އުނބަށް ޖެއްސަސް ހިތި ކިހަވަކެއް ނުކެވޭނެ!

ސަރުކާރު ޖަވާބު ދާރީ ކުރުވަން ވާދަވެރި ވަރުގަދަ އިދިކޮޅު ޕާޓީއެއް އޮތުމުގެ ބޭނުން ބޮޑެވެ. ރާއްޖެއަށް އިދިކޮޅު ޕާޓީއެއްގެ ބޭނުން ކިތަންމެ ބޮޑަސް ނިޒާމުގެ ތެރެއިން މުއިއްޒު ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތަކީ ނެތް ގޮތެކެވެ. މުޅި ނިޒާމް މަސްހުނިކޮށް މުއިއްޒުގެ އަންބޮނޑިއަށް ޖަހާލާފައި އޮއްވާ ނިޒާމުގެ ތެޜޭން މުއިއްޒު ޖަވާބުދާރީ ކުރެވޭނެ އޮތް ހަމަ ގޮތަކީ ރައްޔިތުންގެ ބާރެވެ.
ވެރިކަން ރައްޔިތުންގެ ތެރެއިން ފެށިގެން އައިސް ވެރިކަން ކުރަނީ ރައްޔިތުންގެ މައްޗަށް ކަމަށް ވިޔަސް ވެރިކަން ހިންގަނީ ރައްޔިތުންގެ ތެރެއަކުން ނޫނެވެ. ދައުލަތުގެ ހުރިހާ ބާރަކާއި ފާރަވެރި މުއައްސަސާތައް ވެރިޔާގެ ފައިކޭޓްގައި އޮންނައިރެއްގައި އިދިކޮޅު ޕާޓީއެއް އޮތަސް ނެތަސް ވެރިން ހަދަނީ ހަދާނެ އެއްޗެކެވެ. ޖަވާބުދާރީ ކުރުވަން އިންސާފު ހޯދަންދާނެ ތަނެއް ނޯވެއެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް އިންސާފު ނުލިބުނު ގައުމެއްގައި އިންސާފުގެ ވާހަކަ ދެއްކުމުގެ މާނައެއްނެތެވެ. ވެރިމީހާ ބޭނުންވާހާ ގޮތަކަށް އައްޑަން ގަޑިއިރުން ގާނޫނު އަސާސީ ބަދަލުކޮށްލެވޭ ގައުމެއްގައި ގާނޫނީ ހުކޫމަތުގެ ވާހަކަ ދެއްކުމެއް ނެތެވެ. ނީލަމުގައި ވޯޓު ވިއްކާ ގައުމެއްގައި އިންތިހާބެއްގެ ބޭނުމެއް ނެތެވެ. ގެންގުޅޭ ހަމަޔާއި އުސޫލުތައް މުގުރާލާ ހީލަތާ މަކަރުން ވެރިކަން ހޯދަން ސިޔާސީ ޕާޓީ ހަރުގަނޑަކަށް ހަދާ ގައުމެއްގައި ޑިމޮކްރަސީއޭ ކިޔާނެކަމެއް ނެތެވެ.
ޕާޓީއަށް ވެރިކަން ލިބި އާރާ ބާރުގައި ތިބެ ގުޅިގެން ކަންކަން ރަނގަޅަށް ކުރަން ލިބުނު ފުރުސަތުގައި އެކަންނުކޮށް އަމިއްލަ އެދުމުގައި ބަޔަކު ނިކުތީ އެމްޑީޕީ ރޫޅާލާށެވެ. ރޫލާލަން ނިކުމެގެން ދިޔަބަޔަކު ރައީސް މުއިއްޒު ޖަވާބުދާރީ ކުރުމުގެ ނަމުގައި އެކުގައި ގުޅިގެން އަލުން މަސައްކަތް ކުރާ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. ބާރާއާރުގައި ތިބެ ގުޅިގެން އުޅެން ހަޖަމްނުވެ އިދިކޮޅަށްވުރެ އިދިކޮޅުވެގެން ވެރިކަން ގެއްލުވާލީއެވެ.
ވާނެހައެއްޗެއްވެ ގޮތް ހުސްވީމާ ސަރުކާރު ޖަވާބުދާރީ ކުރުވަން އުޅުނަސް ވާނެކަމެއް ނުއޮންނާނެއެވެ. ހެޔޮވެރިކަމެއް ކުރަން ލިބުނު ފުރުސަތު ގެއްލުވާލާފައި ބައިބޯކޮށްގެން އިދިކޮޅެއްގައި ތިބެގެން ކުރާނީ ކީއްހެއްޔެވެ. އެމްޑީޕީ އަނބުރާ ވެރިކަމަށް އަތުވެދާނެތީ ހުދު މުހުތާރު ވެރިއަކަށް މިނެއްނެތި ބާރުދިނުމުގައި އުޅުމަށްފަހު އެމްޑީޕީ ބާރުވެރި ކުރުމުގެ ހުވަފެން ދެއްކިޔަސް ބަލައެއް ނުގަނެވޭނެއެވެ. ވެރިކަމާއި މަޖިލިސް މުއިއްޒަށް ހޯދާދިނުމުގައި ނޮޅާކަށިކައިގެންތިބެ އެނބުރި އެމްޑީޕީއަށް އަޔަސް ބާރުގަދަ އިދިކޮޅަކަށް ވެގެން ކުރެވޭނެ ކަމެއް މިހާރަކުނެތެވެ. ފަހަރުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިދާނެކަމުގެ ހުވަފެން ބެލުންނޫންކަމެއް ވާނެއެކޭ ހިތެއް ނުބުނެއެވެ.
ރިޔާސީ އިންތިބާބަށް ދޮންކުރީމާ ވެރިކަން ހޯދުމުގެ ބޭނުމުގައި ނެގިގާގަނޑަށް ބޮލިއެރިޔަސް މޭކޮޅުގައި ކޮޅުފައިންޖަހާފައި ދިޔަދިޔުން ވަރަށް ގިނަބަޔަކަށް ވަނީ މާފު ނުކުރެވޭ ވަރުގެ އަނިޔާއަކަށް ވެފައެވެ. އުނބަށް ޖެއްސަސް އެކަކަށްވެސް ހިތި ކިހަވަކެއް ނުކެވޭނެއެވެ.