މޫސުމަށް ފޮޅޭ މަލެއްހެން ނެރެނު އޯޑިޓް ރިޕޯޓެއްކަން ސާބިތުވާ ކަމެކެވެ.
496 މިލިއަން ރުފިޔާ ހޭދަކޮށްގެން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ހިންގީ ނަމެއްގައި ކުރިކަމެއް ނޫންކަން ރައީސް މުއިއްޒު ރަށް ރަށަށް ކުރައްވާ ދަތުރުތަކުގައި ރިބަންކަނޑާ ފެނާއި ނަރުދާމާގެ މަޝްރޫއުތަކުން އެގެން އެހުރީއެވެ. 17 ނޮވެންބަރ 2018 އިން 16 ނޮވެންބަރ 2023އަށް ފެނަކައަށް ހިނގާފައިވާ ހުރިހާ ހަރަދަކީ މުއިއްޒުގެ ބޮޓުން ދެކޭ ގޮތުގައި މާލީ އަނިޔާއެވެ. އެހެން ކަމަށް ވަނަމަ ކޮންމެހެން އެންމެ 2.2 ބިލިޔަނެކޭ ކިޔާނެކަމެއް ނެތެވެ.
ރައްޔިތުން ލޭ ހޫނު ވާނެއޭ ހިތާ ލޫޓުވާލައިފި މުޒާހަރާއަށް ހުރަސް އެޅުމުގެ ބޭނުމުގައި ސިޔާސީ ހަސަދަވެރި އޯޑިޓް ރިޕޯޓެއް ނެރުމަކުން މުއިއްޒު ސަރުކާރަށް ރައްޔިތުން ކުރާ ނަފުރަތަކަށް ބަދަލެއް ނާންނާނެއެވެ. ބޭނުންވާ ގޮތަށް އޯޑީޓް ރިޕޯޓެއް ނެރުވައިގެން ބޮޓުން ލައްވާ ޒާތްޒާތަށް ހަބަރު ނުލިޔުއްވާ އިންސާފުވެރި އަދުލުވެރި ތަހުގީގެއްކޮށް އަޅަންޖެހޭ ފިޔަވަޅެއް އަލާބަލާށެވެ.