ކައުންސިލް އިންތިހާބާއެކު އުމަރުސުންބުލި މުއިއްޒު އަތަށް!

ކައުންސިލް އިންތިހާބާއެކު އުމަރުސުންބުލި މުއިއްޒު އަތަށް!

ހައިރާންވެ އަންތަރީސް ވާހާވެއެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ދުއްވާލީ އެމްޑީޕީ މެޖޯރިޓީ މަޖިލިހުން ފާސްކޮށްދިން 49.5 ބިލިޔަން ރުފިޔާގެ ބަޖެޓް އޮތްގޮތުން ރައްޔިތުންނަށް ކަމެއް ނުކޮށްދެވިގެން އުޅޭ ކަމުގެ ބަހަނާައެވެ. އެމްޑީޕީ މެޖޯރިޓީ މަޖިލިހުން ފާސްކޮށްދިން 49.5 ބިލިޔަން ރުފިޔާގެ ބަޖެޓަކީ އެހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރަކަށް ލިބުނު އެންމެ ބޮޑު ބަޖެޓެވެ. އެބަޖެޓުން ނުވެގެން އިތުރު ސަޕްލިމެންޓްރީ ބަޖެޓަކާއެކު 2024 ވަނައަހަރު ދައުލަތް ހިންގަން 55 ބިލިޔަން ރުފިޔާގެ ބަޖެޓެއް މުއިއްޒަށް ލިބުނެވެ. އެކަމަކު ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ. 

މުއިއްޒުގެ އަމިއްލަ ކޮންޓްރޯލް އޮތް މަޖިލީހުން 50 ބިލިޔަނުގެ ބަޖެޓެއް 2025 އަށް ފާސްކޮށްގެން ފުރަތަމަ ހަމަހަށް އެޅިއިރުވެސް ކަމަކަށްވާ ކަހަލަ ކަމެއް ކުރެވޭތީއެއް ނުފެނެއެވެ. ޖީއެސްޓީ ކުޑަކުރުމަށާއި ކޮތަޅު ޓެކްސް ކަނޑާލަން ވައުދުވެގެން ވެރިކަމަށް އަރާ ޖީއެސްޓީއާއި ޕްރޮފިޓް ޓެކްސްއާއި ގްރީން ޓެކްސް ކުރީ ބޮޑެވެ. ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީ ބޮޑުކުރީ އިންތިހާއަށެވެ. ދުންފަތުގެ ޑިއުޓީ ކުރީ ބޮޑެވެ. އެކިނަން ނަމުގައި ނަގާ ފީތަކާއި ހިދުމަތުގެ އަގު ކުރަނީ ބޮޑެވެ. ކޮތަޅުޓެކްސް ކަޑައެއް ނުލެވުނެވެ. 

އާސަންދައިގެ ހިދުމަތް ކުރީ ދައްޗެވެ. ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރ މާރުކުރަން ކުރީ މަޖުބޫރެވެ. ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގަމުން އައި އަސާސީ ހިދުމަތް ގާއިމުކުރުމުގެ ހުރިހާ ޕްރޮޖެކްޓެއްހެން ހުރީ ހުއްޓިފައެވެ. ކަމެއްނެތް ނަމެއްގައި ބައިތިއްބައިގެން ދައުލަތުގެ ޢާމްދަނީން މުސާރަދޭ މީހުން ކުރަނީ އިތުރެވެ. މުޅި ދައުލަތުގެ ރިކަރެންޓް ހަރަދު ބަޖެޓައް ފުރޮއްޕާކަށް ނެތެވެ. ވެރިންގެ ދަތުރުތަކާއި ޝާހީ ހާންދާނަށް ބޮޑެތި ހޭދަކުރުމާއި ޑްރޯން ގަތުމާއި ހަތިޔާރު ގަތުމާއި ކާރުކޮޅުތައް ގަތުމާއި ދީނީ ބޮކިފަތި ގަތުމާއި މައުރުޒާއި ބޮޑެތި ޕީއާރު އިވެންޓް ބޭއްވުމަށް ހަރަދުކުރުމާއި ގައުމިއްޔަތު ދިރުވުމުގެ ނަމުގައި ނުފޯރާފޮތިން ފޫގެޅުން ފަދަ އިސްރާފްކުރުން ނޫން ކަމެއް ނުކުރެއެވެ. 

ހަރަދުތައް ފޫނުބެއްދިގެންނާއި ދަރަނި އަދާކުރަން ޓީބިލާއި ސްކޫކު ވިއްކުމާއި ބިންތައް ލާޖައްސާ އެކިގޮތްގޮތުން ފައިސާ ހޯދަން މަރުފަލިޖެހުން ނޫން ކަމެއްނެތެވެ. ބޭރުގެ ދަރަނި ބިލިޔަނުން މަތީން މިއަހަރުވެސް ދައްކަން ޖެހޭއިރު އަންނަ އަހަރު ދައްކަން އޮތް ދަރަނި ދެބިލޔަން ޑޮލަރާއި ކައިރިކުރެއެވެ. އިންޑިއާ ބޮޑުވަޒީރުގެ ފައިބުޑަށް ތިރިވެގެން ރޮއިހޭރި އާދޭސް ކުރީމާ ދަރަނި ދެއްކުން ކުޑަކޮށް ފަސްކޮށްލާ ދިނަސް ބޯހިކޭކަށް ނެތެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެއްޖެއެވެ. ކަރަންޓް ޓެރިފްކުޑަކޮށްލާ ހައްޖުވެރިންގެ ބޭސް ފަރުވާ ހިލޭކޮށްދީފިއެވެ. އާރުތީއެލް ބަހުގެ ދަތުރުތައް ހިލޭ ކޮށްދޭން ހަމަޖައްސަނީއެވެ. 18 އަހަރު ފުރިފައި ތިބި އެންމެނަށް މިއަހަރު ނިމޭއިރަށް ހިޔާވަހިކަން ކަށަވަރުކޮށްދޭން ބުނީ އުމަރު ސުންބުލި މުއިއްޒު އަތަށް އެރީހެއްޔެވެ. ފުރަތަމަ ޗައިނާ ދަތުރަށް ފަހު ޗައިނާއިން އެހީތައް އޮހޭނެޔޭ ހީވިހެން ޑރ. ވަހީދަށް އެންވޯއިކަން ދީގެން ޕްރިންސް މުހައްމަދު ބިން ސަލްމާން ގާތަށް ނާށިގަނޑު ދީފާ ފޮނުވައިގެން ބައިވަރު ގަޑެއް ލިބޭނެ ކަމަށް ހީވީހެއްޔެވެ.